ބޯ ނެތް މަހެއް ތާހެއްގައި ތެޅޭ ވިޑިއޯއެއް އިންޓަނެޓްގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ.

މި ވީޑިއޯ އިން ފެނިގެން ދަނީ ތަވާއެއްގެ ތެރެއަށް ލާފައި އޮތް މަހެއް ވަރަށް ބޮޑަށް ތެޅޭ މަންޒަރެވެ. އޭރުގައި އެ ތާސް އޮތީ މަހާ އެކުގައި އުނދުން މަތީގައެވެ. އެ މަހުގެ ބޯކޮޅު ނެތް އިރު ފެންނަން އޮތީ ހަމައެކަނި ނިގޫއެވެ.

އެ ވީޑިއޯގައި ދެ ފިރިހެނަކު މަހެއް ކައްކަން އުޅޭ ތަން ފެނެއެވެ. މީގެ ތެރެއިން އެކަކު މަސް ނެގުމަށްފަހު ތެޔޮ އަޅާފައި ހުރި ތާހެއްގެ ތެރެއަށް ލާތަން ފެނެއެވެ. ތެލުގައި ޖެހުމާއެކު މަސް ތެޅެން ފަށައެވެ. އެއަށްފަހު ފެނިގެންދަނީ އެދެމީހުން ތެޔޮބުރާނެ ކަމަށް ބަލާފައި އަވަހަށް އެތަނުން ދުރަށް ޖެހިލާތަނެވެ.

އަލިފާނުގެ ހާދިސާއެއް ހިނގައިދާނެކަމަށް ބަލާފައި އެތަނުން އެކަކުވަނީ އެތާސް ނެގުމަށްފަހު ސިންކް ކައިރިއަށް ގެންގޮސްފައެވެ. މި ދެ މީހުންނަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭގިއެވެ. މި ވީޑިއޯ ލާފައިވަނީ ރެޑިޓްއަށެވެ. މިހާރު އެތައް ހާސް މީހުންނެއް ބަލާފައިވާ މި ވީޑިއޯ އަކީ އެތައް ބަޔަކު ހައިރާން ކުރުވި، އަދި ގިނަ ބަޔަކު ބިރުގަންނަވާލި ވީޑިއޯއެކެވެ.

އެ ވީޑިއޯއަށް ކޮމެންޓް ކުރަމުން އެކަކު ބުނެފައިވަނީ އެއީ ވަރަށް ތާޒާ މަހެއް ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ މިއީ ގޯޑަން ރަމްސީގެ މަޝްހޫރު ޓީވީ ޝޯކަމަށްވާ "ކިޗަން ނައިޓްމެއާސް" ގައި ބުނާ ފަދައިން "ފުރެޝް ފުރޯޒަން" ކަމަށެވެ. މި ވީޑިއޯ ބެލުމަށްފަހު އެކަކުވަނީ އަހަރެންނަކަށް އެކަހަލަ ތަނެއް ފެނިއްޖެނަމަ ދުއްވައިގަންނާނެކަމަށް ބުނެފައެވެ.

އެއް ކޮމެންޓްގައި ވަނީ މަރުވެފައިވާ ޖަނަވާރެއްވިޔަސް އޭގެ ބައެއް ސެލްތައް ބައެއް ސިގުނަލް ތަކަށް ހަރަކާތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު