ބައެއް ފަހަރު ކުޅޭ ކުޅިވަރުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެއެވެ. އެކަމަކު، ވަރަށް މަދު ފަހަރަކު މެނުވީ މި ކަހަލަ ހާދިސާއެއް މެދުވެރިވުން ވަރަށް ނާދިރެވެ.

އަހަރުމެން ވަރަށް ގިނަ ފަހަރު ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އުސް ތަންތަނުން ވެއްޓޭ ވާހަކަ އަޑުއަހަމެވެ.

ނަމަވެސް މި ގޮތަށް ވެއްޓޭ މީހުން ސަލާމަތްވާ ވާހަކައެއް ނާހަމެވެ. މި ދައްކަން މިއުޅެނީ އެމެރިކާއަށް ނިސްބަތްވާ ކްރޭގް ސްޓޭޕަލްޓަންގެ ވާހަކައެވެ.

ކްރޭގް ވަނީ ވައި ކުޑައަކާ ނުލައި 8000 ފޫޓޫ މަތިން ފުންމާލައިފައެވެ. މިއީ އޭނަ ގަސްތުގައި ކުރިކަމެއް ނޫނެވެ. 2013 ވަނަ އަހަރު 10 މާޗްގައި އޭނަ ސްކައިޑައިވް ކުރީ އޭނަގެ ރަހުމަތްތެރިޔާ ކޭޓީ ހޭންސަން އާ އެކީގައެވެ. އޭރު ކްރޭގްގެ އުމުރުން 51 އަހަރެވެ.

އެ މީހުން ފުންމާލާފައިވަނީ އެމެރިކާގެ ކެލިފޯނިއާގައެވެ. ފުންމާލުމަށްފަހު ކްރޭގް ވަނީ ވައިގެ ތެރޭގައި ސްޓަންޓެއް ހަދާފައެވެ. އެ ސްޓަންޓް ހެދުމަށްފަހު އޭނަ ވަނީ ވައިކުޑަ ހުޅުވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ ހުޅުވިފައެއް ނުވެއެވެ. އެއަށްފަހު އޭނަވަނީ ބެކްއަޕް ވެސް ހުޅުވަން މަސައްކަތް ކޮށްފައެވެ. އޭނަ ބިމުގައި ގޮސް ޖެހުނީ ވަރަށް މަޑުންނެވެ. ވެއްޓުނީ މޭބިސްކަދުރު ތަކެއްގެ ތެރެއަށެވެ.

ނޫސްތަކާ ހަވާލާދީ ކްރޭގް ބުނެފައިވާ ގޮތުގައި އޭނަ ހުރީ މަރު ނުވީމަ ވަރަށް އުފަލުން ކަމަށެވެ. އެއަށްފަހު އޭނަ ވަނީ ރަހުމަތްތެރިޔާ ކޮބައިތޯ ބަލާފައެވެ. ކްރޭގްގެ ކޮނޑުހުޅު ވަކިވުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކްރޭގް އެދުވަހު ނަގާފައިވާ ވީޑިއޯ މިހާރު ވަނީ ވައިރަލް ވެފައެވެ. އެ ވީޑިއޯގައިވާ ކޮމެންޓެއްގައި ބުނެފައިވަނީ އޭނަ ސަލާމަތްވެފައިވަނީ ވައިގެ ތެރޭގައި ބާރަށް އެނބުރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުދުހުދު

    ވަގުތު ނުޖެހެނީސް އެކަކުވެސް ނުދާނެ. ﷲގެ ކުޅަދުންވަންތަކަން މީހަމަ

    31
    1