ވާހަކަ ލިޔުމަކީ ވަރަށް ޝައުގުވެރި ކަމެކެވެ. ވާހަކަ ލިޔުމަކީވެސް ހުނަރެކެވެ. އެއީ ވަރަށް ވަގުތު ދީގެން ކުރެވޭ ކަމަކަށްވާއިރު، ވާހަކަ ލިޔުންތެރިންގެ މަސައްކަތްތައް ފެނިފައި ބައެއް ފަހަރު ހަމަ އަސްލުވެސް ހައިރާންވެވޭ ފަހަރު އާދެއެވެ. އެއީ ވާހަކަ ގެނެސްފައި ހުންނަ ގޮތާއި، އެ ގެނެސްފައި ހުންނަ ފަށުވި ބަސްތަކާއި، ވާހަކައިގެ ތެރެއަށް އެކި އެކި ހާދިސާތައް ގެނެސްފައި ހުންނަ ތަރުތީބު ކަމުންނެވެ.
ވާހަކަ ލިޔުމުގައި އެތައް ބަޔަކު އުޅެމުންދާއިރު، ކ. ކާށިދޫއަށް އުފަން އުމުރުން 23 އަހަރުގެ މަރިޔަމް ހިމްނާ އަކީވެސް ވާހަކަ ލިޔުމުގައި އެތައް ވަގުތެއް ހޭދަ ކުރާ ޒުވާނެކެވެ. ވަރަށް ބޮޑަށް ވާހަކަ ލިޔުމަށް ޝައުގުވެރިވެ، އެތައް ޕްލެޓްފޯމަކަށް އޭނާ ވާހަކަ ލިޔެފައި ވެއެވެ. އަދި މިހާރުވެސް ބައެއް ޕްލެޓްފޯމްތަކުން އޭނާގެ ވާހަކަތަކުގެ އެޕިސޯޑްތައް ފެންނަމުން ދެއެވެ. އެގޮތުން މިހާރުވެސް އޮންލައިން މީޑިއާއަކަށް އޭނާ ނުވަ ވާހަކަ ލިޔެފައި ވެއެވެ. އިތުރު ޕްލެޓްފޯމަކަށް ހަތަރު ވާހަކަ ލިޔެފައި ވެއެވެ.
ސައިކޮލޮޖީ ދާއިރާއިން ކިޔަވަމުންދާ ހިމްނާގެ މި ދަތުރު ފަށައިގަތް ގޮތް ހިއްސާ ކުރަން ފެށިއެވެ. އޭނާއަކީ ކުޑައިރު ވަރަށް ވާހަކަ ކިޔާ އުޅުނު ކުއްޖެކެވެ. އޭނާ މިކަން ކުރަނީ ބައްޕަ ލައްވާ ފޮތްތައް ގެނެސްގެންނެވެ.
"ބައްޕަ އަންނާނެ މަހަކު އެއްފަހަރު މާލެއަށް ކުރީގައި، ބައްޕަ މާލެ އަންނައިރުގައި ވަރަށް ގިނައިން ވާހަކަ ފޮތްތައް ގެނެސްދޭނެ، އެއިރު ހަމަ ވަކި ވާހަކަތަކުގެ ލިސްޓް ހަދާފައިވެސް ބައްޕަގެ އަތަށް ދީފައި ބުނާނެ، ގެންނާށޭ، އިނގިރޭސިވެސް ދިވެހި ވެސް، ބައްޕަ އެ އެއްޗެސް ގެނެސްދޭނެ. އެގޮތަށް އަސްލު ޝައުގުވެރިކަން އުފެދުނީ ވާހަކަ ލިޔަން".
ހިމްނާ ބުނީ، ސްކޫލްގައި ވާހަކަ ލިޔާ ފިލާވަޅުތައް ނަގައިދިން އިރުވެސް އޭނާ ވާހަކަ ލިޔުމަށް ޝައުގުވެރިވާ ކަމަށެވެ. އެ ޝައުގުވެރިކަމުގެ ތެރެއިން ސްކޫލްގައި ލިޔާ ވާހަކަތައް ލިޔުމަށްފަހު، ލެޕްޓޮޕްގައި އަމިއްލައަށް ލިޔެފައިވެސް ބަހައްޓާ ކަމަށް އޭނާ ބުންޏެވެ.
