އިންޑޮނޭޝިޔާގެ މި މޮޅު ފްރައިޑް ރައިސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވެފައިއެވެ. މިއީ ފްރައިޑް ރައިސްގެ ތެރެއިން މުޅި ދުނިޔޭގައިވެސް އެންމެ މަޤްބޫލު އެއް ކެއުމެވެ. އިންޑޮނޭޝިޔާގެ އެކި ކަންކޮޅުތަކުގައި ނާސި ގޮރެންގ ތައްޔާރުކުރަނީ އެކި ގޮތްގޮތަށެވެ. އެގޮތުން، އެއް ބަޔަކު ސީފުޑް އާއި ރެހި އަޅައިގެން ނާސި ގޮރެންގ ތައްޔާރުކުރާއިރު، އަނެއް ބަޔަކު ނާސި ގޮރެންގ ތައްޔާރުކުރަނީ ރޯ އަލަނާސި އަޅައިގެންނެވެ. އަދި ތައިލޭންޑްގައި ނާސި ގޮރެންގ ކައްކާ އުޅެނީ ޓޮމް ޔަމްއަށް އަޅާ ބާވަތްތައް ބޭނުންކޮށްގެންނެވެ. ކޮންމެޔަކަސް، ނާސި ގޮރެންގ ތައްޔާރުކުރުމުގައި އެންމެންވެސް އެއް އިންގްރީޑިއަންޓްއެއް ދޫނުކޮށްލައެވެ. އެއީ، ޝްރިމްޕް ނުވަތަ ޕްރޯންސް ޕޭސްޓެވެ.

ޝްރިމްޕް ޕޭސްޓަށް ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމްސާ ހިމުންކޮށް ކޮށާފައިވާ އަވީގައި ލާފައި ހިއްކާފައިވާ ޝްރިމްޕް

1/2 މޭޒުމަތީ ސަމްސާ ކުކިންގ އޮއިލް

6 އަރި ލޮނުމެދު

1/2 ސައިސަމްސާ ލޮނު

1 ސައިސަމްސާ ހަކުރު

މިރުސް

1 މޭޒުމަތީ ސަމްސާ ލުނބޯ ހުށް

 

ނާސި ގޮރެންގއަށް ބޭނުންވާ ތަކެތި:

3 ޖޯޑު ބަތް

10 ބޭބީ އޮނިއަންސް/ ޝެލޮޓްސް ( ނުވަތަ 2 އާދައިގެ ފިޔާ)

3 އަރި ލޮނުމެދު

1 ސައިސަމްސާ ޝްރިމްޕް ޕޭސްޓް

2 މޭޒުމަތީ ސަމްސާ ޑާރކް ސޯއި ސޯސް

1 މޭޒުމަތީ ސަމްސާ ލައިޓް ސޯއިސޯސް

1 ސައިސަމްސާ ޕާމް ޝުގަރ

ލީކްސް

ކައްކާފައިވާ ކުކުޅު (ހިމުންކޮށް ކޮށާފައި)

ކެބެޖް

4 ބިސް

1 ޓޮމާޓޯ ، ކިއުބްކޮށް ކޮށާފައި

1 ކެރެޓް، ދިގަށް ކޮށާފައި

މިރުސް

ތެޔޮ

ސްޕްރިންގް އޮނިއަންސް

ބީންސް

1 މަސްދަޅު ( ބަދަލުގައި އެހެން ވައްތަރެއްގެ މަސްވެސް ބޭނުންކުރެވިދާނެއެވެ)

ތައްޔާރުކުރާނެ ގޮތް:

ތެޔޮފޮދެއް ބޮޑު ތާހަކަށް އަޅާފައި 4 ޝެލޮޓްސް، ޓޮމާޓޯ އަދި މަސްދަޅުގައި ވާ މަސްކޮޅު އަޅާއިގެން ރަތްކުރާށެވެ. މި ފިޔާކޮޅު ރަތްވީމާ، ކެބެޖާއި ކެރެޓާއި ބީންސް އަޅާފައި ރަނގަޅަށް ރަތްކުރާށެވެ. އަދި އޭގެ ތެރެއަށް 2 ބިސްވެސް އަޅާށެވެ. ބާކީ ހުރި ފިޔާކޮޅާއި ލޮނުމެދު، ޝްރިމްޕް ޕޭސްޓް އަދި މިރުސް މިކްސްޗަރެއްގައި ފުނޑާލާށެވެ. އެއަށްފަހު، މި ފުނޑާލެވުނު ތަކެތިވެސް 2 މިނެޓް ވަންދެން މެދުގިނީގައި ކައްކާލާށެވެ. އެއަށްފަހު، ބަތުގެ ތެރެއަށް ޕާމް ޝުގަރ، 2 ވައްތަރުގެ ސޯއި ސޯސް އަޅާފައި މި ގަދަ ގިނީގައި ހުރިހާ ތަކެތި ރަނގަޅަށް އެއްކޮށްފައި 7 ވަރަކަށް މިނެޓަށް ކައްކާލާށެވެ. އެއަށްފަހު، ބާކީ ހުރި 2 ބިސްވެސް އަޅާފައި ކައްކާލާށެވެ. ނުވަތަ އޭގެއިން ސަނީ ސައިޑް ބިސްގަނޑެއް އަޅާފައި ބަތާއި އެއްކޮސް އިންސާފުކުރެވިދާނެއެވެ.