ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) އާ ދެކޮޅަށް ވެކްސިން ދިން އިނގިރޭސި އަންހެނުންނާއި އަންހެން ކުދިންގެ މެދުގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ވޭދަނަތައް ދަށަށް ގޮސްފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

އެޗްޕީވީ އަކީ ޖިންސީ ގުޅުމުގެ ސަބަބުން ފެތުރޭ ވައިރަހެކެވެ. މި ވައިރަހަކީ ނުރައްކާތެރިކަން ކުޑަ އަދި އަވަހަށް ރަނގަޅުވާ ވައިރަހެއް ނަމަވެސް ބައެއްފަހަރު މި ވައިރަހުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް މަގުފަހި ވެއެވެ.

ދަ ލޭންސެޓް މެޑިކަލް ޖާނަލްގައި ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ ނަތީޖާ ގައި ބުނެފައި ވާގޮތުން އުމުރުން 12 އަހަރާއި 13 އަހަރާ ދެމެދުގެ އެޗްޕީވީއާ ދެކޮޅަށް ވެކްސިން ޖަހާފައިވާ މީހުންގެ ތެރޭގައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހުމުގެ ފުރުސަތު ވެކްސިން ނުޖަހާ މީހުންނަށް ވުރެ 87 އިންސައްތައަށް ދަށްވެފައިވެއެވެ.

"ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީ ބަރޯސާވަނީ ހަމައެކަނި ވެކްސިންގެ އެފިކަސީއަށް ނޫން، ވެކްސިން ދޭ އާބާދީއަށް މި އާ ނަތީޖާތަކުގެ ސަބަބުން އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އުންމީދު ކުރަން،" އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖީގެ ކޯ-ލިޔުންތެރިޔާ ކޭޓް ސޮލްޑަން ވިދާޅުވެފައިވެއެވެ.

އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިން އިރު ކެންސަރު ޖެހޭ ރޭޓް 62 އިންސައްތައަށް ދަށްވި ކަމަށް ދިރާސާގައި ވެއެވެ. އަދި މީގެ އިތުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ވެކްސިން ދިން އަންހެން ކުދިންގެ ތެރެއިން 34 ޕަސެންޓް ދަށްވި ކަމަށް ދިރާސާގައި ވެއެވެ..

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަކީ ޒުވާން އަންހެނުންގެ ހަށިގަނޑުން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. ވެކްސިންގެ އަސަރު އެންމެ ފުރިހަމަ ގޮތުގައި ކުރޭތޯ ބެލުމަށް އަންހެނުން އުމުރުން ދުވަސްވާ ވަރަކަށް ފޮލޯއަޕް ރިސާޗް ހަދަން ޖެހޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.