ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ގިނަ ފިލްމުތަކެއްވެސް ކުޅެމުން އަންނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ، ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ފިލްމު "ބާރަތު" ކުޅެވެން ނެތް ކަމަށް ބުނެ ދޫކޮށްލުމާއެކު އޭނާއާއިއެކު ފިލްމުގައި ލީޑް ފިރިހެން ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ އެކްޓަރު ސަލްމާން ޚާންވަނީ ނުރުހުންތެރިކަން ފާޅުކޮށްފައެވެ. ފިލްމުގެ ޝޫޓިން ފެށެން އެހާ ގާތް ވެފައިވަނިކޮށް ޕްރިޔަންކާ "ބާރަތު" ދޫކޮށްލުމާއެކު ސަލްމާން ރުޅި އައިސްފައިވާއިރު، ދާދިފަހުންވެސް ނުރުހުންތެރިކަން ފާޅުކޮށް ސަލްމާން ބުނެފައިވަނީ ފިލްމު ކުޅެން ބޭނުން ކަމަށް ބުނެ ޑައިރެކްޓަރު އަލީއަށް ވެސް ގުޅީ ޕްރިޔަންކާ އަމިއްލަ އަށް ކަމަށެވެ.

ޕްރިޔަންކާ "ބާރަތު" ދޫކޮށްލައިފައިވަނީ އޭނާގެ ލޯބިވެރިޔާ ނިކް ޖޯންސްއާއި އެންގޭޖްވުމާ ގުޅިގެން ކަމަށް ޕްރިޔަންކާ މީގެ ކުރިންވަނީ ބުނެފައެވެ. ނަމަވެސް ދާދިފަހުން ސަލްމާން ވަނީ މިއާ މުޅިން ޚިލާފު ވާހަކައެއް ބުނެފައެވެ. އެއީ ޕްރިޔަންކާ "ބާރަތު" ދޫކޮށްލީ އޭނާއާއި ހެދީ ކަމުގައި ދެކޭ ކަމުގައެވެ.

"އެންގޭޖްވުމަކީ ފިލްމެއް ދޫކޮށްލަން ގެހޭ ވަރު ކަމެއް ނޫން. (ބާރަތު) ދޫކޮށްލުމަށްފަހުވެސް ޕްރިޔަންކާވަނީ އިތުރު ހޮލީވުޑް ފިލްމަކަށް އެއްބަސްވެފައި. އަދި (ބާރަތު) ކުޅެން ބޭނުން ކަމަށްބުނެ ޑައިރެކްޓަރު އަލީއަށްވެސް ގުޅީ އޭނާ އަމިއްލައަށް. އެހާ ވަރުން މި ފިލްމު ކުޅެން ބޭނުންވެފައި ހުރި މީހަކު އެންގޭޖްމެންޓާއި ހެދި ފިލްމު ދޫކޮށެއް ނުލާނެ. އަހަރެން ދެކެނީ ޕްރިޔަންކާ އަހަރެންނާއިއެކު މަސައްކަތް ކުރަން ބޭނުން ނުވަނީ ކަމުގައި" ސަލްމާން ބުނެފައިވެއެވެ.

އޭގެ އިތުރުންވެސް ޕްރިޔަންކާ "ބާރަތު" ދޫކޮށްލީ ،މިހާރު ބޮލީވުޑަށްވުރެ ހޮލީވުޑަށް އިސްކަން ދެވޭތީ ކަމަށްވެސް ވެދާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ޕްރިޔަންކާ "ބާރަތު" ދޫކޮށްލުމުން އޭނާގެ ބަދަލުގައި ދެން އެ ރޯލު ކުޅުމަށް ހަމަޖެހިގެން ދިޔައީ ސަލްމާންގެ ގާތް ރަހުމަތްތެރި އަދި ކުޅަދާނަ އެކްޓްރެސް ކެޓްރީނާ ކައިފްއެވެ.

ސައުތު ކޮރެޔާގެ ފިލްމެއް އަސްލަކަށް ބަލައިގެން ޑައިރެކްޓަރު އަލީ އުފައްދާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައެވެ. އަދި މި ފިލްމުގައި ސަލްމާންއާއި ކެޓްރީނާ ގެ އިތުރުން ދިޝާ ޕަތާނީ ވެސް ފެނިގެންދާނެއެވެ.