ހިނިތުންވުން ވިއްކައިގެން މީހަކު ފައިސާ ހޯދާ ވާހަކަ ބުނުމަކީ ބައެއް މީހުންނަށް ލިބޭ ހައިރާން ކަމަކަށް ވެދާނެއެވެ. ނަމަވެސް އެއީ ޙަޤީޤަތެކެވެ. ޗައިނާގެ އަންހެނަކު ކިޑްނީ ފެއިލްވެ، ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަން ޖެހުމުން އެކަމަށް ބޭނުންވާ ފައިސާ ހޯދަން ހިނިތުންވުން ވިއްކަމުން އެބަގެންދެއެވެ.

އުމުރުން 26 އަހަރުގެ ޒޫ ޔާ މަގުމަތިންދާ މީހުންނަށް ހިނިތުންވެލައިގެން އެއް މިނެޓް ވަންދެން ހުންނަނީ ބަދަލުގައި އެއް ޔުއާން ހޯދާށެވެ. އޭގެ އިތުރަށް އޭނާ ދަނީ ހިނިތުންވުން ކުރަހާފައި ހުންނަ ސްޓިކާ ވެސް ވިއްކަމުންނެވެ.

ޒޫގެ އޮޕަރޭޝަނަށް ފަސްލައްކަ ޔުއާން އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 1.1 މިލިއަން ރުފިޔާއެވެ. ގައުމީ ހެލްތުކެއާ ސްކީމްގެ ދަށުން އޮޕަރޭޝަންގެ 20 އިންސައްތަ އާއި 30 އިންސައްތަ އާއި ދެމެދުގެ ޚަރަދެއް ކޮށްދޭނެއެވެ. ނަމަވެސް މިހާރު ވަޒީފާ ވެސް ގެއްލިފައިވާ ކުރީގެ އާޓް ޓީޗަރު ބުނާ ގޮތުން އޭނާ އަށް ފައިސާ ލިބޭނެ އިތުރު ގޮތެއް ނެތެވެ.

"އަހަރެންގެ މަންމަ އާއި އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ވަރަށް ލޯބިވޭ. އަހަރެންނަށް ފަރުވާ އެއް ހޯދަން އެމީހުން ވަރަށް މަސައްކަތް ކުރޭ. އަހަރެންނަށް ދިމާވެފައި މިވަނީ އުނދަގޫ ހާލަތެއް. ނަމަވެސް އަހަރެން ހިނިތުންވުން ހުއްޓައެއް ނުލަން." ޒޫ ބުންޏެވެ.

ޒޫގެ ފިރިމީހާ އަކީ ދަނޑުވެރިއެކެވެ. ޒޫގެ ކިޑްނީ މީގެ ތިންމަސް ކުރިން ފެއިލް ވުމުން ޒޫ އާއި އޭނާގެ މަންމަ މިހާރު ވަނީ އެމީހުން ދިރިއުޅުނު ސިޓީ ދޫކޮށް އެހެން ސިޓީއަކަށް ބަދަލުވެފައެވެ. އެއީ ޑަޔަލިސިސް ހެދެން ހުރި ހޮސްޕިޓަލެއް ހުރި ސިޓީ އަކަށް ބަދަލު ވާން ޖެހޭތީއެވެ. ޒޫ އާއި އޭނާގެ މަންމަ މިހާރު ދިރިއުޅެނީ މަހަކު 1100 ޔުއާން އަށް ފްލެޓެއް ކުއްޔަށް ހިފައިގެންނެވެ. އެއާއިލާ އަށް މިހާރު ފައިސާ ލިބޭ ހަމައެކަނި ގޮތަކީ ޒޫގެ ފިރިމީހާ ދަނޑުވެރިކަން ކޮށްގެން ލިބޭ އާމްދަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ތަބަކެށް

    އެ މީހުންވެސް ކުއްޔަށް ދޯ އެއުޅެނީ އެހެން ސިޓީތަކަށް ގޮސް. ރާޖޭގައި ހީވަނީ ހިޖުރަ ކުރާ ކޮންމެ ގައުމެއްގައި / ރަށެއްގައި ސަރުކާރުން ހިލޭ ފްލެޓު އަޅާ ހަދިޔާ ކުރަންޖެހޭހެން!