ލޯބިވާ ދަރިފުޅު ވަކިވެ ދިޔުމަކީ ބޮޑު ހިތާމައެކެވެ. އެ ހިތާމަ ކުރަމުންދާ އެތައް ބަޔަކު މިއަދު ދުނިޔޭގައެވެ. އެބަތިއްބެވެ. އިންޑިއާގެ މަހަރަޝްތްރާއަށް ނިސްބަތްވާ މި ދެ ޑޮކްޓަރުންނަކީވެސް އެ ހިތާމަ ކުރަމުންދާ ދެމަފިރިންނެވެ.

މި ދެ މީހުންނަށް މިދިޔަ އަހަރު ދަރިއަކު ލިބުނު ނަމަވެސް އެ ދަރިފުޅާއެކު މާގިނަ ދުވަހު ހޭދަކޮށްލަން ވަގުތު ނުލިބުނެވެ. އުމުރުން އެންމެ ހަތަރު މަހުގައި އެ މީހުންގެ ދަރިފުޅު މަރުވިއެވެ، އެ ދަރިފުޅުގެ ގުނަވަންތައް އެހެން ބަޔަކަށް ހަދިޔާވެސް ނުކުރެވުނެވެ. އެކަމާ މި ދެމަފިރިން ތިބީ ވަރަށް ދެރަވެފައެވެ.

އެހެން ނަމަވެސް މިއަދު އެ ދަރިފުޅަށްޓަކައި މި ދެމަފިރިން އެ ދަނީ ގުރުބާނީ ވަމުންނެވެ. އޭގެ އެއް ހެއްކަކީ އެ ދަރިފުޅުގެ އުފަންދުވަހަށް ހާއްސަކޮށް ދެ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވި ވާހަކައެވެ. އެ ވާހަކަ އަޑުއަހާފައި އެތައް ބަޔަކު ރޮއްވާލިއެވެ.

އުމޭޝް އާއި އަވްޝްނީ ނަމަކަށް ދިޔާ މި ދެ ޑޮކްޓަރުން ފައިސާގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ދެ ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށެވެ.

މި ދެ ޑޮކްޓަރުން އެހީފޯރުކޮށްދީގެން އޮޕަރޭޝަން ކުރި ދެ ކުދިންގެ ހާލު ވަރަށް ރަނގަޅެވެ. ހިތުގެ ބޮޑު ލޯވަޅެއް ހުރި އަމްރަވަތީއަށް ނިސްބަތްވާ ދެ ކުދިންގެ ފުރާނަ ސަލާމަތްކުރި ޑޮކްޓަރުންނަށް ތައުރީފް އޮހެމުން އަންނައިރު، މި ދެމަފިރިން އެ ކުދިންގެ ފުރާނަ ސަލާމަތްކޮށްދީފައި ވަނީ އެހީތެރިކަން ބޭނުންވެފައި ތިބި ކުދިން ހޯދަން އެ މީހުން އަމިއްލައަށް ކުރި ދަތުރެއްގައެވެ. މި ދެމަފިރިންގެ އެ ދަތުރު ފެށީ މިދިޔަ ތިން މަސް ކުރިންނެވެ.

އެންމެ ފަހުން މި ދެމަފިރިން އެ ދަތުރު ނިންމާލީ ހިތުގެ އޮަޕަރޭޝަންތަކަށް ހާއްސަ ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުން ފަރުވާ ހޯދަމުންދާ ދެ ކުއްޖަކަށް އެހީތެރިކަންފޯރުކޮށްދީގެންނެވެ.

އުމޭޝް އާއި އަވްޝްނީގެ މީރާ މަރުވިއެއް ކަމަކު ދަރިފުޅަށްޓަކައި އެ މީހުން ސަލާމަތްކޮށްދިނީ ދެ ފުރާނައެވެ.

ކިޔުންތެރިންގެ ހިޔާލު