ޖެނެރޭޝަން އެކްސް ނުވަތަ މިލޭނިއަލްސް ކުޑައިރުގައި ހަމަ ގައިމުވެސް ބަލާފައި ވާ އެންމެ މަގްބޫލު އެއް ފިލްމަކީ "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" އެވެ. މަޝްހޫރު ކުޑަކުދިންގެ ފޮތްތައް ލިޔާ ރޯލްޑް ޑާހްލްގެ ޚިޔާލީ ވާހަކަ ފޮތް "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" އަސްލަކަށް ބަލައިގެން ތައްޔާރުކުރި މި ވާހަކައިގެ މައްޗަށް 2 ފިލްމެއް މިހާތަނަށް ނެރެފައިވެއެވެ.

މި ފިލްމުގައި މައިގަނޑު ޝަހްސަކީ ވިލީ ވޮންކާއެވެ. ވިލީ ވޮންކާގެ ރޯލުން މިފަހަރު ހޮލީވުޑަށް ނިކުންނަން އުޅޭ އައު ފިލްމު "ވޮންކާ" ކުޅުމަށް މަޝްހޫރު ޒުވާން ފިލްމީ ތަރި ޓިމޯތޭ ޝަލަމޭ ހަމަޖައްސައިފިއެވެ. ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީގެ ޕްރީކުއެލް ފިލްމު "ވޮންކާ" އަށް ޝަލަމޭ ހަމަޖެހުނީ އޮޑިޝަންއަކާއިވެސް ނުލާއެވެ. ރިޕޯޓްތައް ބުނާގޮތުން މި ރޯލްއަށް އޭނާ ހޮވުނީ ސްކޫލް ދައުރުގައި އޭނާ ހުށަހަޅައިދިން ތަމްސީލެއް ފިލްމުގެ ޕްރޮޑިއުސަރަށް ފެނި، އެ ހުށަހެޅުން ކަމުގޮސްގެނެވެ.

"ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓްރީ" ގެ ދެވަނަ އިންސްޓޯލްމަންޓްގައި ހަރަކާތްތެރިވީ ހޮލީވުޑްގެ އެފަދަ ދެވަނައެއް ނެތް މަގްބޫލު ބަތަލު ޖޯނީ ޑެޕްއެވެ.

ޚިޔާލީ ޝަހްސުތަކުގެ ބައި އެންމެ ފުރިހަމައަށް ގެނެސްދޭން އެންމެ އެކަށޭނަ ކަމަށް ގިނަ ބަޔަކު ދެކޭ ޑެޕްއަކީ ޝަލަމޭގެ ކުރީގެ ލޯބިވެރިޔާ ލިލީ ރޯޒް ޑެޕްގެ ބައްޕައެވެ.