އުމުރުން 30 އަހަރުގެ ޗައިނާ އަންހެނަކު ޓެސްޓަކަށް ދުއްވި އަގުބޮޑު ބީއެމްޑަބްލިވް ކާރެއް، ފިހާރައެއްގެ ތެރެއަށް ވަދެ އެކްސިޑެންޓެއް ހިނގައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ގުއަންގޒައު އަވަށުގެ ކާރުތަކުގެ ޑީލް ހަދާ ފިހާރައަކުން އެ އަންހެން މީހާ ހިލޭ ދުއްވާލަން ނެގި އެ ކާރު ފިހާރައިގެ ދޮރު ފަޅާލާ އެތެރެއަށް ވަނީ ބްރޭކް ޖައްސަން އުޅުނު ތަނުން އެސެލެރޭޓާއަށް އޮބާލެވެވުމުންނެވެ.

އެ ހާދިސާގައި ފިހާރާގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ކޮންމެެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ. އެހެން ނަމަވެސް އެ ކާރުގައި އިން އަންހެން މީހާއަށާއި، އެ ކާރުގެ ފަސެންޖަރުންގެ ސީޓުގައި އިން މީހާއަށްވެސް ގެއްލުން ވެފައެއް ނުވެއެވެ. އެ އަނިޔާ ލިބުނު ދެ މުވައްޒަފުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެ ހާދިސާ ހިނގާ މަންޒަރު މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެވީޑިއޯއިން އެ ފިހާރައިގެ ދޮރު ފަޅާލުމަށްފަހު ކާރު އެ ފިހާރަ ތެރެއަށް ވަންނަ މަންޒަރު ފެނެއެވެ. އަދި އެ ފިހާރަ ތެރެއަށް ކާރު ވަނުމާއެކު އެ ތަނުގައި ތިބި ކަސްޓަމަރުންތަކެއްވެސް އަމިއްލަ ސަލާމަތައް ދުރަށްދާ މަންޒަރުވެސް ފެނެއެވެ. އެ ހާދިސާގައި ފިހާރައަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެތަނުގެ އިންސުރެންސް ކުންފުނި އެ ފިހާރައަށް ލިބުނު ގެއްލުންތައް މިހާރު ދިރާސާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެއީ އެ އަންހެން މީހާ އަމިއްލައަށް ކުރިކަމަކުން ދިމާވި ހާދިސާއެއްކަން އޭނާވެސް ގަބޫލުކުރެއެވެ.

އެ ބީއެމްޑަބްލިވްގެ އަގު 57137.76 ޑޮލަރަށް އަރައެވެ.

 

ކިޔުންތެރިންގެ ހިޔާލު