މަޝްހޫރު ފިލްމް ސީރީސް ހެރީ ޕޮޓާގައި ހެރީގެ ރޯލް ކުޅެފައިވާ ލީޑް ތަރި ޑެނިއަލް ރެޑްކްލިފްއަށް ލިބުނީ ފިރިހެން ކުއްޖެއްކަން އޭނާ ހާމަކޮށްފިއެވެ.

އޭނާގެ ލޯބިވެރިޔާ ކަމުގައިވާ ބަތަލާ އެރިން ޑާކޭއާއި އެއްކޮށް ދަރިއަކު ލިބިފައިވާކަން މީގެ ތިން މަސް ކުރިން ހާމަކުރިޔަސް، އޭރު އެކުއްޖާގެ ޖިންސު މި ދެ ތަރިން ހާމަކޮށްފައިނުވެއެވެ. އެ ދެ ތަރިންވެސް ބޭނުންވީ މީޑިއާގެ ސަމާލުކަން ދަރިފުޅަށް ނުލިބޭ ގޮތަށް އުޅުމަށެވެ.

އެރިން ބަނޑުބޮޑުކަންވެސް އެ ދެމީހުން ވަނީ ސިއްރުކޮށްފައެވެ.

މިއީ ޑެނިއަލްއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

ޑެނިއަލްއަށް ދަރިއަކު ލިބުނުއިރު އޭނާގެ އުމުރުން 33 އަހަރެވެ.

ޑެނިއަލްއާއި އެރިން އެންމެ ފުރަތަމަ ބައްދަލުވީ 2013 ވަނަ އަހަރު ނެރުނު ފިލްމު "ކިލް ޔުއާ ޑާލިންގްސް"ގެ ސެޓް ތެރެއިންނެވެ.

ޑެނިއަލްއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކަށްވާ އިރު އޭނާ އާންމުކޮށް ދިރިއުޅެނީ އެމެރިކާއާއި އިނގިރޭސިވިލާތުގައެވެ.

ޑެނިއަލް ކުޅެފައިވާ ހެރީ ޕޮޓާ ފިލްމުތައް ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2000ގެ އަހަރުތަކުގެ ތެރޭގައެވެ. އަދި އެ ފިލްމު ސީރީޒްގެ އެންމެ ފަހުގެ ފިލްމު ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހޮލޯޒް-2 ނެރުނީ 2011 ވަނަ އަހަރުއެވެ.

ހެރީ ޕޮޓާގެ އަށް ފިލްމުގައި ޑެނިއަލް ފެނިގެން ދިޔައިރު އޭނާއަށް އެ ފިލްމުތަކުން ޖުމްލަ 95.6 މިލިއަން ޑޮލަރު ލިބުނެވެ.

އަދި އޭގެ ފަހުން ކުޅުނު ފިލްމުތަކާއެކު ޑެނިއަލްގެ މިލްކިއްޔާތު 100 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެެވެ.

އެހެން ނަމަވެސް ހެރީ ޕޮޓާއަށް ފަހު ޑެނިއަލް ކުޅުނު ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.