މިދިޔަ އަހަރުގެ ތެރޭގައި ހޮސްޕިޓަލަކުން އަންހެނެއްގެ ސިޒޭރިއަން ހެދިއިރު ހޭނުނައްތާކަމަށް ބުނާ މައްސަލައެއް ހޫނުވެއްޖެއެވެ.

ކެލެފޯނިއާގެ ސިޓީއެއްކަމަށްވާ އޯޝަންސައިޑްގައި ހިނގި މި ހާދިސާ އާއި ގުޅިގެން އެ އަންހެން މީހާ ބުނެފައިވަނީ، އޭނާގެ ސިޒޭރިއަން ހެދީ އިމަޖެންސީގައި ކަމަށާއި، ހޭނުނައްތައި ސިޒޭރިއަން ހަދާފައިވަނީ އެވަގުތު ހޭނައްތާ ޑޮކްޓަރެއް ނެތުމުން ކަމަށެވެ.

އޭނާ ބުނިގޮތުގައި ވިހަން ވެއްދިއިރު ހާލުދެރަކަން އެނގޭ ކަމަށާއި، އެކަމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށެވެ. އަދި ހޭނައްތާ ޑޮކްޓަރު ނައުމުން ނަރުހުންތަޖެއް އޭނާގެ ބަނޑު ކަފާލީ ކަމަށާއި، އެވަގުތު ކެތްނުކުރެވޭވަރަށް ތަދުވެ ހަޅޭލަވަމުންދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، ހޮސްޕިޓަލުން އެކަމުގައި އިހުމާލުވުމުން އޭނާއަށް 25 ޑޮލަރުގެ ގިފްޓް ކާޑެއްވެސް ދީފައިވާ ކަމަށެވެ. އެގޮތަށް ހޮސްޕިޓަލުން އަމަލުކުރީ އެކަން ސިއްރުކޮށްދިނުމަށް އެދޭތީ ކަމަށްވެސް އޭނާ ބުންޏެވެ.

މި އަންހެން މީހާގެ ވާހަކަތައް ހޮސްޕިޓަލުން ދޮގުކޮށްފައިވާއިރު، ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ސިޒޭރިއަން ހަދާފައިވަނީ ހުރިހައި ކަމަކަށް ބެލުމަށްފަހު، އިމަޖެންސީ ހާލަތެއްގައި އާދައިގެމަތިންވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ އަންހެން މީހާއަށް ނުވަތަ އޭނާގެ ބަނޑުގައި އޮތް ކުއްޖާއަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ހޮސްޕިޓަލާއި ދެކޮޅަށް ދަޢުވާކުރުމަށް އެ އަންހެން މީހާ ވަނީ ނިންމާފައެވެ. އަދި އޭނާއަށް ނަފްސާނީގޮތުން ލިބުނު ގެއްލުމުގެ ބަދަލުގައި 5.75 މިލިއަން ރުފިޔާ ހޯދުމަށް އޭނާ ވަނީ ދަޢުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު