އެއްވެސް އެއްޗެއް ނުބުނެ ޝަމްޙާގެ ދެ ލޮލާ ދިމާއަށް ބަލަހައްޓައިގެން މިމްރާޙް ހުއްޓެވެ.

"ޖަވާބެއް ވެސް ނުދޭނަންތަ.؟" މިމްރާޙް އެއްވެސް އެއްޗެއް ނުބުނެ ހަނު ހުރުމުން ޝަމްޙާ އެހިއެވެ.

"އަހަރެންގެ އޮތް ޚާއްސަ ކަމަކީ ކޮބައި؟" މިމްރާޙް އެހިއެވެ.

"ހިތްހެޔޮކަން.. އެކުވެރިކަން.. ހަރުދަނާކަން.. އިޤްތިޞާދު ކުރަން ދަންނަކަން އެބަ އެނގޭ.. ބޯޓު ދަތުރު ކުރި އިރުގެ ވާހަތަކުން ވެސް.. މިމްރާޙަށް އަހަރެން ކަމު ނުދަނީތަ.؟" ޝަމްޙާ އެހިއެވެ.

"ނޫނީ އެހެން އަންހެން ކުއްޖެއްގެ އިންތިޒާރުގައިތަ.؟" ޝަމްޙާ ބޭނުންވީ މިމްރާޙްގެ ދުލުން އަމިއްލައަށް ނޫރާގެ ވާހަކަ އޭނާއަށް ކިޔައިދިނުމަށެވެ.

"މާޒީ ރަނގަޅު ވާނީ މާޒީގެ ތެރެއަށް ދޫކޮށްލަން.." މިމްރާޙް މިހެން ބުނުމާއެކު ފަހަތުން އައި ތީރެއް އޭނާގެ ކޮނޑަށް ހެރުނެވެ.

މިމްރާޙް ހޭނެތިގެން ވެއްޓުމުން ޝަމްޙާއަށް ވަގުތުން ހަޅޭއް ލަވައިގަނެވުނެވެ. ގަސްތަކުގެ ތެރޭގައި ފިލައިގެން އޮތް ވިއާމަށް ވެސް ނުހުރެވުނެވެ. ގަސްތަކުގެ ތެރެެއިން ނުކުމެ މިމްރާޙް ކައިރިއަށް ވިއާމު އައިސްފިއެވެ. އޭނާ ހުރީ މަތިން ގަދަ ނޫ ކުލައިގެ ހޫޑީ ޓީޝާޓެއް ލައިގެނެވެ. ތިރިން ހުރީ ޖިންސް ފޮތީގެ އަޅި ކުލައިގެ ކުރު ސޯޓެއް ލައިގެންނެވެ. އަތުގައި ވަޅިއެއް އޮތެވެ. ފަހަތުން ތީރު ދުއްވާ ދުނޑިއެއް ހަށިގަނޑުގައި ހަރުކޮށްލާފައިވެއެވެ. އަނގަމަތި އޮތީ ކަޅު ކުލައިގެ ފޮތިކޮޅަކުން ފޮރުވާފައެވެ.

"މިއީ ކުރީ ދުވަހު މި ގޭގެ ކުރިމަތިން ފެނުނު މީހާތަ.؟ އެކަމަކު އެއީ މިމްއެއް ނޫންތަ.؟ މިއީ ދެން ކާކުތަ.؟ އަހަރެންނަށް ކުރެވުނީ ކުށް ހީއެއްތަ.؟ ހަށިގަނޑުގެ ބިޔަމިން ވެސް ހުރީ އެއް ވަރަކަށް ދޯ.؟" ވިއާމު ފެނިފައި ޝަމްޙާގެ ސިކުނޑީގައި އެތައް ސުވާލެއް އެނބުރެން ފެށިއެވެ.

"މިމްއަށް ކަލޭ ކިހިނެއް ތި ހެދީ.. އޭނާ ރަނގަޅު ވާނެތަ..؟" ސިކުނޑީގައި ސުވާލުތައް ގިނަވެ، މިމްރާހަށް ވެފައި އޮތް ފެނިފައި، ރުޅި ގަދަވެފައިވާ ޝަމްޙާ، ވިއާމުގެ ކަރުގައި ބާރަށް ހިފައިގަތެވެ.

"އަހަރެންނެއް ނޫން.. އަހަރެންގެ ދުޝްމަނުން އެ ކަމެއް ކުރީ.." ވިއާމު މަޑުމަޑު އަޑަކުން ބުންޏެވެ.

"ކޮބައިތަ ކަލޭގެ ދުޝްމަނަކީ ދެން.. މިމް ރަނގަޅެއް ނުކުރެވޭނެތަ.؟" މިމްރާޙް ހޭނެތިފައި އޮތްއިރު ތީރު ހެރިފައިވާ ދިމާއަށް ޒަޚަމްތަކެއް ވެފައި އޮތުމުން ޝަމްޙާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

މިމްރާޙްގެ ކޮނޑު ކައިރިއަށް ހެރިފައި އޮތް ތީރު ނަގައި ވިއާމު ބަލާލިއެވެ.

"މީގަ މި އޮތީ ހޭނެތޭ ބޭހެއް އަޅައިފަ. އިރުކޮޅެއް ތެރޭ ހޭ އަރާނެ ހަމަ. މާ ބޮޑު ޒަޚަމެއް ލިބިފައެއް ނެތް.." ވިއާމު ފުން ނޭވާއެެއް ލުމަށް ފަހު ބުންޏެވެ.

"އެ މީހަކު ކީއްވެތަ މިމްއަށް ހަމަލާ ދިނީ.؟ އަދި ތިއީ ކޮން ބަޔެއް.؟" ޝަމްޙާގެ ސިކުނޑީގައި ފުރިފައި އޮތް ސުވާލުތައް ކުރަން ފެށިއެވެ.

"މި ވަގުތު މުހިންމު ވާނީ އޭނާ އެތެރެއަށް ގެންދިޔައިއްޔާ.. ދެން މި ދިވެހި ބޭހެއް.. މީތި ދިނުމުން މިހާރަށް ވުރެ ހާލަތު ރަނގަޅު ވާނެ.." ޝަމްޙާގެ އަތަށް ބޭސްފުޅިއެއް ދީފައި ވިއާމު ދުއްވައިގަތެވެ.

ޝަމްޙާ ވެސް މިމްރާޙްގެ ގޮވައިގެން ގޭތެރެއަށް ވަދެ، އޭނާގެ ކޮޓަރި ތެރެއަށް ވެއްދިއެވެ. އެ ބިޔަ ހަށިގަނޑުގެ ވެރިޔާ ގެންދެވުނީ ވަރަށް ހާލުންނެވެ. އޭނާ އެނދުމަތީ ބޭއްވުމަށް ފަހު، ވިއާމު ދިން ބޭސް ފުޅިން ބޭސް ފޮދެއް މިމްރާޙަށް ދިނެވެ. އިރުކޮޅެއް ފަހުން މިމްރާޙަށް ހޭވެރިކަން ވެއްޖެއެވެ.

"ޝަމް ކިހިނެއްތަ ވީ..؟ ބޭރުގަ ތިއްބަ އެތެރެއަށް ވަނީ ކޮން އިރަކު.؟" މިމްރާޙް އެހިއެވެ.

"މަށަކަށް ނޭނގެ މި ފެންނަނީ ރޫޚާނީ އެއްޗެހިތަކެއް ނޫން ކަމެއް ވެސް މިހާރު.. ފަޅު ރަށުން ފެނުނު ޒާތުގެ މީހެއް އައި.. އޭނަ ދިޔައީ މި ބޭސްފުޅި ދީފަ.. އޭނަ ހުންނަނީ ހޫޑީއެއް ލައިގެން.. ކަޅު ފޮތިކޮޅަކުން އަނގަ މަތި ފޮރުވައިގެން.. ބުނީ އޭނަގެ ދުޝްމަނެއް މިމްގެ ކޮނޑަށް ތީރެއް ފޮނުވީ.. އޭގަ ހުރީއޯ ހޭނެތޭ ބޭސް އަޅައިފަ.." ޝަމްޙާ ވާހަކަ ދެއްކީ އަޑުގަދަކޮށެވެ.

"ކީކޭ..؟ ރޫޚާނީ އެއްޗެހިތަކެކޭ.؟ ތީރު ދުނޑިތަކެއް އަޅުވައިގެން.. މޫނު ފޮރުވައިގެން އުޅޭ ބަޔަކޭ.. އެއީ މި ރަށުގަ އުޅޭ ބަޔެއްތަ.؟ އަހަރެން ދުވަހަކު ވެސް ނުދެކެން ތި ފަދަ ގޮތަކަށް ބަޔަކު ތިއްބައެއް.. މި ރަށުން ކީއްކުރަން.. މި ވަރަށް ދަތުރު ކުރި އިރު.. ދުނިޔޭގެ އެއްވެސް ޤައުމަކުން ނުދެކެން.." މިމްރާޙް ބުންޏެވެ.

މިމްރާޙްގެ ވާހަަކަތައް ޝަމްޙާއަށް ޖެހުނީ މި ފަހަރު ޤަބޫލު ކުރާށެވެ. އެ ދުވަހު ވެސް ފެނުނީ މިމްރާޙް ކަމަށް ހީކުރެވުނަސް އެއީ އެހެން މީހެކެވެ. ހިތުގެ އަޑިން ޝަމްޙާ އެ ގޮތަށް ޤަބޫލު ކޮށްފިއެވެ. މިމްރާޙް ހޭނެތިފައި އޮއްވައި އެ މީހަކު އައިސް ޝަމްޙާއާ ވާހަކަ ދައްކައިފިއެވެ. ރަށު ތެރޭގައި ކޮންމެ ވެސް ގޯހެއް ހިނގަމުންދާ ކަން އެބަ އެނގެއެވެ. މިމްރާޙަށް ނުރައްކާ ވެސް އޮވެދާނެއެވެ. އައިސްގެން އެ އުޅޭ ބަޔަކީ ކޮބައިކަމާއި ބޭނުމަކީ ކޮބައިކަން ޝަމްޙާ ހޯދަން ބޭނުމެވެ.

"އަހަރެން.. މިމްގެ ޑައިރީ ވަަގަށް ނެގިން.. އަދި މި ޑައިރީ ކިޔާލައިފިން.." ޝަމްޙާ އަޅުވައިގެން ހުރި އަތް ދަބަހުގެ ތެރެއިން މިމްރާޙްގެ ޑައިރީ ނެގިއެވެ.

"އާނ.. އަހަރެން ޖަލަށް ގެންދިއަ.. އެކަމަކު މާ ގިނަ ދުވަހެއް ނުވެ ދޫކޮށްލައިފި.. އޭގެ ފަހުން ބޯޓު ދަތުރު ކުރަން ދިޔައީ.. އެ ގޮތަށް އެއްބަސްވީމަ ދޫކޮށްލީ ވެސް.. ގިނަ ބަޔަކަށް އަހަރެންނާއި ވަޒީރު ފައިސަލްއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އޮތް ކަމުގެ ޚަބަރުތައް ފެތުރޭކަށް.. އަހަރެން ވެސް އަދި ފައިސަލް ވެސް.. ބޭނުމެއް ނުވޭ.." މިމްރާޙް ބުންޏެވެ.

"ނޫރާ ދެކެނީ މާޒީގެ ގޮތުގަ ތޯ.؟ އަހަރެން ކުރި ސުވާލަށް އަދިވެސް ޖަވާބެއް ނުލިބޭ.." ޝަމްޙާ އަނެއްކާ ވެސް އެންމެ ފުރަތަމަ ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

"އަހަރެން ވަގުތު ކޮޅެއް ބޭނުން.. ވިސްނާލަން.. މާދަމާ އަހަރެން މާލެ ދަން.. މާލެ އައިސް އަހަރެން ތިއަށް ވަކި ޖަވާބެއް ދޭނަން.." މިމްރާޙް ބުންޏެވެ.

"ތި ދަނީ ނޫރާ ހޯދަންތަ.؟ އަދި ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ހިނގާފަ އޮއްވާ ތި ގޮތަށް ހަމަ ދާން ރަނގަޅު ވާނެތަ.؟" އެ ރޭ ހިނގައިދިޔަ ކަންތަކަށް ފަހު ޝަމްޙާ ހުރީ ކަންބޮޑުވެފައެވެ.

