މަޓީއަކީ ގްރީސްގެ ވެރިރަށް އެތެންސްއާއި 29 ކިލޯމީޓަރު ދުރުގައި ގްރީސްގެ އައްސޭރިފަށިގައި އޮންނަ ކުޑަކުޑަ ވިލެޖެކެވެ.

މަޓީއަކީ ގުދުރަތީ ރީތިކަން އިންތިހާއަށް ދެއްވާފައިވާ ވިލެޖެކެވެ. ރީތި ގޮނޑުދޮށްތަކާއި އެ ވިލެޖުގެ ފެހިކަމުގެ ނަތީޖާއަކަށް ވީ ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލަކަށް އެ ވިލެޖުވުމެވެ. އަދި ކޮންމެ އަަހަރަކު އެތަށް ހާސް ފަތުރުވެރިންނެއް އެ ވިލެޖުގެ ރީތިކަމުގެ އުފާ ހާސިލް ކުރަން ވިލެޖަށް ޒިޔާރަތްކުރާއިރު ފަތުރުވެރިން ތިބުމަށް ހާއްސަ ހޮޓާތަކާއި މަޖާކުރާނެ ތަންތަނާއި ފިލްމުބަލާނެ ސިނަމާތަށް އެ ވިލޭޖުގައި ހެދިފައި ހުއްޓެވެ.

ހުޅަނގުގެ އެހެން ގައުމުތަކޭ އެއްފަދައިން މަޖާކުރުމާއި އުފާލިބިގަތުމުގެ ހުރިހާ ކަމެއް އެ ކުޑަ ވިލެޖުގައި އެކުލެވިގެންވެއެވެ.

އުފަލާއި މަޖަލުގައި ޣާފިލްކަންމަތީ ދުނިޔަވީ އެދުމުގައި ތިއްބާ މަޓީގެ އުދަރެސް އަދިރިވެގެން ދިޔައީ މިއަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ.

އެއީ ގްރީސްގެ ބިޔަ ޖަންގަލީގެ އެކި ހިސާބުގައި ރޯވެ ބާރު ސްޕީޑުގައި ފެތުރެމުން ދިޔަ އަލިފާންގަނޑުގެ ސަބަބުންނެވެ. އަލިފާންގަނޑު ފެތުރެމުން ދިޔަ އިރު އެ ހުޅުގަނޑުގެ ސަބަބުން މާބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކަށް މަޓީގެ ރައްޔިތުން ގަބޫލެއް ނުކުރިއެވެ. ނަމަވެސް ގަޑިއަކު 60 ކިލޯމީޓަރު ބާރުމިނުގައި ޖެހެމުން ދިޔަ ވައި އިތުރަށް ބާރުވެ 100 ކިލޯމީޓަރަށް ވުރެއް ވައި ބާރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެެވެ. އަދި ގަދަ ވަޔާއި އެކު ހުޅުގަނޑު މަޓީ ވަށައިލިއެވެ. މަޖަލާއި އަރާމުގައި ތިބި މަޓީގެ ރަށްޔިތުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެމީހެއްގެ ރަށްކާތެރިކަމަށް އެމީހަކު މަސައްކަތް ކުރަން ފެށިއެވެ. މައިން ދަރިން ކިހިލި ޖަހައިގެން ސަލާމަތް ވުމަށް ދުވި އިރު އަނެއް ބަޔަކު ދިޔައީ އެމީހުންގެ ކާރުތަކާއި ސައިކަލްތަކުގައި ވެރިރަށް އެތެންސާއި ދިމާއަށެވެ. ނަމަވެސް އެތެންސަށް ދެވެން އޮތް މަގު ބަންދުވެފައި އޮތުމުން އެމީހުންނަށް އެކަން ކާމިޔާބެއް ނުވިއެވެ. އަދި ބައެއް މީހުން ކައިރީގައިވާ މޫދުން ހިމާޔަތް ހޯދަން އަވަސްވެގަތެވެ.

ނަމަވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލިފާނުން މުޅި މަޓީ ވަށާލިއެވެ. އަދި ހޫނުގަދަ އަލިފާނުގައި އެރަށް ސުންނާފަތިވެގެން ދިޔައެވެ. އެތަށް ބަޔަކު މަރުވެ ގެދޮރުތަށް އަދާ އަޅިއަށް ވިއެވެ.

މަޓީއަށް ކުރިމަތިވި އަލިފާނުގެ ހާދިސާގައި 15،00 އަށް ވުރެއް ގިނަ ގެދޮރި ހަލާކުވެފައިވާއިރު އެ ހާދިސާއިން ސަލާމަތްވި ބައެއް މީހުންނާއި ތާރީހީ އިލްމުވެރިން އެ ހާދިސާ ސިފަކުރަނީ އިޓަލީގެ ޕޮމްޕޭގެ ރަށްޔިތުންނަށް މީގެ އެތަކެއް ސަތޭކަ އަހަރެއް ކުރިން ބާއްވައިލެއްވުނު ކޯފާ ފަދައިންނެވެ. މަޖަލާއި އަރާމާއި ފާހިޝް ކަންކަމުގައި ހޭބޯނާރާ އުޅެނިކޮށް އެބައިމީހުންވެސް ނެތިކުރެއްވީއެވެ.

މިއީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމެކެވެ. އެކަލާނގެ ފޮނުއްވާ ކޯފާގެ ވާހަކައެވެ. ވިސްނައިފި މީހަކަށް އިބްރަތެެއް ވާކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު