ސާޖަރީއެއްކޮށް އަންހެނެއްގެ ދުޅަހެޔޮ ކިޑްނީއެއް ނެގި މައްސަލައެއް، އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ސައުޓް ޑަކޯޓާގައި ހޫނުވެއްޖެއެވެ.

އިންފެކްޝަނެއްގެ ސަބަބުން އެ އަންހެން މީހާގެ ކިޑްނީގެ މަތީގައިވާ 'އެޑްރީނަލް ގްލޭންޑް'އަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެބައި ވަކިކޮށް ނެގުމަށް ކުރި ސާޖަރީގައި، ކިޑްނީ ނަގާފައިވާކަން ހާމަވީ ސާޖަރީއަށްފަހު އިތުރު ސިއްޙީ މައްސަލަތަކާއި ކުރިމަތިވަމުން ދިއުމާއި ގުޅިގެން އިތުރަށް ހެދި ޓެސްޓުތަކަށްފަހުއެވެ.

އެ ޓެސްޓުތަކުން އެނގުނީ، ސާޖަރީކޮށް ނަގަންޖެހޭ ބައިތަކުގެ ބަދަލުގައި ނަގާފައިވަނީ ދުޅަހެޔޮކޮށް ހިނގަމުންދިޔަ އޭނާގެ ކަނައަތްފަރާތުގެ ކިޑްނީ ކަމާއި، ކުރިން އިންފެކްޝަންގެ ސަބަބުން ކުރިމަތިވި މައްސަލަ ހައްލުނުވެ އިތުރަށް ބޮޑުވަމުން ދިޔަކަމެވެ. މިކަމާއި ގުޅިގެން އެ އަންހެން މީހާގެ އިތުރު ސާޖަރީއެއްކޮށް އޭނާގެ އެޑްރީނަލް ގްލޭންޑު ވަނީ ނަގާފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ އަންހެން މީހާ އޭނާގެ ސާޖަރީ ކުރި ހޮސްޕިޓަލާއި ދެކޮޅަށް ދަޢުވާކުރުމަށް ނިންމާފައިވާއިރު، އޭނާ ބުނެފައިވަނީ އެކަން ހިނގައި ދިޔައީ ތަމްރީނު ނުލިބިހުރި ޑޮކްޓަރަކު އޭނާގެ ސާޖަރީ ކުރުމުން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި ހޮސްޕިޓަލުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ފަރާތަކާއި މެދު ފިޔަވަޅެއް އެޅިކަމެއް އަދި އެފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު