އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސްގެ އަގުލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީން ހޯދައިފިއެވެ. ނަމަވެސް ސެނެޓްގެ އަގުލަބިއްޔަތު ވަނީ ވެރިކަން ކުރާ ޑިމޮކްރަޓިކުން ހޯދާފައެވެ.

ހައުސްގެ އަގުލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ކަށަވަރުވީ 218 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. ވެރިކަން ކުރާ ޑިމޮކްރަޓިކުންނަށް ލިބުނީ 209 ގޮނޑިއެވެ. އިންތިހާބު ނިމުނުތާ ހަފްތާއެއް ވެގެން ދިޔައިރު އަދިވެސް ހަތް ދާއިރާގެ ވޯޓް ގުނައި ނުނިމެއެވެ.

މިހާރު ހިނގަމުންދާ ހައުސްގެ ދައުރުގައި އަގުލަބިއްޔަތު އޮތީ މިހާރު ވެރިކަމުގައި އޮތް ޑިމޮކްރަޓިކް ޕާޓީއަށެވެ. އެއީ އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުއްޓާ އައި މިޑް ޓާމް އިލެކްޝަންސް ކާމިޔާބު ކޮށްގެންނެވެ.

ރިޕްލިކަން ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަށް ނިކުތީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރާނެ ކަމަށް ބުނަމުންނެވެ. ހާއްސަކޮށް އެމެރިކާގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުން ފަދަ މައްސަލަތަކުގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ކުޑަވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އިންތިހާބުގައި ހީކުރިވަރުގެ ބޮޑު ކާމިޔާބެއް ރިޕަބްލިކަނުންނަށް ވެސް ނުހޯދުނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް އަލަށް ހޮވުނު މެންބަރުން ހުވާ ކުރާނީ އަންނަ ޖަނަވަރީ މަހުގެ 03 ވަނަ ދުވަހު އެވެ.

ރިޕަބްލިކަން ޕާޓީއަށް ހައުސްގެ އަގުލަބިއްޔަތު ލިބުމަކީ އެމެރިކާގެ ޑިމޮކްރަސީއަށް ވެސް އޮތް ނުރައްކަލެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ބައިޑެން އިޝާރާތް ކުރަނީ ރިޕަބްލިކަން ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ލިބިއްޖެނަމަ ދަރިން ވެއްޓުން މަނާ ކުރުން ފަދަ ގާނޫނުތައް ހަދަން މަސައްކަތް ކޮށްފާނެތީ އެކަމަށެވެ. އަދި އެއްޖިންސުން ކައިވެނި ކުރުން މަނާ ކުރުން ފަދަ ކަންތައްތަކާއި ޓްރާންސްޖެންޑާ މީހުންނަށް ހުރަސްތައް ކުރިމަތިކުރަން ރިޕަބްލިކަން ޕާޓީ ގާނޫނުތައް ހެދުމުގެ ފުރުސަތު އޮތުމުން ބައިޑެން އިޝާރާތް ކުރަނީ އެފަދަ ކަންކަމަށް ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

ރިޕަބްލިކަން ޕާޓީގެ ސިޔާސަތަކީ ހުރިހާ ކަމެއް ވާން ހުރިގޮތަކަށް ދޫކޮށްލުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ ހިފެހެއްޓުންތަކެއް ގެންގުޅުމެވެ. ނަމަވެސް ޑިމޮކްރަޓިކް ޕާޓީ އަކީ ކޮންމެ ކަމެއް ވެސް ކުރަން ފެންނަ ގޮތަކަށް ކުރަން ބާރުއަޅާ ސިޔާސަތެއް ގެންގުޅޭ ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަހުޔާ

    އެމެރިކާގެ ގައި މަދުފަހަރަކު ނޫނީ ކުރީގައި އުޅޭނީ ޑިމޮކްރަސީ ގެ ހަމަތަކާ ދުރު ތަޅާފޮޅުމާއި ހަގުރާމަ ތަކަށް ލޯބިކުރާ މުސްލިމުންގެ މައްޗަށް ޢަދާވާތްތެރި ޕާޓީއެކެވެ.

    6
    1
    • ޖުހާ.

      އެނޫން ޕާޓީއެއް އެމެރިކާގަ އޮވޭތަ. މުސްލިމުންވެސް މުސްލިމުންނާ ދުސްމަނު.

      2
      1