ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގައި ގޮތްނޭނގޭ އެތައް ކަމެއް ހިނގަމުންދެއެވެ. މި ނިޒާމުގެ ހަޤީޤަތް ހޯދުމަށް މަސައްކަތްކުރާ މިންވަރަކުން ޖަވާބެއް ނުލިބޭ އާ ސުވާލުތައް އިތުރުވަމުންދާއިރު "ބްލެކް ހޯލް" އަކީވެސް ކައުނުގެ އެކި ސަރަޙައްދުތަކުގައިވާ އެފަދަ ގޮތްނޭގޭ ބިޔަ އެއްޗެކެވެ.

ބްލެކް ހޯލްއަކީ ނުރައްކާތެރި އެއްޗެއްކަން ޔަޤީންކުރެވުނު ނަމަވެސް އޭގެ މާބޮޑު ހަޤީޤަތެއް އިންސާނުންނަކަށް އަދި ހޯދިފައި ނުވެއެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ބްލެކް ހޯލްއަކީ ކަޅު ތަނެއް ނޫނެވެ. ނުވަތަ ދާއިމީ ޖަލެއްވެސް ނޫނެވެ. މިފަދަ ތަނެއްގެ އެއްފަޅިން ވަދެ އަނެއް ފަޅިން މުޅީން އައު ކާއިނާތަކަށް ދެވޭކަމަށްވެސް ބައެއް މީހުން ޤަބޫލުކުރެއެވެ. އެހެނަސް ބްލެކް ހޯލް އެއް ދުނިޔެއާ ބިލިޔަނެއްހާ ކިލޯ މީޓަރު ކައިރި ވެއްޖެ ނަމަވެސް ދުނިޔެ ފަނާވެގެން ހިނގައިދާނެކަމަށް ސައިންސްގެ ހޯދުންތަކުން އެނގިގެންދިޔަ ހިސާބަކީ އޭގެ ނުރައްކާތެރިކަން ގިނަ ބަޔަކަށް ތަސައްވުރުކުރެވުނު ހިސާބެވެ.

ބްލެކް ހޯލްއެއްގެ ނުރައްކާ ދުނިޔެއަށް މި މިންވަރަށް އޮތްއިރު އެފަދަ ތަނަކަށް އިންސާނަކަށް ދަތުރު ކުރުމަކީ އަމުދުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މީހަކު ފުރަތަމަ ފަހަރަށް ބްލެކް ހޯލްއެއްގެ ތެރެއަށް ގޮސްގެން އެވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް މިވަނީ އައިސްފައެވެ. އެހެން ނަމަވެސް އެއީ ކައުނުގައި ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމާއި އެތައް މިލިއަން މޭލެއް ދުރުގައިވާ ފަދަ ބްލެކް ހޯލްއެއް ނޫނެވެ. އެއީ އެފަދަ ބްލެކް ހޯލްއެއްގެ ސިފަ ގެނުވައި، "ބްލެކް ހޯލް"ގެ ނަމުން ނަންދީ މައުރަޒެއްގައި ހަދާފައިވާ ރަމްޒީ ތަނެކެވެ.

މި "ބްލެކް ހޯލް" އަކީ މީގެ ކުރިން އިނގިރޭސިވިލާތުގެ އާޓިސްޓުންތަކެއް ޕޯޗުގަލްގައި ތައްޔާރުކޮށްފައިވާ ތަނެކެވެ. އަސްލު ބްލެކް ހޯލްއެއް ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ އެތަން ބިންމަތިން އަޑިއަށް ހަތްވަރަކަށް ފޫޓުއަޑިއަށް ކޮނެ ފަރުމާކޮށްފައިވާއިރު، ބަލާބެލުމަށް އެއީ ބިންމަތީގައި ވަށްކޮށް ކުރަހާފައިވާ ކަޅު ކުރެހުމެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މި ބްލެކް ހޯލްގެ ތެރެއަށް އުމުރުން 60 އަހަރުގެ އިޓަލީ މީހަކު ވެއްޓިފައިވާއިރު، އޭނާއަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާވެސް ދީފައެވެ. އޭނާ "ބްލެކް ހޯލް" ތެރެއަށް ވެއްޓުނީ އެއީ ކުރަހާފައިވާ ތަނެއްކަމަށް ހީކޮށް އެކަން ޔަޤީންކުރުމަށް ކުރެހުމުގެ މައްޗަށް އެރުމުންނެވެ. މި ހާދިސާގައި އެމީހާއަށް ސީރިއަސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.

މި ހާދިސާ އާއި ގުޅިގެން އެ މައުރަޒު ހިންގާ ފަރާތުން ބުނެފައިވަނީ، އެމީހާ "ބްލެކް ހޯލް"ގެ ތެރެއަށް ވެއްޓުނުއިރު ކުރެހުމުގެ މައްޗަށް ނޭރުމަށް އިރުޝާދުދީފައިވާ ލިއުންތައްވެސް އެތަނުގައި ހަރުކޮށްފައިވާނެ ކަމަށާއި، ކުރެހުންތަކާއި މާ ކައިރިވެ އުޅުމަކީ ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށެވެ. އެހެންކަމުން މި ހާދިސާއަކީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އަޅާފައި ނެތުމުން ހިނގައިދިޔަ ހާދިސާއެއް ނޫންކަމަށް އެފަރާތުން ބުނެފައި ވެއެވެ.

މި "ބްލެކް ހޯލް" އަކީ 1992 ވަނަ އަހަރު ހަދާފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ

    މުސްލިމުން ވާވައްދަން ދައްކާ އަސްލެއް ނެތް ވާހަކަ. ހަދީސަކުން ދުށިންތަ ބުލެކުހޯލެއްގެ ވާހަކައެއް؟

    • ރިއަލިޓީ

      ހަދީސަކުންނެއްނޫން ކީރިތި ގުރުއާން ގައި އޮބޮހުރި އޭގެ ވާހަކަ އައިއްސަ .. ބުލެކް ހޯލް މީ އިންސާނުން އެއަށް ދީފަ އިން ނަމެއް ...

    • ގަމާރުމޯލްޑިވިއަން

      އިސްލާމް ދީނަށް ޖޯކު ނުުޖަހާ!!!!