މީސް މީޑިޔާގައި ހިއްސާ ކުރެވޭ އެއްޗެއްގެ ސަބަބުން، ނުވަތަ މީސް މީޑިޔާގެ ޒަރީއާއިން ދައްކާ ވާހަކައެއްގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ ޙާލަތްތައް އާދެއެވެ. މިކަމުގެ ސަބަބުން، ދެމީހުންގެ ޒަވާޖީ ހަޔާތް ނިންމާލަން ޖެހޭ ހިސާބަށް ކަންތައް ގޮސްފައިވެއެވެ.

އެހެންނަމަވެސް، މީސް މީޑިޔާގެ ސަބަބުން މިހާރު މައްސަލަ ޖެހެނީ ހަމައެކަނި ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންގެ މެދުގައި އެކަންޏެއް ނޫނެވެ. ކައިވެނި ނުކުރެވޭނެ ކަމަށް، އާއިލާއިން ދައްކާ އުޒުރަކަށްވެސް، މީސް މީޑިޔާވަނީ ވެފައެވެ.

އެގޮތުން، އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ އަމްރޯހާ ސަރަޙައްދުގެ ނޯގާން ސަދަތު އަވަށުގައި މިފަދަ ޙާދިސާއެއް ހިނގާފައިވެއެވެ. ކައިވެނި ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ކައިވެނި ކުރާ ފިރިހެން މީހާގެ ފަރާތުން، އެކައިވެނި ނުކުރެވޭނެކަމަށް ބުނެފައިވަނީ އަންހެން ކުއްޖާ އަކީ މާ ގިނައިން ވަޓްސްއެޕް ބޭނުންކުރާ ކުއްޖެއްކަމަށް ބުނެއެވެ.

އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެދުވަހު އަންހެން ކުއްޖާގެ އާއިލާގެ މެމްބަރުން ތިބީ، ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތަނުގައި، ފިރިހެން ކުއްޖާ ފަރާތުގެ އާއިލާގެ މެންބަރުންގެ އިންތިޒާރުގައެވެ. އެހެންނަމަވެސް، ފިރިހެން މީހާގެ އާއިލާގެ ފަރާތުން، އަންހެން މީހާގެ އާއިލާއަށް ފޯނުން ގުޅުމަށްފަހު ބުނެފައިވަނީ ކައިވެންޏަށް އެމީހުން ނުރުހޭ ކަމުގައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ އަންހެން ކުއްޖާ މާ ގިނައިން ވަޓްސްއެޕް ބޭނުންކޮށް، ފޯނަށް ދެވިހިފާފައިވާތީއެވެ. އަދި، ކައިވެނި ކުރަން އޮތް ތަނުގައި އިނދެގެންވެސް ކުރިންވެސް، ވަޓްސްއެޕް އިން އެކުއްޖާ މެސެޖުތަކެއް ފޮނުވާފައިވާތީއެވެ.

އެހެންނަމަވެސް، އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން މި ވާހަކަތައް ދޮގުކޮށްފައިވެއެވެ. މިކަންކަން ދޮގުކުރުމަށްފަހު ބުނެފައިވަނީ މިކަމުގެ ފަހަތުގައި އެހެން ކަންތައްތަކެއް އެކުލެވިގެންވާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު