ޕްރިންސް ހެރީ އާއި އޭނާގެ އަނބިމީހާ މޭގަން މާކެލް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި އަދި އެހެން ފަރާތްތަކުން ވެސް މޭގަން އާއިމެދު ކަންތައްތައް ކުރި ގޮތުގެ ކުރިން އަޑުއިވިފައި ނެތް އެތައް ވާހަކައެއް ހާމަކުރާނެ ކަމަށް ބެލެވޭ ޑޮކިއުމެންޓްރީގެ ޓްރޭލާ އާއްމު ކޮށްފިއެވެ.

"ނެޓްފްލިކްސް" އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ފުރަތަމަ ޓީޒާ އާއްމު ކުރީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ހަތް މިލިއަން މިހާރު ބަލާފައިވާ އެ ޓީޒާގައި ފެންނަނީ ފޮޓޯތަކަކާއި، ހެރީ އާއި މޭގަންގެ އިންޓަވިއުގެ ތަންތަންކޮޅެވެ.

ނަމަވެސް މިއަދު ނެޓްފްލިކްސް އިން ވަނީ އިތުރު ޓްރޭލާއެއް އާއްމުކޮށްފައެވެ. މިއަދު އާއްމުކުރި ޓްރޭލާގައި ހެރީ ވަނީ ކައިވެންޏަށް ފަހު ޝާހީ އާއިލާގެ ތެރެއަށް ވަންނަން ޖެހުނު އޭނާގެ މަންމަ ޑަޔާނާ އާއި އޭނާގެ އަނބިމީހާ މޭގަން އަށް ތަހައްމަލް ކުރަން ޖެހުނީ ވަރަށް ވޭންދެނިވި ދުވަސްތަކެއް ކަމަށް ބުނެފައެވެ.

"އާއިލާގެ ތެރޭގައި އޮވޭ ހައިރާކީއެއް. އެންމެނަށް ވެސް އެނގޭނެ ވާހަކަތަކެއް ލީކްވަމުން ދިޔަކަން. އަދި ބައެއް ވާހަކަތަކަކީ ގަސްދުގައި އުފައްދައިގެން ދެއްކި ވާހަކަތަކެއް." ހެރީ ބުންޏެވެ.

މޭގަން ހެރީ އާއި ކައިވެނި ކުރުމުން އާއްމުން މޭގަން އަށް މަރުހަބާކީ "ރޮކް ސްޓާއަކަށް" މަރުހަބާ ކިޔާ ގޮތައް ކަމަށާއި ނަމަވެސް ފަހުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ކަމަށް ޓްރޭލާގައި ބުނެފައި ވެއެވެ.

ޓްރޭލާގައި މޭގަން ބުނީ "އެމީހުން އަހަރެންނަށް ސަލާމަތާއި ރައްކާތެރިކަން ނުދޭނެކަން އަހަރެންނަށް އެނގުނު" ކަމަށެވެ.

ހެރީ ޓްރޭލާގައި އިތުރަށް ބުނީ "ހުރިހާ ކަމެއްގެ ހަގީގަތް ވެސް އަހަރެމެންނަށް އެނގޭ." ކަމަށެވެ.

ހެރީ އާއި މޭގަންގެ ޑޮކިއުމެންޓްރީގެ ފުރަތަމަ ވޮލިއުމް ދައްކާނީ ޑިސެމްބަރ 08 ވަނަ ދުވަހު އެވެ. ދެވަނަ ވޮލިއުމް ދައްކާނީ ޑިސެމްބަރ 15 ވަނަ ދުވަހު އެވެ.

ހެރީ އާއި މޭގަން ވަނީ މީގެ ތިން އަހަރު ކުރިން ޝާހީ އާއިލާގެ އިމްތިޔާޒުތައް ދޫކޮށްލުމަށް ފަހު ދިރިއުޅުން އެމެރިކާ އަށް ބަދަލުކޮށްފައެވެ. ހެރީ އާއި ޝާހީ އާއިލާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައުލާ

    ކާންބޯން އެކިމީހުން ކުރާނީ އެކި މަސައްކަތް. ބޭކާރު ވާހަކަ ވިއްކާގެން އުޅޭދެމީހުން މީ

    13
    4
    • އިގިރޭސި

      ބޭކާރެއްނޫން. ސާހީ އާއިލާއަކީ އިގިރޭސިންނަށް ބަލަދު އަރާފައިވާ ބައެއް. އެކަން ހުއްޓޭނީ އެވާހަކަ ދައްކައިގެން

      6
      3