މީސްމީޑިއާ އާއި ރިއަލިޓީ ޓީވީ ގެ ތަރި، އަދި ވިޔަފާރިވެރިޔާ، ޕެރިސް ހިލްޓަން އޭނާ ގެ ފިރިމީހާ، ކާޓަރ ރިއުމް އާއި އެކު ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ.

ފޭނުންނަށް ދިން ސަޕްރައިޒެއްގެ ގޮތުގައި ޕެރިސް، އޭނާގެ އިންސްޓަގްރާމް ގައި ވަނީ، ދަރިއަކު ލިބުނު ކަން، ފޮޓޯ އަކާއި އެކު އިއުލާނު ކޮށްފައެވެ. އާންމު ކޮށްފައިވާ ފޮޓޯގައި ފެންނަނީ، 41 އަހަރުގެ ޕެރިސް، ދަރިފުޅުގެ ކުޑަ ކުޑަ އަތްތިލައިގައި ހިފާލާފައިވާ ތަނެވެ.

ނޫ ކުލައިގެ ހިތެއްގެ އިމޯޖީއަކާއި އެކު، ފޮޓޯގެ ކެޕްޝަންގައި ޕެރިސް ލިޔެފައިވަނީ "ދަރިފުޅު ދެކެ މިހާރުވެސް ބަސްތަކުން ބަޔާން ނުކުރެވޭ ވަރަށް ލޯބިވާ" ކަމުގައެވެ.

ޕެރިސްއަށް ލިބިފައިވަނީ ފިިރިހެން ކުއްޖެއް ނަމަވެސް ދަރިފުޅުގެ ނަން ހާމަ ކޮށްފައެއް ނުވެއެވެ.

"ޕީޕަލް" އަށް ދިން އިންޓަވިއު އެއްގައި ޕެރިސް ބުނެފައިވަނީ މަންމަ އަކަށް ވުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"މަންމަ އަކަށް ވުމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް، އަދި އަހަރެން ވަރަށް އުފާވޭ ކާޓަރ އާއި އަހަންނާއި ދެމީހުންނަށް އެކަކު އަނެކަކު ފެނުނީތީ. އަހަރެމެން ދެމީހުން މި ތިބީ އެކުގައި އާއިލާ އެއް ފަށަން ވަރަށް އުފަލުން. އަދި އަހަރެމެން ތުއްތު ފިިރިހެން ދަރިފުޅަށްޓަކައި އަހަރެމެންގެ ހިތްތައް މިވަނީ ލޯބިން ފުރިފައި." ޕެރިސް ބުނެފައިވެއެވެ.

ދަރިފުޅު އުފަންވީ ކިހިނެތް، ކޮން އިރަކު ކަމެއް ސާފުވެފައި ނުވި ނަމަވެސް، ވަރަށް ގިނަ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕެރިސްގެ ދަރިފުޅު އުފަންވެފައިވަނީ ސަރޮގޭޓެއް މެދުވެރިކޮށެވެ.

މީޑިއާތައް ބުނާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިސް ވަނީ، އެ ދެމަފިރިން 2023 ވަނަ އަހަރު އާއިލާއެއް ފަށަން ޕްލޭން ކޮށްފައިވާ ކަން ހާމަ ކޮށްފައެވެ. އަދި ޕެރިސް ގެ އައިވީއެފް ގެ ދަތުރުގެ ވާހަކަވެސް އޭނާ ވަނީ ދައްކާފައެވެ.

އައިވީއެފް އާއި ގުޅިގެން ޕެރިސް ދައްކާފައިވާ ވާހަކަތަކުންވެސް ބޮޑަށް ލަފާކުރެވެނީ، އެ ދެމަފިރިންނަށް ދަރިއަކު ލިބިފައިވަނީ ސަރޮގެސީ މެދުވެރިކޮށް ކަމަށެވެ.

މިއީ ޕެރިސްގެ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް ރިއަލިޓީ ސްޓާ، ލޯރާ ބެލިއްޒީ އާއި އެކު ކާޓަރ އަށް ލިބިފައިވާ 10 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ.

ޕެރިސްގެ އިންސްޓަގްރާމް ޕޯސްޓަށް ފަހު، އޭނާގެ ފޭނުންނާއި، ހޮލީވުޑްގެ ތަރިން ވަނީ ޕެރިސް އަށް މަރުހަބާ ކިޔާފައެވެ.

ޕެރިސް ހިލްޓަން އާއި ކާޓަރ ރިއުމް ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.