ޖަލު ބަލަހައްޓާ ގާޑަކަށް މަސްތުވާތަކެތި ދިނުމަށްފަހު އޭނާއަށް އޮޅުވާލައިގެން، ޙުކުމް ތަންފީޒުކުރަމުންދިޔަ ނުރައްކާތެރި ދެ ކުއްވެރިއަކު ޖަލުން ފިލައިފިއެވެ.

ކޮލަމްބިއާގެ ބޮގޯޓާ "މެކްސިމަމް ސެކިއުރިޓީ" ޖަލުން މި ދެ ކުއްވެރިން ފިލީ އެވަގުތު ޑީއުޓީގައި ހުރި އޮފިސަރަށް ބަނގުރާ ދިނުމަށްފަހު، އިތުރަށް ރާ ގަންނެގެން އަންނާނެ ކަމަށް ބުނެ އޭނާއަށް އޮޅުވާލައިގެން ކަމަށްވެއެވެ. ނަމަވެސް ޖަލުން ނިކުތުމަށްފަހު، އޭގެ ފަހުން އެދެމީހުން އެނބުރި އައިސްފައިނުވާ ކަމަށް ވެއެވެ.

މި ހާދިސާ ހިގުމާއި ގުޅިގެން އެ އޮފިސަރު، ޖަލުގައި ތިބި އެހެން އޮފިސަރުންނަށް އެކަން އެންގިއެވެ. ދެ ކުއްވެރިން ޖަލުން މަދު ކަމަށް ބުނެ އޭނާ އޮޅިވާލަން މަސައްކަތްކުރި އެ ވަގުތުގައި، ބައެއް އެހެން އޮފިސަރުންނަށް އޭނާ ރާބޮއެގެން ހުރި ކަމަށް ޝައްކު ކުރެވިގެން ޓެސްޓް ކުރުމަށް އެދުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ޖަލުން ފިލި ދެ ގައިދީން

ޖަލުން ފިލައިގެން ދިޔަ ދެމީހުންގެ ތެރެއިން އެކަކީ، 2003 ވަނަ އަހަރު، އަންހެނަކު ރަހީނުކުރި މައްސަލައެއްގައި 40 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާ މީހެކެވެ. އަދި އަނެއް ގައިދީއަކީ، ކޮލަމްބިއާގެ ޖަންގަލި ތެރޭގައި ޙަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތެއްގެ އިސް މެމްބަރެކެވެ. އޭނާ ފިލައިގެން ދިޔައީ ޙުކުމް އިއްވުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށްވެއެވެ.

މި ހާދިސާ އާއި ގުޅިގެން ކޮލަމްބިއާގެ ކަމާއި ބެހޭ އިދާރާތަކުން ޚާއްސަ ތަހުޤީޤެއް ފަށާފައިވާއިރު، އޮފިޝަލުން ބުނެފައިވަނީ ދެ ޤައިދީން ފިލައިގެން ދިޔަ ދިއުމުގައި ޖަލަށް އެއްވެސް ގެއްލުމެއް ދީފައި ނުވާކަމަށެވެ. އަދި ޖަލުގެ ދޮރެއް ނުވަތަ ތަޅެއްވެސް ހަލާކުކޮށްލާފައިނެތްއިރު، އެމީހުން ފިލައިގެން ދިއުމުގެ ޒިންމާ، މަސްތުގެހާލުގައި ހުރެ އެމީހުން ދޫކޮށްލި ގާޑު އުފުލަން ޖެހޭނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.