ކަރުދާހުން ހަދާފައިވާ ތަށިން ސަޔާއި ކޮފީ ބުއިމުން ހަމަ ލޮލަށް ނުފެންނަ ވަރުގެ ކުދި އެތައް ހާސް ކަރުދާސްކޮޅުތައް ހަށިގަނޑުގެ ތެރެއަށް ގޮސް އެއީ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް ފަހުގެ ދިރާސާ އަކުން ދައްކައިފިއެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ދިރާސާ ކުރާ ޓީމުން މި ދިރާސާ ހަދާފައިވާއިރު އެފަރާތުން ބުނީ ހޫނުފެން ކަރުދާސް ތައްޓަށް އެޅުމުން އެ ތައްޓަށް ވިރިގެން އަންނަނީ ކިހާމިންވަރެއްގެ ކަރުދާސް އެތުކޮޅުތޯ ދިރާސާ ކުރި ކަމަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން 100 މިލިލީޓަރުގެ ތައްޓަކަށް ހޫނުފެން އަޅައި 15 މިނެޓަށް ބަހައްޓާފައިވެއެވެ. މިއީ އާންމުކޮށް މީހުން މިފަދަ ތަށީގައި ކޮފީބޯން ނަގާ ވަގުތެވެ. އަދި 15 މިނެޓު ފަހުން ވަރަށް ވަރުގަދަ މައިކްރޮސްކޯޕެއްގެ އެހީގައި ތަށީގައި ހުރި ފެން ދިރާސާ ކުރުމުން ފެނުގެ ތެރެއިން ގާތްގަނޑަކަށް 25 ހާހެއްހާ މައިކްރޯޕްލާސްޓިކް ފެނިފައި ވެއެވެ.

ކަރުދާސް ތަށީގެ ތެރޭގައި ޒިންކް، ލީޑް އަދި ކްރޮމިއޮމްގެ އެތިއެތި ކޮޅު ފެނިފައިވާއިރު މިއީ ޕްލާސްޓިކް ތަށިންވެސް ފެންނަ ކަހަކަ ތަކެތި ކަމަށް ދިރާސާ ކުރި ފަރާތުން ބުނެއެވެ. ތަށީގެ ތެރެއިން ފެންނަ ޕްލާސްޓިކް ކޮޅުތަކަކީ މައިކްރޮން އެއްހާ އެއްވަރުގެ އެތިއެތި ކޮޅުތަކެވެ. އެއީ ގާތް ގަނޑަކަށް އިންސާނެއްގެ އިސްތައްޓަކަށްވުރެ 25 ގުނަ ކުޑަ އެތިކޮޅެކެވެ.

ވެސްޓް ބެންގާލްގައި ހުންނަ މި އިންސްޓިޓިއުޓްގެ ދިރާސާ ކުރާ އިސް ސައިންޓިސްޓެއް ކަމަށްވާ ޑރ. ސުދާ ގޮއެލް ބުނީ އާދައިގެ މަތީން ގިނަ މީހުންނަކީ ދުވާލެއްގެ މައްޗަށް ކަރުދާސް ތަށީގައި ތިން ތަށި ކޮފީ ބޯ މީހުން ކަމަށާއި އެފަދަ ފަރާތްތަކަށް ދުވާލެއްގެ މައްޗަށް ހަށިގަނޑުގެ ތެރެއަށް 75،000 ކުދި، ހަމަލޮލަށް ނުފެންނަ ވަރުގެ މައިކްރޯ ޕްލާސްޓިކް ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވޭ ކަމަށެވެ.

ޑރ ގޮއެލްގެ ދިރާސާ ހެޒާޑިއަސް މެޓީރިއަލްސްގައި ޝާއިއުކޮށްފައިވާ އިރު އޭނާ ބުނީ މައިކްރޮޕްލާސްޓިކްއަކީ ހަށިގަނޑަށް ނުރައްކާތެރި ބާވަތްތަކުގެ ތެރެއިން ޕެލޭޑިއުމް، ކްރޮމިއުމް އަދި ކެޑްމިއުމްވެސް އުފުއްލާ އެއްޗެއް ކަމަށެވެ. އާދައިގެ މަތީން މިތަކެތި ހަށިގަނޑުގެ ތެރެއަށް ވަންނަ ނަމަ ނުރައްކާތަކާއި ހަށިގަނޑު ކުރިމަތިލާނެ ކަމަށް އޭނާ ބުންޏެވެ. ބައެއް ކާތަކެތި ބަންދުކުރާ އެއްޗެހީގެ ސަބަބުން ޕްލާސްޓިކް ކާތަކެއްޗަށް ވަނުމުގެ ގިނަ މައްސަލަތައް ފެންމަތިވެފައިވާއިރު މިއީ ކިހާ ނުރައްކާތެރިކަމެއް ކަމަށް އަދި އެނގިފައި ނުވެއެވެ.

ކަރުދާސް ތަށިން ސަޔާއި ކޮފީ ބުޔަސް ގެއްލުން ނުވާނޭ ގޮތަށް ބައެއް ގަޤައުމުތަކުން ކަރުދާސް ތަށި އުފައްދައެވެ. އެގޮތުން ބައެއް ގައުމުތަކުން އުފައްދާ ތައްޓަކީ ސިއްހީ ގޮތުން ރައްކާތެރި ތައްޓެވެ. އިނގިރޭސިވިލާތުގައި އުފައްދާ ކަރުދާސް ތައްޓަކީ 100 އިންސައްތަ ރައްކާތެރި ތައްޓެވެ.