"ދުނިޔޭގެ އެންމެ ފިޓް އަންހެން މީހާ" އަކީ ކޮންމެ އަހަރަކުވެސް ހޮވަމުން އަންނަ ލަޤަބެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުން އެކި ޤައުމުގެ މީހުން މި ލަޤަބަށް ވާދަ ކުރާއިރު، މިއީ ޚާއްސަ ގޭމެއްގެ ބާއްވައިގެން ނެގޭ ވޯޓަކުން ހޮވޭ އެއްޗެކެވެ.

މިއަހަރުގެ "ދުނިޔޭގެ އެންމެ ފިޓް އަންހެން މީހާ" ހޮވުމުގެ ގޮތުން ބާއްވާ ކްރޮސް ފިޓް ގޭމްސް އެމެރިކާގެ ވިސްކޮސިންގައި މިއަންނަ އޯގަސްޓް މަހު 1 ކުން 5 ކަށް ކުރިޔަށް ދާއިރު، މީގައި ބައިވެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ ކްއަލިފިކޭޝަން ރައުންޑްތަކެއް މިވަނީ މީގެ ކުރިން ބާއްވާފައިއެވެ.

މިއަހަރު "ދުނިޔޭގެ އެންމެ ފިޓް އަންހެން މީހާ" ހޮވުމުގެ މުބާރާތުގައި ގިނަ ޤައުމުތަކަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާއިރު، އެންމެންގެ ލޯވެސް ހުއްޓިފައި ހުރީ ވިދި ވިދިގެން 2 އަހަރު މި ލަޤަބު ހޯދި އައިސްލޭންޑްއަށް އުފަން ކެޓްރިޑް ޑޭވިސްޑޯޓީއަށެވެ.

2015 ވަނަ އަހަރު އަދި 2016 ވަނަ އަހަރުވެސް މިމުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދި ކެޓްރިޑްއަށް 2017 ވަނަ އަހަރުވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ލާފައެވެ. ކެޓްރިޑް ބުނި ގޮތުގައި މިނާކާމިޔާބީއަކީ އޭނާއަށް އޭނާގެ ލަނޑުދަނޑި ހާސިލް ކުރުމަށްވާން ޖެހޭ ވަރަށް ތައްޔާރު ވެވުފައި ނުވުމުން ދިމާވި ކަމެއް ކަމަށެވެ.

ކެޓްރިޑް މިއަހަރުގެ މުބާރާތުން ފެނިގެންދާއިރު، މެއި މަހުގައި ބޭއްވި ކުއަލިފިކޭޝަން ރައުންޑްގައި އޭނާވަނީ ތަފާތު ތަކެއް ދައްކާފައެވެ. ކެޓްރިޑް ބުނެފައިވަނީ މުޅި ދުވަސް އޭނާގެ ހަށިގަނޑު ތައްޔާރު ކުރުމަށް ހުސްކޮށްލާފައިވާއިރު، މިއަހަރުގެ މުބާރާތަށް ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ. އަދި "ދުނިޔޭގެ އެންމެ ފިޓް އަންހެން މީހާ" ލަޤަބު އަނެއްކާވެސް އޭނާ ހޯދާނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު