ބޮލީވުޑްގައި މަޝްހޫރުކަން ހޯދަމުން ދަނިކޮށް މަރުވި ސުޝާންތް ސިންގ ރާޖްޕުތްގެ މަރާއި ގުޅޭގޮތުން، އާމިރް ޚާންގެ ކޮއްކޮ ފައިސަލް ޙާން ވާހަކަ ދައްކައިފިއެވެ.

އުމުރުން 34 އަހަރުގައި މަރުވި ސުޝާންތް ފެނިފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓްގައި ދަންޖެހިފައި ހުއްޓާއެވެ. އެ މަރުގެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުންވެސް އެތައް ދުވަހެއް ވަންދެން ތަހުގީގު ކުރިއެވެ.

އޭނާގެ ކުއްލި މަރާއެކު އެތައް ބަޔަކަށް ނުރުހުމުގެ އިނގިލި ދިއްކުރެވެން ފެށިއެވެ. އަދި އެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ސުޝާންތްގެ ކުރީގެ ލޯބިވެރިޔާ ރިއާ އާއި އޭނާގެ ކޮއްކޮވެސް ހައްޔަރު ކުރިއެވެ.

މިފަހަރު އެ މަރާއި ގުޅޭގޮތުން ފެންމަތިވެފައި ވަނީ އާމިރް ޚާންގެ ކޮއްކޮ އަދި ފިލްމީ ތަރި ފައިސަލް ޚާން ދެއްކި ހައިރާންވާވަރުގެ ވާހަކަަތެކެވެ.

ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ފައިސަލް ބުނީ، ސުޝާންތް މަރާލީކަން އޭނާއަށް އެނގޭ ކަމަށެވެ.

"މައްސަލަ ހުޅުވޭނީ ކޮންއިރަކުންތޯ ނުވަތަ ނޫންތޯ، ހަމައެކަނި ވަގުތު ޖެހުމުން ބުނާނެ. މިކަމުގައި ވަރަށްގިނަ އޭޖެންސީތައް ހިމެނޭ. ތަހުގީގު ކުރިއަށް އެބަދޭ. ބައެއް ފަހަރު ހަގީގަތްވެސް ހާމަ ނުވެދާނެ. އަޅުގަނޑުގެ ދުއާއަކީ، ހުރިހާ މީހުންނަށްވެސް އެނގޭނެ ގޮތަށް، ހަގީގަތް ހާމަކޮށްދިނުން".