ހޭނެތިގެން ވެއްޓި ފާހާނާ ޓަބް ތެރެއަށް ގެނބިގެން މަރުވި ބޮލީވުޑްގެ މަސްހޫރު ބަތަލާ ސްރީ ދޭވީ މަރުވި ހާދިސާ އާއި ގުޅިގެން އޭނާގެ ފިރިމީހާ، ބޮނީ ކަޕޫރުގެ ބަޔާން މިއަދު ދުބާއީ ފުލުހުން ނަގައިފިއެވެ.

ސްރީ ދޭވީ ބާތުޓަބް ތެރޭގައި މަރުވެފައި އޮއްވާ ފުރަތަމަ ފެނުނީ ބޮނީ ކަޕޫރު އަށެވެ. އެހިސާބުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ދުބާއީ ފުލުހުން ވަނީ މިއަދު ސްރީ ދޭވީގެ ފިރިމީހާ ޕޮލިސް ސްޓޭޝަންއަށް ގެންގޮސް ތަހުގީގަށް އޭނާގެ ބަޔާނެއް ނަގާ އޭނާ ދުބާއީގައި ހުންނަ ހޮޓަލަށް ފޮނުވާފައެވެ. ދުބާއީ ސަރުކާރުގެ އިސް އޮފިސަލަކު ވަނީ މިހާރު އެމައްސަލަ "ދުބާއީ ޕަބްލިކް ޕްރޮސެކިއުޝަން" އަށް ފޮނުވާފައިވާ ކަމަށާއި އެމައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތަށް އެފަރާތުން އަޅާނެކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

ހާޓް އެޓޭކެއް ޖެހިގެން ސްރީދޭވީ މަރުވިކަމަށް ކުރިން ރިޕޯޓްކުރިޔަސް ދުބާއީ ފުލުހުން ބުނަނީ ސްރީ ދޭވީ މަރުވެފައި ވަނީ ބާތުޓަބްގައި އޮއްވައި ހޭނެތިން ޓަބް ތެރެއަށް ގެބިގެން ކަމަށެވެ. އަދި މިއަދު ސްރީ ދޭވީގެ ހަށިގަނޑު އިންޑިޔާއަށް ގެންދިޔުމަށް ހަމަޖެހިފައިވީ ނަމަވެސް އިތުރު ޓެސްޓް ތަކެއް ހަދަންޖެހޭތީ ހަށިގަނޑު ގެންދިޔުން ލަސްވެދާނެކަމަށް މިއަދު ދުބާއީ ފުލުހުން ވަނީ ބުނެފައެވެ.

ސްރީ ދޭވީގެ އާއިލާއިން އޭނާގެ މަރާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ސްރީ ދޭވީ މަރުވުމާއި ގުޅިގެން މުޅި ބޮލީވުޑް އާއިލާއިން ދަނީ އެކަމާއި ހިތާމަ ފާޅުކުރަމުންނެވެ. އަދި ގިނަ ބަޔަކު ދަނީ އެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.