އެމެރިކާގެ އެކްޓަރ ވިލް ސްމިތް އޭނާ ކުޅުނު އެންމެ އުނދަގޫ ރޯލާއި ގުޅޭގޮތުން ވާހަކަ ދައްކައިފިއެވެ.

ވިލް ސްމިތް މިވާހަކަ ދައްކާފައިވަނީ އޭނާގެ އަނބިމީހާ ޖާޑާ ޕިކެޓް ސްމިތްގެ ސީރީސް ކަމަށްވާ "ރެޑް ޓޭބަލް ޓޯކް" ގައެެވެ. ވިލް ބުނެފައިވާގޮތުގައި އޭނާ އަށް ޖޭންގޯ އަންޗޭންޑް ފިލްމުގެ ރޯލެއް ލިބުމުންވެސް އޭނާ އެކަމަށް އިންކާރުކުރީ އާއިލީ ބައްދަލުވުމެއްގައި އެވާހަކަ ދެއްކުމުން އޭނާގެ ދަރިންގެ މޫނުން ފެނިގެން ދިޔަ ކުލަވަރުގެ ސަބަބުން ކަމަށެވެ.

ވިލް ސްމިތް އޭނާއަށް އެންމެ އުނދަގޫވި ރޯލުގެ ވާހަކައަކީ އޭނާ އެންމެ ފަހުން ކުޅުނު "އެމާންސިޕޭޝަން" ފިލްމްގެ ވާހަކައެވެ. މި ފިލްމުގައިވެސް ވިލް ދައްކައިދެނީ ކަޅު ނަސްލުގެ އަޅެއްގެ ރޯލެވެ. ވިލް ބުނެފައިވާ ގޮތުގައި އޭނާ ފަހުން ކުޅުނު ފިލްމުން ބޮޑަށް ދައްކައިދެނީ އަޅުވެތިކަމަށްވުރެ ގިނައިން މިނިވަން ކަން ކަމަށެވެ. ސްމިތް ފެންކަޅިވެހުރެ ވަނީ އެފިލްމުގެ ތަންކޮޅެއް ކިޔައިދީފައެވެ. އެއީ ޗަކަ ފެންގަނޑެއްގައި ހުރެ ކަލާނގެއަށް ސަނާ ދަންނަވާ މަންޒަރެވެ.

މިއީ ހަގީގީ ވާހަކައެއްގެ މައްޗަށް ގެނެސްދީފައިވާ ފިލްމެކެވެ.

ސްމިތް އޭނަ ދަރިންނަށް އިޝާރާތްކޮށް ބުނެފައިވަނީ "އަހަންނަށް މި ފިލްމުން ދަސްވި އެއްޗެއް ތިކުދިންނާއި ހިއްސާކޮށްލަން ބޭނުން، އެއީ މި ދިރިއުޅުމުގައި އެއްވެސް މީހަކަށް އުނދަގޫ ކަންތައްތަކާއި ދިމާނުވެ ނުދާނެ، ނަމަވެސް އަބަދުވެސް އެކަންކަމާއި ކުރިމަތިލައި އުނދަގޫތައް ތަހައްމަލް ކުރަން ޖެހޭނެ" ކަމަށެވެ. ދިރިއުޅުމުގެ އުނދަގުލުން ފަސޭހަ މަގު ފެނިގެންދާނެކަމަށްވެސް ސްމިތް ބުނެފައިވެއެވެ.

ސްމިތް ވަނީ މީގެ އިތުރުން މިފިލްމުގައި ދައްކައިދޭ ލާއިންސާނީ ދަށުދަރަޖައިގެ މަންޒަރުތަކުން އޭނައަށް ކުރި އަސަރުތަކުގެ ވާހަކަތައް ދައްކާފައެވެ. މިފިލްމުގައި ނުބައި ރޯލު އަދާކުރި ބެން ފޮސްޓާވަނީ ސްމިތް ފިލްމުގައި ދައްކައިދީފައިވާ މޮޅު އެކްޓިންއަށް ތައުރީފުކޮށްފައެވެ.