މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ހޮލީވުޑްގެ ބަތަލާ ޖެނިފަރ ލޮޕޭޒްގެ ކުރީގެ ފިރިމީހާ މާކް އެންތަނީ އަނެއްކާވެސް އެހެން މީހަކާއި ކައިވެނިކޮށްފިއެވެ.

އުމުރުން 54 އަހަރުގެ ސްޕެނިޝް ލަވަތައް ކިޔަމުންދާ މާކް އެންތަނީ މި ފަހަރު ކައިވެނިކޮށްފައިވަނީ އޭނާއަށް ވުރެ 31 އަހަރު ހަގު ނާދިއާ ފެރޭރާއެވެ. މިއީ ހަ ދަރިންގެ ބައްޕައެއް ކަމަށްވާ މާކްގެ ހަތަރު ވަނަ ކައިވެންޏެވެ. 23 އަހަރުގެ ނާދިއާއަކީ ފެރެގުުއޭއަށް ނިސްބަތްވާ މޮޑެލްއެކެވެ. އަދި މިސް ޔުނިވަރސް 2021ގެ ރަނަރއަޕްގެ މަޤާމް ހޯދާފައިވާ ރީތީގެ ރާނީއެކެވެ. އޭނާއަކީ މާރކްގެ އެންމެ ދޮށީ ދަރިފުޅު އެރިއާނާއަށް ވުރެ 6 އަހަރު ހަގު މީހެކެވެ.

މީގެ އިތުރަށް ބަލާލާއިރުވެސް، މާކްގެ ދަރިންގެ މަންމަ ޑަޔަނާރާ ޓޮރޭސްއަކީވެސް މީގެ ކުރީގައި މިސް ޔުނިވަރސްގައި ބައިވެރިވެގެން އެ މުބާރާތް ކާމިޔާބުކޮށްފައިވާ ރީތީގެ ރާނީއެކެވެ. ޑަޔަނާރާ އާއި އެކީގައި އޭނާއަށް ލިބިފައިވާ 21 އަހަރުގެ ކްރިސްޓިއަން އަދި 19 އަހަރުގެ ރަޔަން މި ހަފްލާގައި ބައިވެރިވެފައިވެއެވެ. އެހެން ނަމަވެސް އޭނާގެ އެންމެ ދޮށީ އަދި އެންމެ ހަގު ކުދިން މި ހަފްލާގައި ބައިވެރިވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ޝައްކު އުފައްދައެވެ.

މާކް އާއި ނާދިއާ ކައިވެނިކޮށްފައި ވަނީ މަޔާމީގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައިއެވެ. މި ހަފްލާގައި ނަން މަޝްހޫރު ތަރިން މި ދެ މީހުންގެ އުފަލުގައި ބައިވެރިވެފައިވެއެވެ.

މި ކައިވެނީގައި މާކްގެ 'ބެސްޓް މޭން'އެއްގެ ގޮތުގައި ކުރީގެ އިންގްލޭންޑް ފުޓްބޯޅަ ޓީމް ކެޕްޓަން ޑޭވިޑް ބެކަމް ފެނިގެން ގޮސްފައިވެއެވެ.

މާރކްއާއި ނާދިއާ އެންގޭޖް ވެފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގައެވެ.