"އެއީ މިމްރާޙްގެ ދެ ލޯ.. އަހަރެންގެ ހިތް ބުނަނީ އެއީ.. މިމްރާޙް.. މިދިޔަ 25 އަހަރު ތެރެއިން ދިހަ އަހަރު.. ބޯޓު ދަތުރު ކުރި ކަމަށް ކިޔަސް.. އޭނާ އުޅުނު ތަނެއް.. ކުރި ކަމެއް.. ނުކުރާ ކަމެއް ދަންނަ މީހަކު މި ރަށަކު ނެތް.. ކޮންމެ ވެސް ކަންތައް ގަނޑެއް އެ ދިހަ އަހަރު ހިނގާފަ ވާނީ.. މިމްރާޙަށް ފާރަލާން މަށަށް ފެންނަނީ.." ޝަމްޙާގެ ނިދާ ކޮޓަރިއަށް ވަދެ، އެނދުގައި އޮށޯވެ އޮތް އިމާ ގާތުގައި އޭނާ ބުންޏެވެ.

"ޝަމްޙާއަށް ހަމަ ޔަޤީންތަ އެއީ މިމްރާޙް ކަން.؟" އީމާ އެހިއެވެ.

"އަހަރެންގެ ހިތް ބުނަނީ ހަމަ އެހެން.. ދުވަސްކޮޅެއް ވަން ދެން އޭނާއަށް ފާރަލާންވީނު.. އޭނާއަށް ފާރަލާން އީމައްތަ މަށަށް އެހީ ވާން ވީނު.." ޝަމްޙާ އެދުމުން މިމްރާޙަށް ފާރަލުމުގައި އޭނާއަށް އެހީވާން އީމާ އެއްބަސްވިއެވެ.

****

ފަތިސް ނަމާދަށް ބަންގި ގޮވާ އަޑު މިމްރާޙުގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް ހޭލެވިއްޖެއެވެ. ފަތިސް ނަމާދު ބަންގިއަށް ހޭލުމަކީ މިމްރާޙަށް އާދަވެފައިވާ ކަމެކެވެ. ހޭލައިގެން މިމްރާޙު ގިފިލި ފަޅިއަށް ދިޔައީ ފެންވަރާލުމަށެވެ. ފެންވަރާ ނިމިގެން މިމްރާޙު ކޮޓަރިއަށް ވަދެ ރީތިވެލިއެވެ. އެއަށް ފަހުގައި ބޭރަށް ނުކުތީ ނަމާދު ކުރަން މިސްކިތަށް ދިއުމަށެވެ. ފަތިސް ނަމާދުކޮށް ނިމިގެން މިސްކިތުން ބޭރަށް ނުކުތްއިރު، މިސްކިތުގެ ދޮރު ކުރިމަތީގައި މިމްރާޙްގެ އިންތިޒާރުގައި ޝަމްޙާ ހުއްޓެވެ.

"މިމް.. ކޮން ޚިޔާލަކަށް ގެއްލިފައިތަ.؟" އަނގައިގެން ނުބުނެ މާ މަޑުން މޫދާ ދިމާއަށް ބަލަހައްޓައިގެން މިމްރާޙް އިނުމުން ޝަމްޙާ އަހާލިއެވެ.

އެ ދެ މީހުން ތިބީ ރަށުގެ އިރުމަތި ފަރާތު ގޮނޑޮދޮށުގައި އިށީނދެލައިގެންނެވެ.

"ރޭގަ ހިނގައިދިޔަ ކަންތައްތަކާ މެދު މި ވިސްނަނީ،" މިމްރާޙް ބުންޏެވެ.

މިމްރާޙް އެހެން ބުނިއިރު، ޝަމްޙާއަށް ވެސް ރޭ ހިނގައިދިޔަ ކަމަކާ މެދު ވިސްނެއެވެ. އެއީ މިމްރާޙްގެ ގޭގެ ދޮރުމަތިން ފެނުނު މީހާއާ މެދުގައެވެ.

"ރޭގަ ހިނގި ކޮން ކަމަކާ މެދު.؟" ޝަމްޙާ މިހެން އެހި އިރުގައި ވެސް ޝަމްޙާއަށް އެ ސުވާލުގެ ޖަވާބު އެނގެއެވެ.

"އެއީ ރޭގަ މަގޭ ކޮލަށް ކޮލަށް ދޮނެއް ދީފަ ޝަމް ދިޔައީމަ.؟" މިމްރާޙް ބުންޏެވެ.

"މަގޭ ބެސްޓް ފްރެސްޑް އެހާ ބަލިކޮށް އުޅުނިއިރު، އޭނާގެ ކޮލަށް ދޮނެއް ނުދެވޭނެތަ." ޝަމްޙާ ހެމުން ބުންޏެވެ. ދެ މީހުން ވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

"ސުވާލެއް ކޮށްލަންތަ.؟" މިމްރާޙުގެ މޫނާ ދިމާއަށް ބަލަން އިނދެފައި ޝަމްޙާ އެހިއެވެ. އާނއެކޭ ބުނުމުގެ ގޮތުން މިމްރާޙް އޭނާގެ ބޯ ޖަހާލިއެވެ.

"ކީއްވެ އަދި މީހަކާ ނުއިދެ ތި އުޅެނީ.؟" ޝަމްޙާ އަހާލީ ކުރު އެކަމަކު ބޮޑު ސުވާލެކެވެ.

"އެ ކަމާ މެދު ވިސްނާލަން ވެސް ވަގުތުކޮޅެއް ނުލިބުން.. ބޯޓު ދަތުރުކޮށް ފައިސާ ހޯދުމުގައި މާ ބުރަކޮށް ދިރިއުޅުމުގެ ދުވަސްތައް ހޭދަވީ.." ޖަވާބުގައި މިމްރާޙް ބުންޏެވެ.

"ދެން މީހަކާ އިންނާކަށް ނުވިސްނަންތަ.؟" ތަފާތުކޮށް ވިޔަސް ކުރިން އެހި ސުވާލު އަނެއްކާ ވެސް ޝަމްހާ އެހިއެވެ.

"ރަނގަޅު ކުއްޖަކާ ދިމާވީމަ އިންނާނަން.." މިމްރާޙް ބުންޏެވެ.

"އޯ.. އެހެންވީމަ އަދި މިމްއަށް ކަމުދާ އަންހެން ކުއްޖަކު ދިމާ ނުވަނީ ދޯ.." ދެ މީހުން އެކުގައި ހޭން ފެށިއެވެ.

ހެނދުނު ނުވައެއް ޖަހަން ދެން މިމްރާޙާއި ޝަމްޙާ ތިބީ ރަށުގެ އިރުމަތި ފަރާތު ގޮނޑުދޮށުގައި އޮލަ ވާހަކަތަކުގައެވެ. ޝަމްޙާ މަސައްކަތް ކުރަމުން ދިޔައީ މިމްރާޙުގެ ދިރިއުޅުމާ ބެހޭ ގިނަ ކަންތައްތައް ހޯދާށެވެ. ޝަމްޙާއަށް ޤަބޫލު ކުރެވޭ ގޮތުގައި މިމްރާޙުގެ ދިރިއުޅުމުގައި އެހެން މީހުންނަށް ނޭނގޭ އެތއް ސިއްރެއް އުޅެއެވެ. ކުރީ ރޭ މިމްރާޙްގެ ގޭގެ ދޮރޯށި ކުރިމަތިން ފާޑެއްގެ މީހަކު ފެނިގެން ދިއުމަކީ ޝަމްޙާއަށް އެ ގޮތަށް ޤަބޫލު ކުރަން މަޖުބޫރު ކުރުވި ކަމެކެވެ. ނުވައެއް ޖެހުމާއެކު ދެ މީހުން ހިނގައިގަތީ އީމާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެ ކަން އެނގޭ ގެއާ ދިމާއަށް ދިއުމަށެވެ.

****

ހެނދުނުގެ ނާސްތާ ކުރުމަށް ފަހު މިމްރާޙް އޭނާގެ ގެއަށް ދިޔައީއެވެ. ޝަމްޙާ ދިޔައީ ހެދިކާ ހަދަން އީމާއާ އެހީވުމަށެވެ. ތަކުރު ބޭސް ވިއްކައިގެން ލިބޭ އެތިކޮޅުން ދެކޮޅު ނުޖެހޭތީ، އިމާ ނިންމީ އެ ރަށުގައި އަލަށް ހުޅުވި ހޮޓަލަށް ހެދިކާ ހަދައިދޭށެވެ. އެ ކަން ކޮށްގެން ފުދޭ ވަރެއްގެ ފައިސާ ކޮޅެއް ލިބޭތީއާ އެކުއެވެ. ތަކުރުމެންގެ އިތުރުން، އެ ރަށުގެ ވަރަށް ގިނަ މީހުނަށް އީމާ ހަދާ ކެއުންތައް މީރެވެ. އެހެންވެ އެ ހޮޓާ ހިންގާ ފަރާތުން އަމިއްލައަށް އައިސް ހޮޓަލަށް ހެދިޔާ ހަދައިދިނުމަށް އީމާ ގާތުގައި އެދުނީއެވެ. އަދި ރަނގަޅު އެތިކޮޅެއް އެ މަސައްކަތުން ލިބޭނެތީ އެ ކަން ކުރުމަށް އީމާ އެއްބަސްވިއެވެ. ހެދިކާ ހެދުމުގައި ކޮންމެ ދުވަހަކު އިމާއަށް ޝަމްހާ އެހީވެއެވެ.

"ކޮބައި.؟ އެއްވެސް ކަހަލަ މައުލޫމާތެއް ލިބުނުތަ.؟" ފުށްގަނޑު މޮޑެމުން އީމާ އެހިއެވެ.

"އޭނާ ކިޔައިދިނީ ވަރަށް އާދައިގެ، ސިމްޕަލް ޓިޕިކަލް ވާހަކަގަނޑެއް.." ކަވާބު ތެލުލުމުގައި އަވަދި ނެތި އުޅެމުން ޝަމްޙާ ބުންޏެވެ.

"ބޮޑުބެ ބުނިހެން ވަރަށް ހާލުގައޯ މި ކޮޅުގަ އުޅުނީ.. ދެން ބޮޑުބެ އެހީއާ އެކު މާލެ ދިޔަ ވާހަކަ.. ބޮޑުބެގެ ރައްޓެއްސެއްގެ ގާތުއޯ ހުރީ.. ދެން މާލޭގަ މީހުނަށް މުދާ އުފުލައިދީ މަޖޫރީ މަސައްކަތް ކޮށްގެން ރުފިޔާ ހޯދަން ފެށީމޯ.. އެ ލިބޭ އެތިކޮޅު ވަރަށް ދަށް ކަމަށް. ދެން އޭނަ ހިތަށް އެރީއޯ.. މި ވަރަކުން އަދި ނުވާނޭ.. އެހެންވެ އިތުރަށް ފައިސާ ހޯދަން ބޯޓު ދަތުރު ކުރަން އެރީއޯ.. އެރީ އިންޑިއާ ބޯޓަކަށޯ.. ދެން ހިތްހަމަޖެހޭ ވަރަށް ރުފިޔާ އެއްކުރެވުނީމަ.. އަލުން ރަށަށް އައީއޯ.." މިމްރާޙް ޝަމްޙާއަށް ކިޔައިދިން ވާހަކަތައް އީމާއަށް އޭނާ ކިޔައިދިނެވެ.

"ތަކުރު ވެސް ބުނީ އެހެން.. ދެން މަ އެހިން.. އެއީ އޭނާ ތަކުރަށް ކިޔައިދިން ގޮތްހޭ.. ތަކުރު ބުނީ ހަވާލު ކުރީ ތަކުރުގެ ގާތް މީހަކާ ކަމަށް.. އެ މީހުން ބަރާބަރަށް ތަކުރަށް މިމްރާޙާ ބެހޭ ގޮތުން ޚަބަރުދޭ ކަމަށް.. އޭނާ މިދިޔަ ދިހަ އަހަރު ބޯޓު ދަތުރު ކުރަން އުޅެފަޔޯ އެ އައީ.." އިމާ ކިޔައިދިނެވެ.

"ކޮންމެ ވެސް ކަމެއް ރާވަންވީ.. ރަނގަޅު ވަގުތެއްގަ އޭނާ ގެއަށް މަށަށް ވަދެވޭނު އޭރު. އަހަރެމެން ހޯދަން މި އުޅޭ ސިއްރުތައް އެނގޭނެ އެއްޗެއް އެ ގޭގަ އޮވެދާނު." ވަރަށް އިރު ވިސްނަން ހުރެފައި އީމާ ބުންޏެވެ.

"ތިއީ މޮޅު ގޮތެއް.. މާދަމާ ހަވީރު މަ އޭނަ ގޮވައިގެން ދާނަން ކައިރީގަ މި އޮތް ފަޅު ރަށަށް. ބޮއްކުރާ ދުއްވާލަންށާ އެކީ.. އެ ގަޑީގަ އިމާއަށް އެ ތަނަށް ވަދެވޭނު. ޝަމްޙާއަށް ފެންނަ ގޮތެއް އޭނާ ބުންޏެވެ.

"އާނ.. ތިއީ މޮޅު ގޮތެއް.. މިރޭ ކާން އަންނާނު.. އެ ސޮރު ބޮލު ތެރެއަށް ވަދެލާ.." ހިނިގަނޑެއް ޖަހާލަމުން އީމާ ބުންޏެވެ.

***

ޝަމްޙާއާއި އީމާ ރޭވި ގޮތަށް، މިމްރާޙް ރޭގަނޑުގެ ކެއުމަށް އެ ގެއަށް ދިއުމުން، އަނެއް ދުވަހު މޫދަށް ދާން މިމްރާޙްގެ ގާތުގައި ޝަމްޙާ އެދުނެވެ. ނަމަވެސް ކައިރީގައި އޮތް ފަޅު ރަށަށް ދާ ވާހަކަ ނުބުނެއެވެ. ރަށުން ބޭރަށް ދާ ވާހަކަ ބުނުމުން މިމްރާޙް ނޫނެކޭ ބުނެފާނެތީއެވެ. ޝަމްޙާ އެދުމުން މިމްރާޙް އާނއެކޭ ބުނީ ވެސް ރަށުގެ މުދަށް އެރެން ރާވާފައިވާ ކަމަށް ހިތައެވެ.

