ޓިކްޓޮކް އިން ވީޑިއޯ ބެލުމުގައި ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރާ ގިނަ ބަޔަކު އެބަތިއްބެވެ. ނަމަވެސް އެއިން މީހަކަށް ލިބޭ އާމްދަނީއެއް ނޯވެއެވެ. ގެއްލިގެން ދަނީ އެތައް ވަގުތެކެވެ. އެފަދަ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މިއީ އެމީހުންގެ ޑްރީމް ޖޮބެވެ.

ވަޒީފާ އިއުލާން ކޮށްފައިވާ ކުންފުނިން ބުނާ ގޮތުގައި އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް މިވަޒީފާ އަށް ކުރިމަތިލެވޭނެއެވެ. ވަޒީފާގެ މުސާރަ އަކީ ކޮންމެ ގަޑިއިރަކަށް 100 އެމެރިކާ ޑޮލަރު ނުވަތަ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް -/1500 ރުފިޔާ އެވެ.

ވަޒީފާގެ ޒިންމާއަކަށް އޮތީ ޓިކްޓޮކް އިން ވީޑިއޯތައް ބަލައި، ވީޑިއޯތަކުގެ ޓްރެންޑްތަކުގެ މައުލޫމާތު ކުންފުންޏަށް ފޯރުކޮށްދިނުމެވެ. މިވަޒީފާ އަށް ތިން މީހަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުންނަ މީހަކަށް ވެސް މިވަޒީފާ އަށް ކުރިމަތިލެވޭނެއެވެ. މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވަޒީފާ އަށް ކުރިމަތިލާން ޖެހޭނެއެވެ.

ޓިކްޓޮކް އިން ވީޑިއޯ ބެލުމުގެ ވަޒީފާ ހުޅުވާލި މާކެޓިން ކުންފުނިން ބުނާ ގޮތުގައި އެކުންފުނިން ބޭނުން ވަނީ ވެސް ވަކި ކަމަކަށް ހާއްސަ ވެފައިވާ ޓެކްނިކަލް މުވައްޒަފެއް ނޫނެވެ.

ފަހަކަށް އައިސް ޓިކްޓޮކްގެ މަގުބޫލުކަން އަންނަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ. އެހެން ވެބްސައިޓްތަކުން ވެސް ޓިކްޓޮކްގައި ހުންނަ ފަދަ ކުދިކުދި ވީޑިއޯތައް މިހާރު އަންނަނީ ހަދަމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރު ގިނަ މީހުންނަށް ކަމުދަނީ ތަފާތު މެސެޖްތަކާއި މައުލޫމާތުތައް ލިބޭ ކުރު ވީޑިއޯތަކެވެ.