ޕާކިސްތާނުގައި ޒުވާން އުމުރުގައި އަންހެން ކުއްޖަކާއި، އުއްތަރް ޕްރަދޭޝްގެ ޒުވާނަކު ލޯބީގެ ވަބާގައި ޖެހުނީ އެ މީހުން ކުޅެމުންދިޔަ ގޭމެއްގެ ތެރެއިންނެވެ.

މި ދެމީހުން ކައިވެނި ކުރަން ބޭނުންވިއެވެ.

ނަމަވެސް ލިޔެކިއުންތައް ފޯޖްކޮށް ގަވައިދާ ހިލާފަށް އިންޑިއާއަށް އެތެރެވުމުގެ ސަބަބުން އުމުރުން 26 އަހަރުގެ ފިރިހެނަކާއި ޕާކިސްތާނުގެ 15 އަހަރުގެ އަންހެން ކުއްޖާ ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ މީހުން ދިރިއުޅެމުން ގޮސްފައި ވަނީ ގަވާއިދާ ހިލާފަށެވެ. އެ މައްސަލައިގައި ބެންގަލޫރުގެ ފުލުހުން ވަނީ އެ މީހުން ހިފަހައްޓާފައެވެ.

އޮންލައިން ގޭމެއް ކުޅެމުން ދަނިކޮށް އިކްރާ ޖީވާނީއާ އާއި ޕްރައިވެޓް ފާމެއްގެ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔަދަވް އާ ދިމާވެގެން، ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އަދި ދެމީހުން އެކުގައި އުޅެވޭނެ ގޮތް ހެދުމަށް ލިޔެކިޔުންތައް ހަދައި އޭނާ އިންޑިއާއަށް ގެނައުމަށް ހުރިހާ ރޭވުންތަކެއް ހެދިއެވެ.

" އޮންލައިންކޮށް ލޫޑޯ ކުޅެން އުޅުނު ދެ މީހުން މިއީ، މިދިޔަ އަހަރު އޭނާ ވަނީ ކުޑަ އަންހެން ކުއްޖަކާ ދިމާވެފައި. ދާދި ފަހުން އޭނާ ވަނީ އެ އަންހެން ކުއްޖާ ބެންގަލޫރަށް އައުމަށް އަންގާފައި. އެއީ އެ ދެ މީހުން ކައިވެނި ކުރެވޭނެ ގޮތަށް. އގޮތުން ސެޕްޓެމްބަރު މަހު ނޭޕާލް މަގުން އޭނާ އިންޑިއާއަށް ގެންދަން އެ މީހުން މަސައްކަތް ކުރި". ފުލުހުން ބުނެފައި ވެއެވެ.

މި ދެމީހުން ދިރިއުޅެމުން ދިޔައީ ބެލަންދުރު ޕޮލިސް ސްޓޭޝަންގެ ލޭބަރުންގެ އެކޮމޮޑޭޝަންތަކުގައި ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ކުރިން މި މީހުން ދިރިއުޅެމުން ދިޔައީ އެޕާޓްމެންޓެއްގައެެވެ.

ޔާދަވްއަށް ފުރަތަމަ އެ އަންހެން ކުއްޖާއަކީ ޕާކިސްތާނުގެ ހައިދަރުއާބާދަށް ނިސްބަތްވާ މީހެއް ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާއަށް އެކަން އެނގުމުން އޭނާ އެ އަންހެން ކުއްޖާއަށް ޕްރޮޕޯޒް ކުރީ ކަމަށް ވެއެވެ. ނޭޕާލްގެ ކަތުމަންޑޫގައި ކައިވެނި ކުރުމަށް ފަހު ޔާދަވް އާއި އަންހެން ކުއްޖާ އިންޑިއާއަށް އެތެރެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އިންޑިއާ-ނޭޕާލް ބޯޑަރުންނެވެ.