އެމެރިކާގެ މަޝްހޫރު ރެޕް ލަވަލިޔުންތެރިޔާ އަދި ފެޝަން ޑިޒައިނަރ ކާންޔޭ ވެސްޓް، އެމެރިކާގެ ރައީސްކަމަށް ކުރިމަތިލައިދާނެކަމުގެ އިޝާރާތެއް ކޮށްފިއެވެ. މިކަން ދޭހަވާފަދަ އިބާރާތާކުން އޭނާ ވާހަކަ ދައްކާފައިވަނީ، ޗިކާގޯގެ ރޭޑިޔޯ ސްޓޭޝަނަކަށް ދިން އިންޓަވިއު އެއްގައެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން ކާންޔޭ ވެސްޓް ބުނެފައިވަނީ، މިއީ އޭނާ ސީރިޔަސްކަމާއެކު ވިސްނަމުންދާ ކަމެއްކަމަށެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ކުރިން ބާއްވާ އެއްވެސް އިންތިޙާބެއްގައި އޭނާ ވާދަ ނުކުރާނެކަމަށާއި، އެކަން ކުރާނީ އެއަހަރުގެ ފަހުންކަމަށްވެސް ބުނެފައިވެއެވެ. އަދި، އެކަން ވެދާނެކަމަށް 100 ޕަސެންޓު ޔަޤީންކަން ދޭކަމަށްވެސް، އޭނާ އިތުރަށް ބުނެފައިވެއެވެ.

މީގެކުރިންވެސް، އެމެރިކާގެ ރައީސްކަމަށް ކާންޔޭ ވެސްޓް ކުރިމަތިލުމުގެ ވާހަކަތަކެއް ދައްކާފައިވެއެވެ. އެގޮތުން، 2015 ވަނަ އަހަރުގެ ތެރޭގައި ބޭއްވި އެމްޓީވީ ވޯޑިޔޯ މިއުޒިކް އެވޯޑްސްގެ ތެރެއިން މި ވާހަކަ ދައްކާ، ވާހަކައިގެ އަޑު ގަދަވެފައިވެއެވެ.

މީގެއިތުރުންވެސް، ރައީސްކަމަށް ކުރިމަތިލުމަށްފަހު ކުރަން ނިންމާފައިވާ ބައެއް ކަންކަންވެސް، ކާންޔޭ ވެސްޓް އާއްމުކޮށްފައިވެއެވެ. އެގޮތުން، އެޤައުމުގެ ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް ބުނެފައިވެއެވެ. އަދި، އެދާއިރާ ކުރިއަރައިގެން ދާނެފަދަ ކަންކަން ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

"އަހަރެން ރައީސަކަށް ވުމަށްފަހު ކުރާނެ އެންމެ މައިގަނޑު އެއްކަމަކީ ޞިއްޙީ ދާއިރާ، އަހަރެން ޔަޤީން ކުރާނަން އެދާއިރާ ކުރިއަރައިގެން ދާނެކަމަށް." މިދިޔަ ބުރާސްފަތި ދުވަހު ދީފައިވާ އިންޓަވިއުގައި ބުނެފައިވެއެވެ.

ކާންޔޭ ވެސްޓް އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ ސިޔާސީ ލީޑަރުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ހުރިހާ ކަމަކީވެސް ފައިސާކަމުގައި ދެކުމެވެ. އަދި، މިކަމުގައި ހަޤީޤަތް ވަރަށް ރަނގަޅަށް އެނގިފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެތައް ބައެއްގެ މަޤުބޫލުކަން ލިބިފައިވާ އަދި މީޑިޔާގައި އަބަދުވެސް ނަން އޮންނަ ކާންޔޭ އަކީ މަޝްހޫރު ކިމް ކާޑޭޝިއަންގެ ފިރިމީހާއެވެ.