ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑޮލްގެ ތިން ވަނަ ސީޒަންގެ ޕިޔާނޯ ރައުންޑްގެ ފުރަތަމަ ޝޯގެ ހުށަހެޅުން ރޭ ފެނިގެންގޮސްފިއެވެ.

ހިތްގައިމު ހުށައެޅުންތަކަކާއެކު ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯ ރޭ ދައްކާފައިވާއިރު، ގަދަ 16 ބައިވެރިންގެ ތެރެއިން ރޭގެ ޝޯގައި ލަވަ ހުށައަޅާދީފައިވަނީ 8 ބައިވެރިންނެވެ. މީގެ ތެރޭގައި ގޯލްޑަން މައިކާއެކު ޕިއާނޯ ރައުންޑަށް ދަތުރުކުރި ރައިޙާން ޢާދަމް ވެސް ހިމެނެއެވެ. މީގެ އިތުރުން ރޭގެ ޝޯގައި ލަވަ ހުށަހަޅާދީފައި ވަނީ ޝާން ޝަރީފް، މަރިޔަމް މައީޝާ، ޢަބްދުﷲ މުނާޒް، ޢަބްދުﷲ މުރުޝިދު، ނިސްފާ މުޞްތަފާ، އަޙްމަދު އިޝާމް އަދި އައިޝަތު އަޒަލް ޢަލީ ޒާހިރެވެ.

ރޭގެ ހުރިހާ ބައިވެރިންގެ ހުށަހެޅުންތަށް 4 ޖަޖުންނަށް ވެސް ކަމުދިޔައިރު، ޖަޖުން ބުނެފައިވަނީ ކޮންމެ ހުށަހެޅުކަމާއެކު ފަހަރަކަށްވުރެ ފަހަރެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަން ފެންނަކަމަށާއި އެކަން ހުށަހެޅުންތަކުން ފާހަގަ ވާހަކަށެވެ. ރޭގެ ޝޯގައި ޝާންގެ ލަވައިން ޒާރާ ގައިގައި ހީބިހި ނަންގާލިއިރު، އައްފާން ބުނެފައިވަނީ ރޭގެ ޝޯގައި ގޯލްޑެން މައިކް ދެވޭނަމަ ހުރިހާ ޖަޖުންނާ ޒުވާބު ކުރުމަށްފަހު ވެސް އަޒަލްއަށް ގޯލްޑެން މައިކް ދޭނެކަމަށެވެ.

ޕިޔާނޯ ރައުންޑްގެ ފުރަތަމަ ޝޯގައި އަށް ބައިވެރިންގެ ހުށަހެޅުން ފެނިގެންދިޔަ ރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން 8 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މިރޭ ބާއްވާ އެލިމިނޭޝަން ނައިޓުގައެވެ.

ރޭގެ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.މި ރޭގެ އެލިމިނޭޝަން ނައިޓާއެކު މިފަހަރުގެ ސީޒަންގެ ގަދަ 12 އިން ޖާގަ ކަށަވަރުކުރާ ފުރަތަމަ 6 ބައިވެރިން ޔަޤީންވެގެންދާއިރު، 2 ބައިވެރިއަކު މި ޝޯއާއި ވަކިވެގެންދާނެއެވެ. ޝޯއިން ވަކިވެގެންދާނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން، އެންމެ ދަށުން މާކްސް ލިބޭ ދެ ބައިވެރިންނެވެ.