އަޞްރު ނަމާދުން ފާބައިގެން މިމްރާޙް އެ ރަށު އިރުމަތި ފަރާތު ގޮނޑުދޮށަށް ދިޔައެވެ. އޭރު ގޮނޑުދޮށުގައި ޝަމްޙާ ވެސް ހުއްޓެވެ. ޝަމްޙާ ގާތަށް މިމްރާޙް ދިޔައެވެ. ޝަމްޙާ ކައިރީގައި މަސް ބާނާ ދެ ދޮށްޓާއި، ބުޅިތަކަކާއި، އެން އަޅާފައި ހުރި ބާލިދީއަކާއި، ޕާނަކާއި، ފެން ފުޅިއަކާއި، ބޮޑު ތަށްޓެއް ވެސް އޮތެވެ. އަދި އޭނާގެ އަތުގައި މިރުސް ޕެކެޓަކާއި ލޮނު ޕެކެޓަކާއި ވަޅިއެއް ވެސް އޮތެވެ.

"މިއީ ކޮން ކަމެއް.. ގައިމު މަގޭ ކައިރީ ބުނީ މޫދަށް އެރޭ ވާހަކަ އެކަނި.." އެ ހުރިހާ ސާމާނެއް ފެނިފައި މިމްރާޙު އެހިއެވެ.

"އާނ.. މޫދަށް އެރެން އެކަނި ފުރަތަމަ ވިސްނީ.. އެކަމު ފަހުން މަގޭ ހިތަށް އެރީ.. ހަމައެކަނި މޫދަށް އެރެންވީމަ ފޫއްސޭ.. އެހެންވެ ޕްލޭން ބޮޑު ކޮށްލީ.."

ޝަމްޙާ ބޭނުންވީ ރޭ ވަންދެން މިމްރާޙް ގެއަށް ނުގޮސް ހިފަހައްޓާށެވެ. އޭރުން އީމާއަށް އެ މީހުން ހޯދަން ބޭނުންވާ ކަހަލަ އެއްޗެއް އެ ގެއިން ފެނޭތޯ އުޅުމަށް ރަނގަޅަށް ވަގުތު ލިބޭނެއެވެ.

"ދެން ކިޔައިދޭން ވީނު.. ބޮޑު ކުރި ވަރުން ޕްލޭން ބޮޑުވި ވަރު.." ހަށަން ބަންނަމުން މިމްރާހް ބުންޏެވެ.

"ބޮއްކުރާއެއް ހޯދާފަ އޮންނާނީ.. ދެން ދާނީ އެ ދުއްވާލާފަ ކަނޑަށް.. ދެން މަސް ބާނާނީ.. އެއަށް ފަހު ދުއްވާފައި ދާނީ ކައިރީގަ އޮތް ފަޅު ރަށަށް.. ދެން އެ ތަނުގަ މޫދަށް އެރި މަސް ފިހިގެން ކާނީ.." ޝަމްޙާ މިހެން ބުނުމާއެކު މިމްރާޙްގެ މޫނު މައްޗަށް ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހުން ވެރިވިއެވެ.

"އެކަމު ޝަމް ނާހަންތަ.. ރޭގަނޑަށް އެ ރަށް ނާމާންވާ ވާހަކަ.. މަސް ބާނައިގެން ތި ހުރިހާ ސަކަރާތެއް ޖަހާއިރު އޮންނާނީ ރޭގަނޑު ވެފަ.." މިމްރާޙް ބޭނުންވީ އެ ފަޅު ރަށަށް ނުގޮސް ވާނެ ގޮތެއް ވުމަށެވެ.

ނަމަވެސް ރޭގަނޑަށް އެ ރަށް ނާމާން ކަމަށް ވަރަށް ކުރީއްސުރެން މިހެން ކިޔައި އުޅެއެވެ. އެހެންވުމާއެކު ރޭގަނޑު ވުމުން އެ ރަށަށް މީހުން ގޮސް އުޅުމަކީ ވަރަށް ނުކުރާ ކަމެކެވެ.

"އެހެން ވިޔަސް ޝަމް ބޭނުން ދާން. މިމް ދެން ބުނެބަ ދާނަމޭ.." ޝަމްޙާ މިމްރާޙާ ހަތަރު ކަޅި ހަމަކޮށްފައި ތުއި ރާގަކަށް ބުންޏެވެ.

ޝަމްޙާގެ އެ ފަރި ތުއި ހަރަކާތްތައް މިމްރާޙަށް ވަރަށް ކަމުދެއެވެ. ދާން ބޭނުން ނުވެފައި ހުރި ނަމަވެސް ޝަމްޙާއާ އެކު ދިއުމަށް އެއްބަސްވީއެވެ.

****

ހިތްހަމަޖެހޭ ވަރަށް މަސް ބާނާ ނިމުމުން ދެ މީހުން ބޮއްކުރާގައި ފަލި ޖަހާފައި އެ ފަޅު ރަށަށް ދިޔައެވެ. އޭރު ހުރީ އިރުއޮއްސެން ގާތްވެފައެވެ. ރަށުގެ ގޮނޑުދޮށަށް ބޮއްކުރާ އެރުވުމަށް ފަހު ދެ ކުދިން މޫދަށް އެރިލިއެވެ. އެއަށް ފަހުގައި ދެ މީހުން ވެގެން މަސް ފިހަން ފެށިއެވެ. މަސް ފިހެ ނިމެ، ހަމަޖެހިލައިގެން އިށީނދެ ތިބެ ދެ މީހުން މަސް ކާން ފެށިއެވެ.

"އޫ.. ޔަމް.. ޔަމް.. ވަރަށް މީރު.." ފިހުނު މަސްކޮޅެއް ކާލާފައި ޝަމްޙާ ބުންޏެވެ. އޭރު މިމްރާޙު އިނީ ކޮންމެ ވެސް ޚިޔާލަކަށް ގެއްލިފައެވެ.

"މިމް.. ކޮން ވިސްނުމަކު..؟" ޚިޔާލަށް ގެއްލިފައި ހުރި ވަރުން މިމްރާޙަށް ޝަމްޙާ ބުނި އެއްޗެއް ވެސް ނުއިވުނެވެ. މިމްރާޙުގެ އަތުގައި ޝަމްޙާ ވިކާލިއެވެ.

"އައްދޯ.." ޚިޔާލީ ދުނިޔެއިން މިމްރާޙަށް ނުކުމެވުނީ ދެނެވެ.

"އައްދޯ މީހާކު ނެތް މި ތާކު.. ކިހާ އިރެއް ވާހަކަ ދައްކާތާ.. އަނގައިން ވެސް ނުބުނެ ތި އިނީ.." ޝަމްޙާގެ ތުންފަތަށް ވައްތަރު ޖައްސާލަމުން ބުންޏެވެ.

"އޮހޯ.. ތިއޮށް ތުންފަތަށް ހަދައިގެން އިން ގޮތެއް.. ހީވަނީ އާގު ބޯޓެއް ހެން.." މިމްރާޙް މަޖާ ވެލިއެވެ. ޝަމްޙާއަށް ހެވުނެވެ.

"ހޫނ.. ހާދަ ވަރަކަށް މި ތުންފަތަށް ތި ބަލަނީ.. އަނެއްކާ ބޭނުންވީތަ..؟" ޝަމްޙާ މަޖަލަކަށް އެހެން ބުނި ނަމަވެސް ހޭން އިން މިމްރާޙް ހުނުން ހުއްޓައިލިއެވެ.

އަދި ޝަމްޙާއަށް ހަތަރު ކަޅި ހަަމަކޮށް ވަރަށް ސީރިއަސް ކަމާ އެކު އޭނާގެ މޫނާ ދިމާއަށް ބަލަން އިނެވެ. ޝަމްޙާ އޭނާގެ ދެ ލޯ މަރާލެވުނެވެ. މިމްރާހު ޝަމްޙާގެ މޫނާ ގާތްވެލިއެވެ. ޝަމްޙާއަށް މިމްރާޙުގެ ނޭވާގެ ހޫނު މިން އިޙްސާސް ކުރެވެން ފެށިއެވެ. ބޭއިޚްތިޔާރުގައި މިމްރާޙްގެ އަތުގައި ހިފުނެވެ.

އެހެން ހުއްޓިގެން ދެ މީހުން ތިއްބައި ޝަމްޙާއަށް ފާޑެއްގެ މީހަކު ފަހަތުން ފެނިއްޖެއެވެ. ސިއްސައިގެން ގޮސް ޝަމްޙާ ފުންމައިގަތެވެ. އެއީ ހަމަ ކުރީ ރޭ ފެނުނު މީހާއެވެ. ނޫނީ ހަަމަ އެ ގޮތަށް ހެދުން އަޅައިގެން ހުރި އެހެން މީހެކެވެ. ކުރިން ރޭ ފެނުނު މީހާ މަތިން ލައިގެން ހުރީ ގަދަ ނޫ ކުލައިގެ ހޫޑީއެކެވެ. ނަމަވެސް މި ފަހަރު ފެނުނު މީހާ މަތިން ލައިގެން ހުރީ ރަތް ކުލައިގެ ހޫޑީއެކެވެ. ނޭފަތާއި އަނގަ މަތި ވަނީ ހަމަ ރަތް ކުލައިގެ ފޮތިގަނޑަކުން ފޮރުވިފައެވެ. ތިރިން ގަދަ ފެހި ކުލައިގެ ޖިންސް ފޮތީގެ ސޯޓެކެވެ. އިތުރު ތަފާތެއް ވެސް ޝަމްޙާއަށް ފާހަގަކޮށްލެވުނެވެ. ކުރީ ރޭ ފެނުނު މީހާއަށް ވުރެ މި މީހާ ހަށިގަނޑުން ލޫޅާފައްޗެވެ. ދިގެވެ.

"ޝަމް.. ކިހިނެއްވީ.؟" ކުއްލިއަކަށް ސިއްސައިގެން ގޮސް ޝަމްޙާ ތެދުވުމުން މިމްރާޙް އެހިއެވެ.

ޝަމްޙާ ކުރިމަތިން ފެންނަން ހުރި މީހާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ.

"އެ ތަނުގަ ކޯއްޗެއް އޮތީ.." މިމްރާހަށް އެ މީހަކު ފެންނަ ކަމަކަށް ނުވިއެވެ.

އިރުކޮޅެއް ފަހުން އެ މީހަކު ވަލު ތެރެއަށް ދުއްވައިގަތެވެ. މިމްރާހަށް ފުން ނޭވާއެއް ލިއެވެ. ޝަމްޙާ ހުރީ ބިރުން ތުރުތުރު އަޅައެވެ.

"ހަމަ އަސްލަށް ވެސް މިމްއަށް އެ މީހަކު ނުފެނޭތަ.؟" މަޑުމަޑު އަޑަކުން ޝަމްޙާ އެހިއެވެ.

ޝަމްޙާ ބުނި ގޮތުން އޭނާ ބިރު ގަނެފައި ހުރި ކަން މިމްރާޙަށް ވެސް އެނގުނެވެ.

"އާނ.. މަ އޭރު ވެސް ޝަމް ކައިރި ބުނިން ދޯ.. މިއީ ރޭގަނޑަށް ނާމާން ރަށެކޭ.. ހިނގާ އަވަހަށް ދާން ދެން ވެސް.." ދެން ބޮއްކުރާއަށް ހުރިހާ ސާމާނެއް އަރުވާފައި ދެ މީހުން ތުލުސްދޫއަށް ދާން ފަލި ޖަހަން ފެށިއެވެ.

****

ގޭތެރޭގެ އެހެން ހުރިހާ ތަނެއް ބަލައި ނިމިއްޖެއެވެ. އަދި ހިތްހަމަޖެހޭ ވަރު އެއްޗެއް ނުފެނެއެވެ. ދެން އޮތީ މިމްރާޙްގެ ކޮޓަރި އެކަންޏެވެ. އީމާ ގޮސް އެ ކޮޓަރި ތެރެއަށް ވަނެވެ. އެއަށް ފަހުގައި މިމްރާޙުގެ އަލަމާރި ހުޅުވަން މަސައްކަތް ކުރިއެވެ. އަލަމާރި ހުރީ ތަޅުލައިފައެވެ. އީމާ އަތުގައި އޮތް ބޮލަށް ޖަހައި ދަތި ތަޅު ތެރެއަށް ވައްދައި އަނބުރާލިއެވެ. އަނބުރާލުމާއެކު އަލަމާރި ހުޅުވުނެވެ. އަލަމާރި ތެރޭގައި އޮތް ދަބަހެއް އީމާއަށް ފެނުނެވެ. ދަބަހުގެ ޒިބު ކަހާލާފައި އެތެރޭގައި އޮތް އެއްޗެހި އެނދު މައްޗަށް އަޅާލިއެވެ. އޭގައި އޮތީ ބިޔަ ދެ ފޮތެކެވެ. އަދި ތިން ކަރުދާސް ގަނޑެއް ވެސް އޮތެވެ.

އީމާ ފުރަތަމަ އެ ކަރުދާސްތައް ބަލައިލިއެވެ. ކޮންމެ ގަނޑެއްގައި ވެސް އޮތީ ތުލުސްދޫއާއި އެ ރަށު ކައިރީގައި އޮންނަ ފަޅު ރަށުގެ މެޕެކެވެ. އެއް ކަރުދާހުގެ މަތީ ކަނެއްގައި "އޭ" އަކުރު ލިޔެފައި އޮތެވެ. ދެން އޮތް އެއް ކަރުދާހުގެ މަތީގައި "ބީ" ލިޔެފައި އޮތެވެ. އަނެއް ކަރުދާހުގައި "ސީ" ލިޔެފައި އޮތެވެ. ކޮންމެ ކަރުދާހަކު ވެސް ކައިރީގައި ހުޅި ފަޅު ރަށުގައި ތިކިތަކެއް ޖަހަފާއި ހުއްޓެވެ. ހީވަނީ އެ ރަށުގައި ބޮޑު ކަމެއް ކުރަން ރާވާފައި އޮތީ ހެންޏެވެ. ދެން އޮތް ދެ ފޮތުން ކުރެ އެއް ފޮތް ބަލައިލިއެވެ. އެ ފޮތް ފުރެންދެން އޮތީ ގަލަމުން ލިޔެފައެވެ. ހީވަނީ ލިޔުންތެރިއަކު ލިޔެފައި އޮތް ބޮޑު ވާހަކައެއް ހެންޏެވެ. އީމާ އެ ފޮތުގައި ފުރަތަމަ ޞަފްހާ ކިޔާލިއެވެ. ފޮތް ލައްޕާލީ ވަގަކު ހިފުނު ފުލުހެއްގެ މޫނަކަށް އަންނަ ހިނިތުންވުމަކާ އެކުގައެވެ. ދެވަނަ ފޮތް ހުޅުވިއިރު އެ ފޮތުގައި އެއްވެސް އެއްޗެއް ލިޔެފައެއް ނެތެވެ. އެއަށް ފަހު، ލިޔެފައި އޮތް ފޮތް ނޫން ދެން ހުރި އެއްޗެހި ދަބަހަށް ލިއެވެ. އަދި އަލަމާރި ތެރެއަށް ދަބަސް ލިއެވެ.

ދެން އެ ފޮތް ހިފައިގެން އީމާ އެ ގެއިން ބޭރަށް ނުކުތެވެ. ނުކުމެފައި މަގުގެ ދެ ފަރާތް ބަލާލިއެވެ. އެއްވެސް ވަރަކަށް މިމްރާޙްމެންގެ ހިލަމެއް ނެތެވެ. އަވަހަކަށް ހިނގާފައި ދެން ހުރި ގޯޅިއަށް އިމާ ލަނބާލީ ގެއަށް ދިއުމަށެވެ. ގޯޅިއަށް އީމާ ލަނބާލުމާއެކު މިމްރާޙްގެ ގެއިން ވިއާމު ނުކުމެ، ގޯޅިއާ ދިމާއަށް ބަލައިލިއެވެ.

****

ޝަމްހާ ބިރު ގަނެފައި ހުރި ވަރުން މިމްރާޙް ގެއަށް ދިޔައީ ޝަމްހާ ގެއަށް ލައި ދިނުމަށް ފަހުއެވެ. ގެއަށް ގޮސްފައި ކޮޓަރިއަށް ވަނެވެ. އަދި ކުރީ ދުވަހު ވިއާމު ދިން ފަންކާ މަސައްކަތް ކުރޭތޯ ބަލާލިއެވެ. ކުރީ ރޭ ފަންކާ މަސައްކަތް ނުކުރާތީ ވިއާމު ކައިރީ ބުނުމުން ރަނގަޅު ކުރާނެ ކަމަށް ބުނެފައި އޮތުމުންނެވެ. ފަންކާ ރަނގަޅަށް މިހާރު އެނބުރެއެވެ.

ދެން ކޮޓަރީގައި ހުރި އަލަމާރި ހުޅުވަން ތަޅުދަނޑި އަލަމާރީގެ ތަޅަށް ލިއެވެ. އަލަމާރި ހުރީ މާ ކުރިން ވެސް ހުޅުވިފައެވެ. މިމްރާޙް އަވަހަށް އަލަމާރި ހުޅުވާލާފައި ދަބަސް ނެގިއެވެ. ދަބަހުގެ ޒިބު ހުޅުވައި އެތެރެ ބެލިއިރު، އެއް ފޮތް މަދެވެ.

"އެއީ އީމާ.. އޭނާ މި ގެއަށް ވަން.. މި ކޮޓަރިއަށް ވެސް ވަން.. އާދައިގެ މީހެއް ހެން ވެސް ހީނުވޭ.. ބޮލަށް ޖަަހައި ދަތިން ތަޅު ހުޅުވާލީ.. އަދި ދަބަހުން ފޮތެއް ވެސް ނަގައިގެން ދިޔައީ.." އެ ކޮޓަރިއަށް ވިއާމު ވަދެފައި ބުންޏެވެ.

****

އީމާ ގެއަށް ވަން އިރު، ޝަމްޙާ އިނީ އެގޭ އެތެރޭގައި ހުންނަ އުނދޯލީގައެވެ.

"ކޮބައި.؟ މަށަށް ގެނެސްދޭ ވަރުގެ ހަދިޔާއެއް ނުފެނު ދޯ އެ ގެއަކުން.؟" ޝަމްޙާ އެހީ މިމްރާޙުގެ ގެއިން ސިއްރުތަކެއް އެނގޭ ވަރުގެ އެއްޗެއް ފެނުނުތޯއެވެ.

"ހަދިޔާއެއް ހިފައިގެން މި އައީ.. އެކަމަކު އޭގެ ކުރިން މަށަށް ފެނުނު އެހެން އެއްޗެއްގެ ވާހަކަ ބުނެލާނަން.." އީމާ ބުންޏެވެ.

"ކޮން އެއްޗެއްގެ ވާހަކައެއް.؟ މަށަށް ވެސް އެ ފަޅު ރަށުން ފެނުނު އެއްޗެއްގެ ވާހަކަ އެބަ އޮތް.." ޝަމްޙާ ބުންޏެވެ.

