ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ލޯބި ފެށުނު ގޮތް ކިޔައިދީފިއެވެ.

ކެޓްރީނާއާއި ވިކީގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އެތައް އަޑުތަކެއް މީޑިއާގައި ކުރިން ފެތުރުނެވެ. ހަމައެގޮތަށް އެ ދެ ފަންނާނުންގެ ކައިވެނީގެ ވާހަކަތައް ވެސް މީޑިއާގައި ވަރަށް ގަދައަށް ދެކެވުނެވެ. ނަމަވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމާއި ކައިވެނީގެ ވާހަކަތައް ކެޓްރީނާ އަދި ވިކީ ވެސް ކުރިން ޔަގީން ކޮށްދީފައެއް ނުވެއެވެ.

މީގެ ކުރިން މީޑިއާގައި ދެކުވުނު މި ވާހަކަތަކާއި ބެހޭގޮތުން އަދި އެ ދެ ފަންނާނުންގެ ގުޅުން ބަދަހިވެގެން ދިޔަ ގޮތް ކެޓްރީނާ ވަނީ ކަރަން ޖޯހަރްގެ ޝޯ ''ކޮފީ ވިތު ކަރަން'' ގެ ހަތްވަނަ ސީޒަންގެ އެޕިސޯޑެއްގައި ހިއްސާ ކޮށްފައެވެ.

ފިލުމު ''ފޯން ބޫތު'' ގެ ކާސްޓުން ކަމަށްވާ ކެޓްރީނާ އާއި އިޝާން ޚައްތަރުއާއި ސިދާތު ޗަތުރަވޭދީ ބައިވެރިވި މި އެޕިސޯޑުގައި ވިކީއާއި ކެޓްރީނާގެ ލޯބި ފެށިގެން އައި ކިހިނެއް ތޯ ކަރަން ސުވާލު ކުރިއެވެ.

''އެއީ ވަރަށް މަޖާ ކަމެއް. މީޑިއާގައި އަހަރެންނާއި ވިކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް ފެތުރުނު އިރު އެކަހަލަ އެއްވެސް ގުޅުމެއް އެއިރު ނެތް. ވިކީއާއި އެންމެ ފުރަތަމަ ދިމާވީ ވެސް ސްކްރީން އެވޯޑްސް ހަފުލާއިން. ވިކީއާއި އަހަރެންގެ ގުޅުމަކީ ލިޔެފައިވާ ގުޅުމެއް. މިއީ ހީނުކުރާ ކަހަލަ ގޮތަކަށް ދިޔަ ކަމެއް. ވިކީއާއި ގަޔާވާ ވާހަކަ އަހަރެން އެންމެ ފުރަތަމަ ބުނީ ޒޯޔާ އަޚްތަރުގެ ގާތު'' ކެޓްރީނާ ބުނެފައިވެއެވެ.

ވިކީއާއި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.