މިދިޔަ އަހަރު މެއި މަހު އަނިޔާވެރި ގޮތަކަށް ޝްރައްދާ ވަލްކާ މަރާލީ އޭނާގެ ލޯބިވެރިޔާ އާފްތާބް އަމީން ޕޫނަމްވާލާ އާ ދެމެދު ހިނގި ޒުވާބަކަށްފަހު އޭނާގެ ރުޅި ކޮންޓްރޯލް ނުވެގެން ކަމަށް އާފްތާބް އެއްބަސްވެއްޖެއެވެ.

އާފްތާބްގެ ބަޔާނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ މެއި 18 ވަނަ ދުވަހު އާފްތާބް އާއި ޝްރައްދާ ދެމެދު ހޫނު ޒުވާބެއް ހިގި ކަމަށާއި އެޒުވާބުގެ ތެރެއިން އާފްތާބް ރުޅިގަދަވެގެން ޝްރައްދާ މަރާލީ ކަމަށެވެ. މިޒުވާބު ހިގަން ޖެހުނީ އާފްތާބަށް ނާންގާ ޝްރައްދާ އެކުވެރިއެއްގެ ގެއަށް ގޮސް އެއް ރޭ އެގޭގައި ނިދާފައި އައުމުން ކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެކުވެރިންނާއި ބައްދަލުކުރަން އާފްތާބް މަނާކޮށްފައި އޮންނާތީ ޝްރައްދާ ދިޔައީ އާފްތާބަށް ނޭގި ސިއްރުންނެވެ. އާފްތާބްގެ ފަރާތުން ލިބެމުންދާ އަނިޔާތައް އެކުވެރިންނާއި ހިއްސާ ކުރާތީ އެކުވެރިން ދިޔައީ އާފްތާބާއި ވަކިވާން ޝްރައްދާއަށް ނަސޭހަތް ދެމުންނެވެ.

މިދެމީހުން އެއް ގެއެއްގައި ދިރިއުޅޭތާ ދެ އަހަރުވެފައިވާއިރު ދެމީހުންގެ މެދުގައި މައްސަލަ ޖެހެންފެށީ ޝްރައްދާ އަބަދު ކައިވެނި ކުރަން ކިޔާތީކަމަށް އާފްތާބް ވަނީ ބުނެފައެވެ. އެދެމީހުން ރައްޓެހިވެގެން އުޅުނީ އާއިލާ އާއި ދެކޮޅަށެވެ. ޝްރައްދާގެ ހަބަރެއް ނުވެ ހަ މަހަށް ވުރެ ގިނަ ދުވަސްވުމުން އޭނަގެ ބައްޕަ ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. ޝްރައްދާގެ ފޯނުގެ ލޮކޭޝަން ބަލައިގެން އެމީހުން ދިރިއުޅެމުން ދިޔަ އެޕާޓްމެންޓް ހޯދާ ބެލުމުން ފުލުހުންނަށް ވަނީ ޝްރައްދާގެ ހަށިގަނޑުގެ ބައިތައް ފެނިފައެވެ.

ޝްރައްދާ މަރާލުމަށް ފަހު، އަފްތާބް ވަނީ ޝްރައްދާގެ ބޭންކް އެކައުންޓުގެ އެޕް ބޭނުންކޮށްގެން 54،000 އިންޑިއަން ރުޕީސްގެ ޓްރާންފާއެއް ހަދައިފަ އެވެ. އަދި އެއްވެސް ކަމެއް ނުވާކަން ދެއްކުމަށް ޝްރައްދާގެ އިންސްޓަގްރާމް އެކައުންޓުން ލޮގިންވެ ޝަރައްދާއަށްވެގެން ޕޯސްޓުތައް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައިގައި އާފްތާބާ ދެކޮޅަށް 6،636 ގަނޑުގެ ހެއްކާއި އެކު ފުލުހުން މިހާރު ވަނީ ކޯޓަށް މައްސަލަ ވައްދާފައެވެ. އޭގެތެރޭގައި އާފްތާބްގެ ބަޔާންވެސް ހިމެނެއެވެ.

އަވަށްޓެރި އިންޑިޔާގައި މިދިޔަ އަހަރު ފަހުކޮޅު ފެންމަތިވި މި މަރަކީ މުޅި އިންޑިޔާ ސިއްސުވާލި މައްސަލައެކެވެ. މެއި 18 ވަނަ ދުވަހު ޝްރައްދާ މަރާލުމަށްފަހު އޭނަގެ ހަށިގަނޑު އާފްތާބް ވަނީ 35 ބަޔަށް ބުރިކޮށްލާފައެވެ. އަދި ޑީފްރީޒްކޮށްގެން ހަށިގަނޑުގެ ބައިތައް އޭނާ ދިޔައީ އިންޑީޔާގެ ވެރިރަށް ދިއްލީގެ ޖަންގަލިތަކަށް އެކި ދުވަސްތަކުގެ މަތިން އުކާލަމުންނެވެ.

ފުލުހުން ބުނީ ޝްރައްދާ މަރާލުމަށް ފަހު ހަށިގަނޑު ބައިބަޔަށް ބުރިކޮށްފައިވަނީ ކީހަކުން ކަމަށެވެ. އަދި ދިއްލީގެ އެކި ޖަންގަލިތަކަށް އުކާފައި ހުރި ހަށިގަނޑުގެ ބައިތައް ކައްޓަށް ވެފައި ހުރި ނަމަވެސް އެ ކަށިތައް ޑީއެންއޭ ޓެސްޓު ހެދުމުން ޝްރައްދާ ބައްޕަގެ ޑީއެންއޭއާއި ދިމާވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު