ހޮލީވުޑްގެ މަޝްހޫރު އެތައް ތަރިން އެއް ސްކްރީނަކުން ފެންނަ ކްރިސްޓޮފާ ނޮލާންގެ ފިލްމު "އާޕަންހައިމާ" ޖުލައި 21 ގައި ނެރެން ތައްޔާރުވެއްޖެއެވެ.

އާޕަންހައިމާއަކީ ޕުލިޓްޒް އިނާމް ހާސިލުކޮށްފައިވާ "އެމެރިކަން ޕްރަމީތީއަސް: ދަ ޓްރައަމްފް އެންޑް ޓްރެޖެޑީ އޮފް ޖޭ. ރޮބާޓް އާޕަންހައިމާ" ބަޔޮގްރަފީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

އޮސްކާ އެވޯޑަށް ނޯމިނޭޓްވެފައިވާ ނޮލާންގެ މި ފިލްމުން ސިލިއަން މާފީ، ރޮބާޓް ޑައުނީ ޖޫނިއަރ، އެމިލީ ބްލަންޓް، މެޓް ޑޭއިމަން އަދި ފްލޯރެންސް ޕްޔޫ މުހިންމު ރޯލްތަކުން ފެނިގެންދާނެއެވެ.

މި ބަޔޮޕިކްގައި ދައްކުވައިދޭނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ މެންހަޓަން ޕްރޮޖެކްޓް، އެޓޮމިކް ބޮމެއް އުފެއްދުމަށް ކުރި މަސައްކަތުން މަޝްހޫރުކަން ހޯދި ސައިންސްވެރިޔާ ކަމަށްވާ ޖޭ. ރޮބާޓް އާޕަންހައިމާގެ ހަޔާތުގައި ހިނގި ހާދިސާތަކެވެ.

ފިލްމުގައި މައިގަނޑު ޝަހްސުގެ ބައި ކުޅޭނީ ބަތަލު މާފީއެވެ. އަދި އޭނާގެ އަންހެނުން ކިޓީގެ ރޯލްއިން ބްލަންޓް ފެނިގެންދާއިރު، ޑޭއިމަން ކުޅޭނީ ލެފްޓިނެންޓް ޖެނެރަލް ލެސްލީ ގްރޯވްސްގެ ރޯލްއެވެ. ލެސްލީ ގްރޯވްސްއަކި ޕެންޓަގަންގެ މަސައްކަތް ބެލުމާއި ހަވާލުވި މަންހަޓަން ޕްރޮޖެކްޓްގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރި މީހެކެވެ.

ހަމައެެއާއިއެކު، ޑައުނީ ޖޫނިއާ ކުޅެފައިވަނީ ލެވިސް ސްޓްރައުސްގެ ރޯލްއެވެ. އޭނާގެ ޝަހްސަކީ މަންހަޓަން ޕްރޮޖެކްޓް ކުރިއަށްގެންދެވުނުއިރު، އެމެރިކާގެ އެޓޮމިކް އެނާޖީ ކޮމިޝަންގައި ދެ ދައުރުގެ ރައީސްކަން ކުރި މީހާގެ ބައެވެ.