"އެގޮތަށް ފުރަތަމަ ފެށުނީ އަސްލު، އަސްލު އެއްވެސް މީހަަކަށް ނޭނގޭނެ ވާހަކަ ލިޔާ ކަމެއް އޭރަކު، ހަމަ އަމިއްލައަށް ވާހަކަތައް ލެޕްޓޮޕްގައި ރައްކާކޮށްފައި ބަހައްޓަނީ". އޭނާ ބުންޏެވެ.
ހިމްނާ ބުނި ގޮތުގައި، އެ ލިޔާ ވާހަކަތަކުގެ އިތުުރުން ވެސް އަމިއްލަ ވާހަކަތައްވެސް އޭނާ ދިޔައީ ލިޔަމުންނެވެ.
ހިމްނާ ބުނީ، އޭނާ ވާހަކަ ލިޔުމުގައި އުޅުނު ކަމުގައިވިޔަސް، އޭނާގެ ވާހަކައެއް އާއްމުންނަށް ފެންނާނެ ހެން އާންމު ކޮށްފައި ވަނީ 2017 ވަނަ އަހަރު ތެރޭގައެވެ. އެ އަހަރުގެ ޑިސެމްބަރު މަހު ވާހަކަ ލިޔާ ސައިޓަކަށް އެ ވާހަކަ ދޫކޮށްލިއިރު، އޭނާއަށް ސަޕޯޓް ލިބިގެން ދިޔައެވެ.
"ފްރީކޮށް ލިޔެވޭ ސައިޓަކަށް ދޫކޮށްލީ، އެ ލިބުނު ސަޕޯޓްގެ ސަބަބުން ދެން ހިތަށް އެރީ ކުރިއަށް ދެވޭނެއޭ، އެންމެ ބޮޑު ސަޕޯޓެއް ލިބުނީ އާއިލާގެ ފަރާތުން".
އޭނާއަށް އެއިރު މިއީ ނުވާނެ ކަމެކޭ ހިތައް އެރިޔަސް، އާއިލާ ތެރެއިން އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ދިން އަންހެން ކޮއްކޮގެ އެދުމަކަށް އޭނާ މިކަން ފެށިއެވެ. އެގޮތުން ފުރަތަމަ ވާހަކަ އޭނާ ދޫކޮށްލީވެސް ކޮއްކޮގެ އެދުމަކަށެެވެ. އެކަމަކު އެ ލިބުނު ސަޕޯޓާއެކު އޭނާއަށް ހުއްޓުމެއް ނައެވެ.
އޭނާ ދިޔައީ މިގޮތަށް ވާހަކަ ލިޔަމުންނެވެ. އެ ސައިޓަށް އޭނާ ދިގު ހަތަރު ވާހަކަ ލިޔުނެވެ. އެއީ އެއް އަހަރު ތެރޭގައެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ އޮންލައިން މީޑިއާއަކަށް އޭނާ ވާހަކަ ލިޔަން ފެށިއެވެެ.
އޭނާ ލިޔެފައި އާއްމު ކުރި ބައެއް ވާހަކަތައް
- - މާފުކުރާށޭ ލޯބިވާ
- ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން
- މަޖުބޫރުވީމާ
- މަ ލޯތްބެއް ދެން ނުވާނަމޭ
- ނޫރު
- ހާސިލް (ބިރުވެރި ވާހަކަ)
- މަގޭ ޙައްޤެއް
- ތިޔަ ލޯބި އެދިގެން
- ވަކި ނުވެ މިހިތާ
މީގެ ތެރެއިން އޭނާއަށް އެންމެ ފާހަގަކޮށްލެވޭ ވާހަކަތަކަކީ މާފުކުރާށޭ ލޯބިވާ، ހާސިލް، ތިޔަ ލޯބި އެދިގެން، ވަކި ނުވެ މިހިތާ ހިމެނެއެވެ.
މިހާރު ވަޒީފާގައިވެސް އުޅެމުންދާ ހިމްނާ ވަނީ އޭނާގެ ވާހަކައެއް 2021 ވަނަ އަހަރު ދިވެހި އެފްއެމްގެ ޑްރާމާއެއްގެ ގޮތަށް ގެނެސް ދީފައެވެ. އެއީ އޭނާ 2018 ވަނަ އަހަރު ލިޔުނު ވާހަކައެކެވެ. އެ ވާހަކައިގެ ނަމަކީ އާދޭސް ކުރާ ހިތްވޭ ރޮމުން އެވެ.
އޭނާ ކިޔާދިންގޮތުގައި، އޭނާ ލިޔަނީ ހިޔާލީ ވާހަކަތަކެވެ. އޭނާ މިގޮތަށް ގިނައިން ލިޔަނީ ލޯބީގެ ވާހަކަތަކެވެ. ބިރުވެރި ވާހަކައެއް ގޮތަށް އޭނާއަށް މިހާތަަނަށް ލިޔެވުނީ އެންމެ ވާހަކައެކެވެ.
"އަދި ނެތް ކަންނޭނގެ ހަގީގީ ހާދިސާއަކަށް ބިނާކޮށްފައި ލިޔެފައެއް، އެކަމަކު އެއް ވާހަކަ އިންނާނެ ކަންނޭނގެ ކޮންމެވެސް ވަރަކަށް ދިމާވި ކަމަކާ ލައިގެން އެކަމަކު ހަމައެކަނި، އެ ބައެއް ނޫން، ހިޔާލީ ބައިވެސް ލައިގެން ލިޔެފައި ހުންނާނީ".
އޭނާ ލިޔަނީ ދިގު ވާހަކައެވެ. ހަފްތާއަކު ދެ އެޕިސޯޑް ވަރު އޭނާ ކިޔުންތެރިންނަށް ދޫކޮށްލައެވެ. އެއީ ފަސް ސޮފްހާގެ އެޕިސޯޑެވެ. އާއްމުކޮށް އޭނާ ވާހަކައެއް ނިމެން އަހަރެއް ނަގައެވެ.
ހިމްނާ ލިޔުނު އެންމެ ދިގު ވާހަކައަކީ 600 ސޮފްހާ ވާހަކައެވެ.
އޭނާ ވާހަކަ ލިޔާއިރު، ބައެއް ފަހަރު ދިރާސާތައްވެސް ކުރެއެވެ. މިސާލަކަށް ސިހުރުގެ ކަންކަމާއި ގުޅުން ހުރި ވާހަކައެއް ލިޔާނަމަ، އެކަމުގެ ކަންކަން އޮންނަ ގޮތް ބަލައެވެ.
ހިމްނާ ބުނީ، މިހާރު އޭނާ ލިޔަމުން ދަނީ އޭނާގެ 14 ވަނަ ދިގު ވާހަކައެވެ.
އޭނާ ބުނީ، ވާހަކަ ލިޔުމުގައި ހާސިލް ކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން ހާސިލްވެއްޖެ ކަމަށެވެ. އެގޮތުން ބޮޑު ޕްލެޓްފޯމަކަށް ލިޔުމަކީ އޭނާގެ އުއްމީދެކެވެ. އެކަން ހާސިލްވެއްޖެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އޭގެ ފަހުން ޑްރާމާއަކަށް ލިޔުމަކީވެސް އޭނާ ވަރަށް ހާސިލް ކުރަން ބޭނުންވި ކަމެކެވެ. އެގޮތުން އޯޑިއޯ ޑްރާމާއަކަށް އޭނާ ވާހަކައެއް ލިޔެފައި ވެއެވެ.
އަދި މިހާރު އޭނާގެ ޓާގެޓަކީ އޭނާގެ ވާހަކަ ފޮތެއްގެ ކިޔުންތެރިންނަށް ވާހަކައެއްގެ ސިފައިގައި ނެރުން ކަމަށްވެސް ހިމްނާ ބުންޏެވެ.
ހިމްނާ މިކަމުގައި ހާސިލް ކުރަން ބޭނުންވާ ކަންކަން ހުރިއިރު، އޭނާގެ އުއްމީދުތަކުގައި ކުލަޖެހިގެން ދާނެ ދުވަހަކީ އޭނާގެ ވާހަކަތައް ކިޔާ، އަދި އެ ވާހަކަތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ އުއްމީދަށް ވާނެއެވެ.
ގަދަ މަންޖެއެއް! ތިގޮތުގައި ކުރިއަށް ދާތި އަބަދުވެސް!
ސާބަހޭ!! ކުރިއަށް އޮތްތަނުގައި މިއަށްވުރެންވެސް ބޮޑެތި ކާމިޔާބީތައް ހާސިލް ކުރައްވާނެ ކަމަށް އުންމީދު ކުރަން. 😊