ބޮލީވުޑުގެ އެކްޓަރ އަނިލް ކަޕޫރަކީ އޭނާގެ އުމުރަށް ވުރެ ޒުވާންކޮށް ހުންނަ ކަމަށް އެންމެން ވެސް ބުނާ ފަންނާނެކެވެ. އަދި އެކަމުގެ ސިއްރު އަނިލް ކަޕޫރު ހާމަކޮށްފިއެވެ.

ބޮލީވުޑު ފަންނާނުންގެ ޒާތީ ގިނަ ވާހަކަތަކެއް ހިއްސާ ކުރާ ޝޯއެއް ކަމުގައިވާ ކަރަން ޖޯހަރްގެ ''ކޮފީ ވިތު ކަރަން'' ގެ ހަތްވަނަ ސީޒަންގެ ކުރިއަށް އޮތް އެޕިސޯޑުގެ ޓްރެއިލާގައި އަނިލް ކަޕޫރުގެ މި ސިއްރު ހާމަކޮށްފައިވެއެވެ.

އަނިލް ކަޕޫރާއި ވަރުން ދަވަން ބައިވެރިވި މި ޝޯގައި އަނިލް ކަޕޫރު ޒުވާންކަންމަތީ ހުރުމުގެ 3 ސަބަބެއް ބުނެދިނުމަށް ކަރަން ސުވާލު ކުރުމުން އަނިލް ކަޕޫރު ބުނެފައިވަނީ އެއް ކަމެއް ތިން ފަހަރަށެވެ. އެކަމަކީ ''އަނބިފިރި ކަމުގެ ގުޅުން'' ކަމަށެވެ.

އަނިލް ކަޕޫރު މިހެން ބުނުމުން ޝޯ ހުށަހަޅައިދޭ ކަރަންއާއި ވަރުން ވަރަށް ބާރަށް ހީގަތެވެ. އެ ދެ ފަންނާނުން ހީގަތުމުން އަނިލް ކަޕޫރު ބުނެފައިވަނީ އެއީ އޭނާ އަސްލު ބުނަން ބޭނުންވި އެއްޗެއް ނޫން ކަމަށާއި އެއީ އެ ޝޯގެ ސްކްރިޕްޓްގައި ލިޔެފައި އޮތް ގޮތް ކަމަށެވެ.

މި ޝޯގައި ކެތުރީނާ ކެއިފްއާއި ދީޕިކާ ޕާޑުކޯންގެ ތެރެއިން ވަރުން އެކުގައި މަސައްކަތް ކޮށްލަން ބޭނުންވާ ފަންނާނަކީ ކޮބައިތޯ ސުވާލު ކުރުމުން ވަރުން ބުނެފައިވަނީ އޭނާއަކީ އަދި ކުޑަ ކުއްޖެއް ކަމަށެވެ.

ވަރުން މިހެން ބުނުމުން ކަރަންގެ އިތުރުން މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ ދީޕިކާއާއި ކެތުރީނާ މުސްކުޅި ވީ ކަމަށް ވަރުން ބުނި ކަމަށެވެ.