އާއްމު އުސޫލަކީ، ގިނަ ވަގުތު ފިހާރަތައް ހުޅުވާފައި ބަހައްޓައިގެން، ގިނަ މީހުންނަށް ޚިދުމަތްދީ، ބޮޑު އާމްދަނީއެއް ހޯދުމެވެ. ގިނަ ވަގުތު ފިހާރަ ހުޅުވާފައި ބެހެއްޓެން ނެތްކަމުގައިވާނަމަ، އެތަނުން ވިއްކާ ބާވަތްތައް އިތުރުކޮށްގެން، ބޮޑު އާމްދަނީއެއް ހޯދުމަކީވެސް، އާއްމު އުސޫލުގެ ދަށުން ކުރާ ކަންކަމެވެ.

އެހެންނަމަވެސް، މި ފިހާރައިގައި ކަން ކުރާ ގޮތަކީ މިއީއެއް ނޫނެވެ. މިއީ، ކޮންމެ ދުވަހަކު ހުޅުވާ ފިހާރައެއްވެސް ނޫނެވެ. އަދި، ކިއެއްތަ، މިއީ މާ ގިނަ ބާވަތްތައް ނުވަތަ ޚިދުމަތްތައް އެތަނުން ލިބޭ ފިހާރައެއްވެސް ނޫނެވެ. ކަން މިހެން އޮތްކަމުގައިވިޔަސް، އެތަނަށް ލިބޭ އާމްދަނީ ވަކި ކުޑައެއް ނޫނެވެ.

އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ އަވަށެއްކަމުގައިވާ ޕްރަތަޕުގަރުގައި އޮންނަ މި ފިހާރައަކީ، ކުރިން ފާހަގަކޮށްފައިވާ ފަދައިން، ކޮންމެ ދުވަހަކު ނޫނެވެ. އޭގެ ބަދަލުގައި މި ތަން ހުޅުވަނީ، އަހަރު އެންމެ ދުވަހަކުއެވެ. 365 ދުވަހަށް، އެއް ދުވަހު މި ތަނުން ވިޔަފާރި ކުރަނީވެސް، އޭގައި ސަބަބުތަކެއް އޮތީމާކަން ކަށަވަރެވެ.

އަހަރަކު އެއް ފަހަރު ހުޅުވާ ފިހާރައިގެ ތެރޭގައި ގްރީން ފެޑް ތައްޔާރުކުރަނީ

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި، މި ފިހާރަ ހުޅުވަނީ، އެސަރަޙައްދުގެ މީހުން ފާހަގަކުރާ ޚާއްޞަ ދުވަހެއްގެ މުނާސަބަތުގައެވެ. އެމުނާސަބާ ފާހަގަކުރުމަށް، މި ފިހާރައިން ވިއްކަނީ، ފޮނިކާ އެއްޗެކެވެ. އެއީ، ގްރީން ފެޑް ނަމަކަށް ކިޔާ ބާވަތެއްކަމަށްވެސްވެއެވެ.

މިހާރު މި ފިހާރަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ އޯމް ޕްރަކާޝް ޕަލިވަލް ބުނެފައިވާ ގޮތުގައި، މި ގޮތަށް ކަންތައް ކުރަމުން އަންނަތާ މިހާރު 60 އަހަރުވަނީ ވެފައެވެ. އަދި، އެމީހުން ބޭނުންކުރަމުންދާ އުސޫލުތަކަކީ ވެސް، އަދިވެސް އެންމެ އިހުގެ ގޮތްތައްކަމަށް ބުނެފައިވެއެވެ. އެގޮތުން، ގްރީން ފެޑް ތައްޔާރުކުރުމުގެ ހުރިހާ ކަމެއް އަތުން ކުރާއިރު، ފިހާރައިގައިވެސް ހުންނަނީ، އަތުން ތަޅުލާ ތަޅެއްކަމަށްވެއެވެ.

މި ފިހާރު ހުޅުވާ ދުވަހު، އެސަރަޙައްދުގެ އާއްމުން، ހެނދުނު ހެނދުނާ ފިހާރައިގެ ކައިރީގައި ކިއު ހަދާކަމަށްވެއެވެ. އަދި، އެހެން ދުވަސްތަކުގައި ހަމަހިމޭންކަމާއެކު އޮންނަ އެސަރަޙައްދު، އެދުވަސްތަކުގައި ހަލަބޮލިވާކަމަށްވެސްވެއެވެ.

އެއް ދުވަހުން ކުރާ ވިޔަފާރިން، ރަނގަޅު އާމްދަނީއެއް ލިބި، ޚަރަދުތަކަށް ކަނޑާ، ސާފު ފައިދާގެ ގޮތުގައި ބޮޑު އެއްޗެއް ލިބޭނެކަމަށްވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު