"އެމިލީ އިން ޕެރިސް" ގެ އެކްޓަރު ލިލީ ކޮލިންސްގެ އަގުބޮޑު އެންގޭޖްމަންޓާއި ކައިވެނީގެ އަނގޮޓިތައް ގެއްލިއްޖެއެވެ.

އެ އަނގޮޓިތަކުގެ އަގު އެއް ލައްކަ ޑޮލަރަށް އަރައެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ ވެސްޓް ހޮލީވުޑްގެ ރައްޓެހިންނާ އެކު އަރާމު ސްޕާ ޑޭއެއްގެ ތެރެއިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަނގޮޓިތަކާއި އެހެނިހެން އަމިއްލަ ތަކެތި ގެއްލުނީ ރައްކާތެރި ކަމަށް ބެލެވޭ ތަނެއްގައި ތަޅުލާފައި ބަހައްޓާފައި ހުއްޓާއެވެ.

ލޮސް އެންޖަލަސްގެ ކައުންޓީ ޝެރިފްގެ އޮފީހުން ވަނީ އެ މައްސަލަ ތަހުގީގުކޮށް، އެއީ 10،000 ޑޮލަރަށް ވުރެ ބޮޑު ވައްކަމެއްގެ ގޮތުގައި ވަނީ ގިންތިކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ސްޕާގެ ސީސީޓީވީ ފުޓޭޖް ތައް ކަމާބެހޭ ފަރާތްތަކުން ވަރަށް ފަރުވާތެރިކަމާއެކު ވަނީ ބަލައިފައެވެ.

އެހެން ނަމަވެސް ލިލީ އޭނާގެ އަގުހުރި ތަކެތި ބެހެއްޓި ސަރަހައްދަށް ގަދަކަމުން ބަޔަކު ވަންނަން މަސައްކަތް ކޮށްފައި ހުރި ކަމުގެ އިޝާރާތެއް ފެނިފައެއް ނުވެއެވެ.

ވަގަށް ނެގި އޭނާގެ އަނގޮޓިތަކުގެ ސީދާ އަގު ނޭނގުނު ނަމަވެސް، އެ އަނގޮޓިތަކަކީ އެއްވައްތަރެއްގެ އަދި އޭނާއަށް ވަރަށް ހާއްސަ އަނގޮޓިތަކެއްކަމުން އެ އެއްޗެހި އޭނާ ހޯދަން ވަަރަށް ބޭނުން ވެެއެވެ.

އޭނާގެ އެންގޭޖްމަންޓް އަނގޮޓި، 18 ކެރެޓްގެ ރަން ކުލައިން ޒީނަތްތެރިކޮށްފައިވާ ހިތްގައިމު ބެޒެލް ސެޓް ރޯޒް ކަޓް ޑައިމަންޑް އޮނގޮޓިއެކެވެ.

ލިލީ ކޮލިންސް އާއި އޭނާގެ މިހާރުގެ ފިރިމީހާ ޗާލީ މެކްޑޮވެލް ކައިވެނިކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހު ކޮލޮރާޑޯގައި ބޭއްވި ހަފްލާއެއްގައެެވެ. އެ ހަފްލާގައި ބައެއް މަޝްހޫރު ފަންނާނުންވެސް ބައިވެރިވިއެވެ.