ރޭގެ ވަގުތެއްގައި އެކުއާޑޯއަށް އައި ބިންހެލުމަކީ އެބިންހެލުމުގެ ސަބަބުން ގިނަ ރައްޔިތުންނެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން އައި ބިންހެލުމެކެވެ. 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިމުގެ 66 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގައި ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވަނީ އެންމެ ފަހުން ބިންހެލުމެއްގައި ތުރުކީ ސީރިއާއަށްވީ ގޮތުންނެވެ.

އެކުއާޑޯގެ ބިންހެލުމުގައި މިހާތަނަށް 12 މީހަކު މަރުވެ، އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު، ގިނަ އަދަދެއްގެ އިމާރާތްތައް ވެސް ވަނީ މި ބިންހެލުމުގައި ބިމާ ހަމަވެފައެވެ. އަދި މީހުން ދުއްވަމުން ދިޔަ ކާރުތައް ވެސް ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީސްމީޑިއާގައި މިހާރު ވަނީ ބިންހެލުން އައި ވަގުތު ނިއުސްރޫމެއްގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް އާންމުވެފައެވެ. މި ވީޑިއޯއިން ފެނިގެން ދަނީ ނޫސްވެރިންތަކެއް ހަބަރު ކިޔަން ތިއްބާ ބިންހެލުން އަންނަ މަންޒަރެވެ.

ބިންހެލުން އައި ވަގުތު މުޅި އިމާރާތް ގުގުމާލާކަން ވީޑިއޯއިން ފެނެއެވެ. އަދި އެވަގުތު ބައެއް ނޫސްވެރިން ވަނީ އެމީހުންގެ ރައްކާތެރިކަން ހޯދަން މަސައްކަތް ކޮށްފައެވެ.

މިވީޑިއޯގެ އިތުރުން ވެސް ބިންހެލުން އައި ވަގުތު ގިނަ އަދަދެއްގެ ބަޔަކު އިމާރާތްތައް ހުސްކޮށް، މަގުމައްޗަށް ނުކުންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވެސް މިހާރު ވަނީ މީސްމީޑިއާގައި ދައުރުވާން ފަށާފައެވެ.

އެކުއާޑޯއަށް އައި މި ބިންހެލުމުގެ އަސަރު ޕެރޫއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.