ދެ އަހަރު ކެންސަރާއި ހަނގުރާމަ ކުރުމަށް ފަހު، އެމެރިކާގެ ޓީވީ އެކްޓްރެސް އެނީ ވާޝިންގް މަރުވެއްޖެއެވެ. މަރުވި އިރު އެނީގެ އުމުރަކީ 45 އަހަރެވެ.

އެނީ އެންމެ ފާހަގަ ކޮށްލެވެނީ، '24'، 'ބޮޝް'، 'ޓައިމްލެސް' ފަދަ ޓީވީ ޝޯ ތަކުގައި އޭނާ އަދާކުރި ރޯލުތަކުންނާއި، 'ދަލާސްޓް އޮފް އަޒް' ވީޑިއޯ ގޭމްގައި ޓެސް ގެ ކެރެކްޓަރ އަށް އަޑުއަޅައިދިން ބަޠަލާގެ ގޮތުގައެވެ.

އެނީގެ މަރުވި ކަން އިއުލާނު ކޮށްފައިވަނީ އޭނާގެ އާއިލާއިން ފަންޑު ރެއިޒް ކުރުމަށްޓަކައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. ސީއެންއެންއަށް ދިން ބަސްދީގަތުމެއްގައި އެނީގެ ފިރިމީހާ، ސްޓެފެން ފުލް ވަނީ އެނީގެ މަރުގެ ހަބަރު ކަށަވަރު ކޮށްދީފައެވެ.

އެނީއަށް ކެންސަރު ޖެހިފައިވާ ކަން ދެެނެގަނެވިފައި ވަނީ 2020 ވަނަ އަހަރުއެވެ. ނަމަވެސް އޭނާ ހަނގުރާމަ ކުރަމުންދިޔައީ ކޮންކަހަލަ ކެންސަރަކާއި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެނީ ފުރަތަމަ ސްކްރީނުތަކުން ފެނިގެންދިޔައީ 2002 ވަނަ އަހަރު، އޭނާގެ އުމުރުން 24 އަހަރުގައި، 'ސްޓާޓްރެކް: އެންޓަރޕްރައިޒް' ގެ އެޕިސޯޑަކުންނެވެ. 2009 ވަނަ އަހަރު އޭނާ ވަނީ '24' ގެ ހަތްވަނަ ސީޒަންގައި، އެފްބީއައި ސްޕެޝަލް އޭޖެންޓް ރެނީ ވޯކާގެ ރޯލަށް ކާސްޓު ކޮށްފައެވެ. އަދި މީގެ އިތުރުން އެނީގެ 20 އަހަރުގެ ކެރިއަރުގައި، 'ދަ ވެމްޕަޔަރ ޑައިރީސް'، މާވެލްގެ 'ރަންއަވޭޒް'، 'ދަ ރޫކީ'، އަދި 'ސްޓާ ޓްރެކް:ޕިކާޑް' ފަދަ ޝޯ ތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ގޭމަށް ބިނާކޮށް ހަދާފައިވާ އެޗްބީއޯ މެކްސް ގެ "ދަ ލާސްޓް އޮފް އަޒް" ސީރީޒްގެ ކްރިއޭޓިވް ޑައިރެކްޓަރު ނީލް ޑްރަކްމެން ވެސް ވަނީ އެނީގެ މަރާއި ގުޅިގެން ހިތާމަ ފާޅުކޮށް ޓްވީޓް ކޮށްފައެވެ. އަދި އެނީގެ އެކްޓިންގް ދާއިރާގެ ރަހުމަތްތެރިންނާއި، ކޯ އެކްޓަރުން ވެސް ވަނީ އެނީ މަރުވުމާއި ގުޅިގެން އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ.

އެނީ މަރުވި އިރު އޭނާގެ ތިން ފިރިހެން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.