ލޯބީގެ ގުޅުންތަކާއި ހެދި ލިއޮނާޑޯ ޑިކެޕްރިއޯ މިވަނީ އަނެއްކާވެސް ސުރުހީ ތަކުން ޖާގަ ހޯދާފައެވެ. 48 އަހަރުގެ އެކެޓަރުގެ ނަން މިފަހަރު ގުޅުވަމުން ދަނީ އުމުރުން އެންމެ 19 އަހަރުގެ މޮޑެލް އަކާއެވެ. ނަމަވެސް އެމެރިކާގެ މީޑިއާ ހައުސް އެއް ކަމަށްވާ 'ޕޭޖް ސިކްސް' އަށް މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ދެ މީހުން އުޅެނީ ރައްޓެހިވެގެންނެއް ނޫނެވެ.

ޕޭޖް ސިކްސް އިން ބުނެފައިވާ ގޮތުގައި، 'ޓައިޓޭނިކް' ގެ ތަރި ލިއޮނާޑޯ، 19 އަހަރުގެ މޮޑެލް، އީޑެން ޕޮލާނީ އާއި ރައްޓެހިވެގެން އުޅޭ ކަމަށް ދައްކަމުންދާ ވާހަކަތަކުގައި އިތުރަށް ހުޅު ފެޅީ، މިއުޒިކް ހަފްލާ އެއްގައި އެ ދެމީހުން ކައިރީގައި ތިއްބާ ނަގާފައި ވާ ފޮޓޯތަކެއް އާންމު ވުމުންނެވެ.

ނަމަވެސް މަސްދަރު ތަކުން ޕޭޖް ސިކްސް އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އެކަމުގައި އެއްވެސް ހަގީގަތެއް ނެތް. ލިއޮނާޑޯ އިނީ މިއުޒިކް ޕާޓީގައި އީޑެންގެ ކައިރީ، އެހެން ވަރަށް ގިނަ މީހުންނާއި ވެސް ކައިރީ އޭނާ އިނީ."

މަސްދަރުން ބުނެފައިވަނީ ފޮޓޯ އިން އެމީހުން ގުޅިގެން އުޅޭ ކަމަށް ހީވާ ކަމަށެވެ. އެކަމަކު "މިއީ ދެން ކިހާ މޮޔަ ކަމެއް. ތަނެއްގައި ލިއޮނާޑޯ އާއި އެކުގައި ހުންނަ ކޮންމެ މީހަކާއި އޭނާ ލޯބީގެ ގޮތުން ގުޅިގެންނެއް ނޫޅޭނެ އެއްނު."

ގްރެމީ ހަފްތާ ބަންދުގައި އެ ދެ މީހުން ވަނީ އެބޯނީ ރައިލީގެ އާ އަލްބަމް ނެރުނު ޕާޓީގައި ބައިވެރި ވެފައެވެ.

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ލިއޮނާޑޯގެ ނަން ގުޅުވުނީ މަޝްހޫރު މޮޑެލް ޖީޖީ ހަދީދް އާއި އެކުގައެވެ.

ލިއޮނާޑޯ އާއި ޖީޖީ ރައްޓެހި ވެގެން އުޅޭ ކަމަށް ފުރަތަމަ ވާހަކަ ދައްކަން ފެށުނީ ސެޕްޓެމްބަރު ގައި އޮތް ފެޝަން ހަފްތާ ތެރެއިންނެވެ. އޭގެ ފަހުން އެ ދެމީހުން އެކުގައި ބައެއް ތަންތަނުން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. އަދި އެ ދެމީހުން "އެކަކު އަނެކަކު ދަސްކުރަނީ" ކަމަށާއި، "ލަސްލަހުން ކުރިއަށް ދަނީ" ކަމުގައި ބައެއް މަސްދަރުތަކާއި ހަވާލާދީ ޕޭޖް ސިކްސް އިން ރިޕޯޓް ކޮށްފައިވެއެވެ.