އިންޑިއާގެ ބެންގްލޫރުގައި ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓަކުން ތުއްތު ކުއްޖަކު ހައިރާން ކުރަނިވި ގޮތަކަށް ސަލާމަތް ވެއްޖެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ދެމަފިރިންނާއި އެމީހުންގެ ތުއްތު ދަރިފުޅު ދުއްވަމުން ދިޔަ ސައިކަލް އެހެން ސައިކަލެއްގައި ޖެހި ދެމަފިރިން ސައިކަލުން ވެއްޓެއެވެ. އޭރު ސައިކަލްގެ ޕެޓްރޯލް ޓޭންކް މަތީގައި ކުޑަ ކުއްޖާ އިށީންދެގެން އިނދެއެވެ. ބާރުބޮޑު މަގުން އެތައް ވެހިކަލެއް ދުއްވަމުން ދަނިކޮށް ކުޑަ ކުއްޖާ އިން ސައިކަލް "އަމިއްލަ އަށް ދުއްވާފައި" 100 ވަރަކަށް މީޓަރަށް ކުރިއަށް ދެއެވެ.

ކުއްޖާ ނުވެއްޓި ފުދޭ ވަރަކަށް ދުރަށް ސައިކަލް ދުވުމަށް ފަހު ސައިކަލް ވެއްޓުނީ މަގުގެ އެއް ފަރާތަށެވެ. ކުއްޖާ ވެއްޓުނީ މަގުގެ އެއް ފަރާތުގައި އިންދާފައި ހުރި ގަސްތަކެއްގެ ކައިރިއަށް ކަމުން އޭނާ އަށް މާބޮޑު އަނިޔާއެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުއްޖާ މަގުމައްޗަށް ވެއްޓުނު ނަމަ މަގުމަތިން ދިޔަ ވެހިކަލެއްގެ ދަށު ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މިއެކްސިޑެންޓްގައި ކުއްޖާގެ މައިންބަފައިންނާއި އެމީހުންގެ ސައިކަލްގައި ޖެހުނު ސައިކަލް ދުއްވަން އިން މީހާ އަށް ވެސް މާބޮޑު އަނިޔާއެއް ނުވެއެވެ.

https://www.youtube.com/watch?v=lwUn9so5lCg

ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި އާންމުވުމާއި އެކު ގިނަ ބަޔަކު ދަނީ ވީޑިއޯ އާއި ބެހޭ ގޮތުން ބަހުސް ކުރަމުންނެވެ. ދަރިންނަށް މާބޮޑު ސަމާލުކަމެއް ނުދީ އެކުދިން ސައިކަލްތަކުގައި އުފުލުމަކީ އިންޑިއާގައި އާންމު ކަމެކެވެ. އާއިލާ ހުރިހާ މެންބަރުން އެއް ސައިކަލެއްގައި ދަތުރު ކުރުމުގެ ތެރޭގައި މީގެ ކުރިން ވެސް އިންޑިއާގައި ވަނީ ނުރައްކާތެރި އެތައް ހާދިސާއެއް ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާނި

    ﷲގެ ކުޅަދުން ވަންތަކަން