ޓްވިޓާ އެކައުންޓް ވެރިފައިކޮށް ނޫ ފާހަގަ ލިބޭ ހިދުމަތް ދޭން އަލުން ފަށާނީ ދެ ހަފްތާ ފަހުން ކަމަށް ޓްވިޓާގެ ވެރިޔާ އެލޯން މަސްކު ބުނެފިއެވެ.

މަސްކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ޚިދުމަތް އެންމެ ފުރިހަމަކުރުމުގެ ގޮތުން، މި ހިދުމަތް އަލުން ދޭން ފެށުން ދެ ހަފްތާ ލަސްކުރަނީކަމުގައެވެ. މިއާއެކު ދެން އެކައުންޓްތައް ވެރިފައިކުރެވޭނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

މަސްކު ޓްވިޓާއާއި ހަވާލުވެ އޭގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކުގެ ދަށުން އަށް ޑޮލަރުގެ އަގަކަށް ކޮންމެ މީހަކަށްވެސް ޓްވިޓާ އެކައުންޓް ވެރިފައިކޮށް ނޫ ފާހަގަ ލިބޭގޮތަށް ބަދަލުކުރުމުން ނޫ ފާހަގަ ޖެހި ފޭކް އެކައުންޓުތަކުން މުޅި ޓްވިޓާ ފުރާލިއެވެ. އޭގެ ތެރޭގައި މަޝްހޫރު އެތައް ފަރާތްތަކާއި ބޮޑެތި އެތައް ކުންފުންޏެއްގެ ނަމުގައި ހަދާފައިވާ ފޭކް އެކައުންޓްތައް ހިމެނެއެވެ. އެއާއެކު މިދިޔަ ހުކުރު ދުވަހު ޓްވިޓާއިން ވަނީ މި ހިދުމަތް މެދުކަނޑާލާފައެވެ. އަދި އަރާފައިވާ އޮޅުންބޮޅުންގަނޑު ފިލުވުމުގެ ގޮތުން ނޫ ފާހަގައިގެ ބަދަލުގައި މަޝްހޫރު ފަރާތްތަކާއި ބޮޑެތި ކުންފުނިތަކުގެ އެކައުންޓުތަކުގައި ވަނީ "އޮފިޝަލް" ބެޖެއް ޖަހައިފިއެވެ.

މަސްކު ކުރި ޓްވީޓުގައި އިތުރަށް ބުނެފައިވަނީ އަލަށް ހުޅުވާލާ ސަބްސްކްރިޕްޝަން ހިދުމަތުގެ ދަށުން ވެރިފައިކުރި އެކައުންޓުގެ ނަން ބަދަލުކޮށްފިނަމަ ނޫ ފާހަގަ ގެއްލިގެންދާނެކަމުގައެވެ. އަދި އަލުން އެ ނޫ ފާހަގަ ލިބޭނީ ޓްވިޓާގެ ހިދުމަތުގެ ގަވާއިދުތަކުގެ މަތިން ޓްވިޓާއިން އެ ނަން ޔަގީންކުރުމަށްފަހުގައެވެ.

ޓްވިޓާގެ ނޫ ފާހަގައަކީ ކުރިން މަޝްހޫރު ނުވަތަ މުހިންމު ފަރާތްތަކުގެ އެކައުންޓްތަކަށް ހިލޭ ދޫކުރި ފާހަގައެކެވެ. މިއީ ޓްވިޓާ ގެ ތެރޭގައި ނަކަލު އެކައުންޓްތައް ވަކިކޮށް އަސްލު ފަރާތްތައް ދެނެގަތުމަށް ވަރަށް މުހިންމު ފާހަގައެކެވެ.

މަސްކު ވަނީ ކުރިން އޮތް ޕޮލިސީއަކީ "މުއްސަނދި ސާހިބުންނާއި ފަގީރު ދަށް ފަންތީގެ މީހުން" ޓްވިޓާގައި ތިބޭ ފަދަ ގޮތަށް އޮތް ޕޮލިސީއެއްކަމަށް ބުނެ ފާޑުކިޔާފައެވެ.

މަސްކު ޓްވިޓާއާއި ހަވާލުވިފަހުން ކުރިން ޓްވިޓާއާއިއެކު މަސައްކަތްކުރި އެތައް ފަރާތަކުން، މަސްކާއި އެކު މަސައްކަތްކުރަން ބޭނުން ނޫންކަން ދަނީ ހާމަކުރަމުންނެވެ.

މަސްކު ޓްވިޓާއަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ބޮޑެތި އެތައް ކުންފުނިތަކަކުންވެސް މިހާރު ވަނީ ޓްވިޓާގައި އިޝްތިހާރުކުރުން ހުއްޓާލާފައި ނުވަތަ މަޑު ޖައްސާލާފައެވެ. ޓްވިޓާގެ ގާތްގަނޑަކަށް 90 އިންސައްތަ އާމްދަނީ ލިބެނީ ބޮޑެތި ކުންފުނިތަކުން ކުރާ އިޝްތިހާރުތަކުންނެވެ.