އެގާރަ އަހަރަށް ފަހު ޕާކިސްތާނުގެ ފިލްމެއް އިންޑިއާގައި ނެރޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގައި ނެރެން ނިންމާފައި ވަނީ ޕާކިސްތާނުގައި މި އަހަރު ވަރަށް ބޮޑު ކާމިޔާބެއް ހޯދި ބްލޮކްބަސްޓާ ފިލްމް "ދަ ލެޖެންޑް އޮފް މައުލާ ޖަޓް" އެވެ.

އެގޮތުން މާދަމާ އެ ފިލްމު އިންޑިއާގެ ސިނަމާތަކުގައި އަޅުވާނެ އެވެ. އެގޮތުން މި ފިލްމް އަޅުވާ ސިނަމާތަކުގެ ތެރޭގައި އިންޑިއާގެ ޕަންޖާބު އަދި ދިއްލީގެ ސިނަމާތައް ހިމެނެ އެވެ.

މައުލާ ޖަޓްއަކީ ޕާކިސްތާނުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ހޯދި ފިލްމެވެ. އެ ފިލްމަށް ވަނީ 10 މިލިއަން ޑޮލަރު ލިބިފަ އެވެ.

އެ ފިލްމުގައި ބޮލީވުޑްގެ ފިލްމުތައް ކުޅެފައިވާ ޕާކިސްތާނަަށް ނިސްބަތްވާ ފިލްމީ ތަރިން ކަމަށްވާ ފަވާދު ހާންއާއި މަހީރާ ހާން ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ ފިލްމެއް އިންޑިއާގައި ނެރެން އުޅޭތީ ހިންދޫންގެ ބައެއް ގްރޫޕްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ. އޭގެ ތެޜޭގައި ހިންދޫންގެ ކަނާތު ފިޔައިގެ ޕާޓީތައް ވެސް ހިމެނެ އެވެ.

އެގޮތުން ހިންދޫންގެ ޕާޓީއެއް ކަމަށްވާ މަހާރަޝްތާ ނަވްނިރްމަން ސޭނާ (އެމްއެސްއެން) އިން ބުނީ ޕާކިސްތާނުގެ ފިލްމު އިންޑިއާގައި ނެރުނަ ނުދޭނެ ކަމަށެވެ.

އެމްއެސްއެންގެ ލީޑަރު އަމޭރާ ޚޮޕްހާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ގައްދާރުންނާއި އަދި ފަވާދު ހާންގެ ފޭނުން ފިލްމު ބަލަން ބޭނުން ނަމަ ޕާކިސްތާނަށް ދާންވީ ކަމަށެވެ.

ޕާކިސްތާނުގެ ފިލްމުތަކާއި ޑްރާމާތައް މީގެ ކުރިން ވެސް އިންޑިއާގައި މަގުބޫލެވެ. އެހެން ނަމަވެސް އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުން ޕާކިސްތާނުގެ ތަރިންނަށް ބޮލީވުޑްގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވަނި ވެފައެވެ.