އެމެރިކާގެ އޮހިއޯ ލަބްރަރީ އަކުން ވަގަށް ނެގި ފޮތެއް 50 އަހަރު ފަހުން ލައިބްރަރީއާ ހަވާލު ކޮށްފިއެވެ.

ސިންސިނާޓީ ޕަބްލިކް ލައިބްރަރީ އިން ބުނީ، "ތާޒަން އެންޑް ތާޒަން ޓުވިންސް" ގެ މި ފޮތް މީގެ 50 އަހަރު ކުރިން ލައިބްރަރީން ވަގަށް ނަގާފައިވާއިރު، މިހާރު އެ ފޮތް އަނބުރާ ރައްދު ކޮށްފައިވާ ކަމަށެވެ.

މި ފޮތް އަނބުރާ ލައިބްރަރީއާ ހަވާލުކުރީ ޕޯސްޓް މެދުވެރިކޮށެވެ. އަދި ފޮތް ރައްދު ނުކުރެވި ދިގުލައިގެން ދިޔައީ ކީއްވެގެންކަން އަންގައި ދިނުމަށް ނޯޓެއް ވެސް ވަނީ ފޮތާއެކު ފޮނުވާފައެވެ.

"މި ފޮތަކީ 1973-1972 ހިސާބުގައި އަހަރެންގެ ޒުވާން ދުވަސްވަރު ސިންސިނާޓީ ލައިބްރަރީ އިން ނެގި ފޮތެއް. މި ފޮތަކީ ރަޖިސްޓްރީ ކޮށްގެން އަހަރެން ނެގި ފޮތެއް ނޫން. އަހަރެން އުންމީދު ކުރަން މި ފޮތަކީ ބޭނުން ކުރެވޭ ހާލަތުގައި އޮތް ފޮތެއް ކަމަށް" ފޮތާއެކު ފޮނުވި ނޯޓުގައި ބުނެފައި ވެއެވެ.

މި ނޯޓުން ދޭހަވަނީ އެ ފޮތަކީ ވަގަށް ނެގި ފޮތެއް ކަމެވެ. ނަމަވެސް ފޮތް އަނބުރާ ރައްދުކުރީ ކީއްވެގެން ކަމެއް ނޯޓުގައި ބުނެފައެއް ނުވެއެވެ.

އެމެރިކާގެ އެހެން ލައިބްރަރީއަކަށް ދާދި ފަހުން ވަނީ 70 އަހަރު ކުރިން ނެގި ފޮތެއް ވެސް ހަވާލު ކޮށްފައެވެ. އެއީ އެކަމަކު ރަޖިސްޓްރީ ކޮށްގެން ނެގާފައިވާ ފޮތެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.