ބޮލީވުޑްގައި މިހާރު އަރަމުން އަންނަ އެއް ނަމެއްގައި ގޮތުގައި ފާހަގަކޮށްލެވޭ ވިކީ ކައުޝަލް، މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާ ކައިވެނިކޮށްގެން އުޅޭތާ އަހަރެއް ވެއްޖެއެވެ. އެ ކައިވެނީގެ ކޮންމެ ކަމެއްވެސް ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ވިކީ ދެކޭއިރު، އެ ކައިވެނީގެ ތެރޭގައި ދިމާވާ ތަފާތު އެކި ކަންކަންވެސް އޭނާ ހިއްސާ ކުރާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ވިކީ މިފަހަރު މި ވަނީ ކެޓްރީނާ މުވައްޒަފުންނާއެކު ކޮންމެ ހަފްތާއަކު ބަޖެޓް ބައްދަލުވުން ބާއްވާ ކަަމަށް ބުނެފައެވެ.

ވިކީ ފާހަގަކުރިގޮތުގައި އެންމެ މަޖާ ކަމަކަށް އޭނާއަށް ފާހަގަކުރެވެނީ ގޭގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އެއްކޮށްގެން ކެޓްރީނާ ބާއްވާ ހަފްތާގެ ބައްދަލުވުމެވެ. ގޭގައި ބާއްވާ އެ ބައްދަލުވުމުގައި ގޭގެ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަދައްކާ ކަމަށް އޭނާ ހިއްސާކުރިއިރު، ގެއަށް ހަރަދުވާ ވަރާއި ކަންކަން އޭނާ އަހާ އޮޅުން ފިލުވާ ކަމަށްވެސް ވިކީ ފާހަގަކޮށްފައިި ވެއެވެ.

އަދި އެފަދަ ބައްދަލުވުންތައް އޭނާއަށް ވަރަށް މަޖާ ކަމަކަށްވާއިރު، އެ ބައްދަލުވުންތައް މަޖާ ކަމުން ޕޮޕްކޯން ހިފައިގެން އެ ބައްދަލުވުންތައް ކުރިއަށްދާ ގަޑީގައި ހުންނަ ކަަމަށް ވިކީ ބުނެފައި ވެއެވެ.

އިތުރަށް ވިކީ ބުނާގޮތުން، އޭނާ އެއްޗެއް ގަންނަން ބޭނުންވާނަމަ ބަޖެޓަށް ބަލައިގެން އުޅެން ޖެހޭނެ ކަމަށް ކެޓްރީނާ ބުނާ ކަމަށާއި، އެކަމަކު ކެޓްރީނާ އެއްޗެއް ގަންނަން ބޭނުންވާނަމަ އެވަރަށް ހަރަދު ކުރަނީ ކީއްވެތޯ ޝަކުވާކޮށްފިނަމަ، އެ ގަންނަން ވަރަށް ބޭނުންވާ ކަމަށް ބުނެ ކެޓްރީނާ ވާހަކަދައްކާ ކަަމަށް އޭނާ ބުނެފައި ވެއެވެ.