"ތި ފަޅު ރަށާ ގުޅޭ ވާހަކައެއް މަ ވެސް ބުނަން މި އުޅެނީ.." ޝަމްޙާ ކައިރީގައި އީމާ ގޮސް އުނދޯލީގައި އިށީނެވެ.

"މަށަށް ފަޅު ރަށުން އެ ކަހަލަ މީހަކު ފެނިއްޖެ.. އެކަމު މި ބުރު ލައިގެން ހުރީ ރަތް ކުލައިގެ ހޫޑީއެއް.." ފަޅު ރަށުން ފެނުނު މީހާގެ ވާހަކަ ޝަމްޙާ ބުންޏެވެ.

"މިމްރާޙަށް ވެސް ދެއްކިން.. އެ މީހާ ހުރީ ހަމަ އަހަރެމެން ކުރިމަތީގަ. އެކަމު އޭނާއަށް ފެނުނު ކަމަކަށް ނުވި.." ޝަމްޙާ ކިޔައިދިނެވެ.

"ފެންނާނެ.. އެކަމކު ފެނުނު ކަމަކަށް ނުހަދާނު.. މަށަށް އެ ގެއިން ފެނުނު ކަރުދާސްތަކެއް.. އޭގައި އޮތީ މި ރަށާއި ފަޅު ރަށުގެ މެޕެއް.. ފަޅު ރަށުގެ އެކި ހިސާބުތަކުގަ ހުރި ތިކިތަކެއް ޖަހައި މާކް ކޮށްފަ.. ހީވަނީ އެ ރަށުގަ ބޮޑު ކަމެއް ކުރަން ރާވައިގެން އުޅޭ ހެން.. ދެން ޝަމްޙާއަށް ވެސް އެ ފަޅު ރަށުން އޭގެ މީހަކު ތި ފެނުނީ.." އީމާ ބުންޏެވެ.

"މިހާރު ޔަޤީންވެއްޖެތާ ދޯ.. އޭނާގެ ސިއްރުތަކެއް އެބަ އުޅޭ ކަން.. ދެން އެ ކަރުދާސްތައް އެކަނިތަ އެއްޗަކަށް ފެނުނީ.؟" ޝަމްޙާ އެހިއެވެ.

"ނޫނޭ.. މި އޮތީ ޝަމްޙާއަށް ގެނައި ހަދިޔާ.." މިމްރާޙްގެ ގެއިން ގެނައި ފޮތް ޝަމްޙާގެ އަތަށް އީމާ ދިނެވެ.

ޝަމްޙާ އެ ފޮތް ހުޅުވައި ފުރަތަމަ ޞަފްޙާ ކިޔަން ފެށިއެވެ.

"އޭ ޑައިރީއޭ.. އެއީ ވެސް އަހަރެން ހަޔާތުން ދުވަހެއް. ނަމަވެސް ހަޔާތުގެ އެހެން ދުވަސްތަކާ ތަފާތު ދުވަހެއް.. ހުރެވުނީ ތަފާތު މާހައުލެއްގައި.. ތަފާތު ބަޔަކާ އެކީ.. އެހީ އަހަރެން ރަށުން ފުރައިގެން ވެރިރަށް މާލެއަށް ދިޔަ ދުވަސް.. ބައްޕައާއި ދޮން މަންމަގެ އަނިޔާއިން މިންޖުވެގެން ހެޔޮލަފާ ދެމަފިރިއެއްގެ ބެލުމުގެ ދަށަށް ދިޔަ ދުވަސް.. ހައްވައްތައާއި އަސްލަމްބެ ވަރަށް ވެސް ހިތްހެޔޮ.. ނަމަވެސް އެ ދުވަހަކު އަހަރެން ހިއެއް ނުކުރަން.. މި ދުވަހުގެ ފަހުން އަންނަން އޮތް ދުވަސްތަކުގައި އަހަރެންގެ ހަޔާތް އިތުރަށް ބަނަކޮށް އަދި ތަފާތު މިސްރާބަކަށް ގެންދާނެ ކަމަކަށް.. ޑައިރީއޭ.. ކިޔައިދެން އަސްލު މި އުޅެނީ އަހަރެން މާލެ ބަދަލު ވުމަށް ފަހު ހަޔާތުގައި ހިނގި ކަންތަކުގެ ވާހަކަ އެކަންޏެއް ނޫނެނެވެ. ކިޔައިދެން އަސްލު މި އުޅެނީ ލޯބީގެ ވާހަކައެއް. މިމްރާޙާއި ނޫރާގެ ވާހަކަ.."

މި ހިސާބަށް ކިޔާފައި ޝަމްޙާ މަޑުކޮށްލިއެވެ. އަދި އިމާއާ ދިމާއަށް ބަލާލިއެވެ.

"މިމްރާޙާއި ނޫރާ.."

(ނުނިމޭ)