ކައިވެނީގެ އަޑުތައް ފެތުރުނުތާ މަސްތަކެއް ފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ރީޓާ އޯރާ ވަނީ “ތޯރ: ލަވް އެންޑް ތަންޑަރ” ގެ ޑައިރެކްޓަރު ޓައިކާ ވައިޓިޓީއާއި ކައިވެނި ކުރިކަން ކަށަވަރުކޮށްދީފައެވެ.

މިކަން ކިޔާދީފައި ވަނީ ހުކުރު ދުވަހު ހާޓް ބްރޭކްފާސްޓްގެ ހޯސްޓް ޖޭމީ ތިކްސްޓަން އާއި އަމަންޑާ ހޯލްޑަން އަށެވެ.

"ހުރިހާ ކަމެއްވެސް ދިމާވަނީ ސަބަބަކާ ހުރެ. ދެން މިހާ ހިސާބުން އަހަރެންގެ ނަން ކައިވެނީގެ މާކެޓުން ރަސްމީކޮށް އުނިވީ"

އެ ލަވަކިޔުންތެރިޔާ ބޭނުންވީ "އެމީހުންގެ ގުޅުން ވީހާވެސް ޕްރައިވެޓްކޮށް ބެހެއްޓުމަށް" ކުޑަ ކައިވެންޏެއް ބާއްވަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެދެމީހުންގެ ގުޅުން ރެޑް ކާޕެޓްގައި ހާމަކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ލޮސް އެންޖެލިސްގައި ބޭއްވި "ދަ ސުއިސައިޑް ސްކޮޑް"ގެޕްރިމިއާގައެވެ.

ނިއު ޒީލެންޑްއަށް ނިސްބަތްވާ ވައިޓިޓީ އާއި ރީޓާއާއި ދެމެދު 15 އަހަރުގެ ތަފާތެއް އޮވެއެވެ. އެހެން ނަމަވެސް ރީޓާއާއި ވައިޓިޓީގެ ގުޅުމަށް އެއް އަހަރާއި 6 މަސް ވީ ފަހުން އެ ދެމީހުން ކައިވެނި ކުރިއެެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެދެމީހުން ގާތްވީ އޯރާ އޮސްޓްރޭލިއާ ޝޯވ "ދަ ވޮއިސް"ގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

މިއީ ދެ އަންހެން ދަރިންގެ ބައްޕައެއް ކަމަށްވާ ވައިޓިޓީގެ ދެ ވަނަ ކައިވެންޏެވެ. އެހެން ނަމަވެސް މިއީ ރީޓާގެ އަލަތު ކައިވެންޏެވެ.