ޗައިނާގެ ހެނަން ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ޒައޮފަންގައި ޗޭނު ޖަހާފައި ގޭގައި ބަންދުކޮށްފައި އޮތް ކުއްޖަކު ފުލުހުން ގޮސް ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ ކުއްޖާގެ ބައްޕަ އޭނާގެ ދަރިފުޅު އެނދެއްގެ ފްރޭމާއި އެކު ޗޭނު ޖަހާފައި އޮތީ ދަރިފުޅު ބަސް ނާހާ މާގިނައިން ގެއިން ބޭރަށް ދާތީއެވެ.

ކުޑަ ކުއްޖަކު ގޭގައި ބަންދުކޮށްގެން އަނިޔާ ކުރާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިމަހުގެ 02 ވަނަ ދުވަހު އެވެ. އެރިޕޯޓް ފުލުހުންނަށް ލިބުމާއި އެކު ވަގުތުން ފުލުހުން ވަނީ އެގެއަށް ގޮސް އެކުއްޖާ ސަލާމަތް ކޮށްފައެވެ. ފުލުހުންގެ ތިން އޮފިސަރަކު އެގެއަށް ގޮސް ކުޑަ ކުއްޖާ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ފުލުހުން ވަނީ އާންމު ކޮށްފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ސޯޓެއް އެކަނި ލައިގެން އޮތް ކުއްޖާގެ ފައިގައި ޗޭނު ޖެހުމުގެ އިތުރުން ހަތް ތަނަކުން އޭނާގެ ހަށިގަނޑު ވަނީ އައްސާފައެވެ. އެކުއްޖާ އަށް އެއްވެސް ހަރަކާތެއް ނުކުރެވޭ ވަރަށް އައްސާފައި އޮތް ކަމަށް ފުލުހުން ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުޑަ ކުއްޖާ ސަލާމަތް ކުރަން ފުލުހުން ދިޔައިރު އޭނާ އަށް ވުރެ ހަގު އެހެން ކުއްޖަކު އެކުއްޖާ ކައިރީ އިށީންދެގެން އިނެވެ. އެކުއްޖާ އަށް އެއްވެސް އަނިޔާއެއް ކޮށްފައެއް ނުވެއެވެ.

އެކުދިންގެ މަންމަ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ. އެހެންކަމުން އެންމެ ރަނގަޅަށް ދަރިން ބެލެހެއްޓުމަށް މަންމަ ވަަނީ ނުކުޅެދިފައެވެ. ބައްޕަ ވަޒީފާ އަށް ދަނީ ދަރިފުޅު ބަނުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމައްސަލައިގައި ކުއްޖާގެ ބައްޕަ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު