އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ބަޔޮޕިކް "މައިކަލް"ގައި ޖެކްސަންގެ ރޯލް ކުޅުމަށް އޭނާގެ އާއިލާ މީހަކު ހަމަޖައްސައިފިއެވެ.

ވަރަށް ފަހުން އިއުލާނު ކުރި މި ފިލްމްގައި މައިކަލްގެ ބައި ކުޅުމަށް ހަމަޖެހިފައިވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށްވާ ޖާފަރް ޖެކްސަންއެވެ. އޭނާއަކީ މައިކަލް ގޮތަށް ލަވަލިޔުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ. އަދި މިއީ މައިކަލްގެ ބޭބެ ޖާމައިން ޖެކްސަންގެ ދަރިފުޅެވެ.

މި ރޯލް އޭނާއަށް ލިބުމުން ޖާފަރް ވަނީ ޓްވިޓާގައި އެކަމުގެ އުފާ ފާޅުކޮށްފައެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އޭނާ ސިފަކޮށްފައި ވެއެވެ.

2009 ވަނަ އަހަރުގައި ދުނިޔެއާއި ކުއްލި ގޮތަކަށް އަލްވަދާޢު ކިޔާފައިވާ ޖެކްސަންގެ ހަޔާތުގެ ވާހަކަތައް ގެނެސްދޭ މި ބަޔޮޕިކްއަކީ އެންޓޮއިން ފުގްއާ ޑައިރެކްޓްކުރާ ފިލްމެކެވެ. މި ބަޔޯޕިކް ލިޔެފައި ވަނީ: "ޖޭމްސް ބޮންޑް" ސީރީޒްގެ އެއް ފިލްމެއްގެ ސްކްރީންޕްލޭ ލިޔެ ދިނުމުގައި ހިއްސާވެފައިވާ ޖޯން ލޯގަންއެވެ.

މައިކަލް ޖެކްސަން މަރުވީ އޭނާގެ އުމުރުން 50 އަހަރުގައި އޭނާގެ ޑޮކްޓަރު ދިން ބޭހެއްގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ މަރުވީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގައި އެވެ.

މައިކަލް މަރުވީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން "ދިސް އިޒް އިޓް" ގެ ނަމުގައި ކޮންސެޓަކަށް ނިކުންނަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭނާގެ މަރާ ގުޅިގެން ފަހުން ވަނީ، ކޮންސެޓަށް ވަމުން ދިޔަ ތައްޔާރީތަކުގެ ވީޑިއޯ ފުޓޭޖްތަކާ އެކު "މައިކަލް ޖެކްސަން ދިސް އިޒް އިޓް" ގެ ނަމުގައި ފިލްމެއް ގެނެސް ދީފަ އެވެ.