"ނޫރާ ވީ ތަނެއް އަހަރެން ނުދެނެހުރިން.. އޭގެ ފަހުން އަހަރެން ނޫރާގެ ޚަބަރެއް ނުހޯދަން.. މިއީ ކޮންމެހެން ވެސް ދާން ޖެހޭ ދަތުރެއް.. އެހެންވީމަ އެބަ ޖެހޭ ދާން.. އައިސް އަހަރެން ޖަވާބެއް ދޭނަން.." މިމްރާޙް މި ފަހަރު ބުނި ވާހަކަ ޝަމްޙާއަށް ޤަބޫލު ކުރަން ދަތިވިއެވެ. ސަަބަބެއް އޭނާއަކަށް ނޭނގެއެވެ.

ޝަމްޙާ އެ ގެއިން ދިޔައީ ފަތިސްވީ ފަހުންނެވެ. އޭނާގެ ކޮނޑުގައި ހުރި ޒަޚަމްތަކުގައި ބޭސް އަޅައިދިނެވެ. ކޮޓަރީގައި ބަހައްޓާފައި ހުރި ނޫޑްލްސް ޕެކެޓްތަކުން ނޫޑްލްސް ކައްކައިދިނެވެ. މާ ގިނަ ވާހަކަތަކެއް ދެ މީހުންގެ މެދުގައި ފަހުން ނުދައްކައެވެ. ފަތިހު އޮތް ދޯނިން މިމްރާޙް މާލެ ގޮސްފިއެވެ. ޝަމްޙާ އިނީ މިމްރާޙް މާލެއިން އައިސް އޭނާ ކުރި ބޮޑު ސުވާލުގެ ޖަވާބު ލިބެންދެން އިންތިޒާރުގައެވެ.

****

މިމްރާޙް ނެތުމުން ޝަމްޙާ އުޅުނީ ފޫހިވެގެން ކުރާނެ ކަމެއް ވެސް ނޭނގިގެންނެވެ. މަގުމަތީގައި ބައިސްކަލް ދުއްވުން ނޫން ކަމެއް ނުކުރެއެވެ. ފަތިސް ނަމާދުން ފޭބީއްސުރެން ރަށު ތެރޭގައި ބައިސްކަލު ދުއްވަނީއެވެ. ދުއްވަމުން ދުއްވަމުން ހެނދުނު ނުވައެއް ޖަހާކަށް ހާއިރު ބަނދަރު ސަރަހައްދަށް ދިޔައީ ސަރުކާރުގެ ވަރުގަދަ ބަޔަކު ރަށަށް އައިސް އުޅޭ ޚަބަރު ލިބިގެނެވެ. އެއިން އެކަކީ މި ރަށު މީހެކޭ ކިޔައި އަޑު ވެސް ޝަމްޙާއަށް އިވިފައި އޮތުމުންނެވެ.

"ބޮޑުބޭ.. ކޮން ބަޔަކު އައިސް މި އުޅެނީ.؟" ބަނދަރު ސަރަޙައްދުގައި ތަކުރާއި އީމާ ތިއްބައި ފެނިގެން އެ މީހުން ގާތަށް ޝަމްޙާ ޖެހިލިއެވެ.

"ތަޤުދީރުގެ ކުޅިވަރު ވެސް މޮޅީ.. މިމްރާޙް ފުރައިގެން ދިޔައީ.. އެ އައީ މާލޭގައި ހުރި އޭނާގެ ދޮން މަންމަ.. ޙަލީމާ.. ދެން އެ ހުރީ އޭނާ މިހާރު އިނދެގެން އުޅޭ ޖަމްޝީދުގެ ލީދަރި.. އެއީ އަންނަ އިންތިޚާބުގައި ވާދަކުރާ ފައިސަލްގެ އަންހެނުން.. ނަމެއް ހަނދާނެއް ނެތް.." ތަކުރު ކިޔައިދިނެވެ.

"ފައިސަލް.." ކޮންމެ ވެސް ތަނަކުން ފެނިފައި އޮތް ނަމެއް ކަމަށް ޝަމްޙާގެ ހަނދާނަށް އައެވެ.

"އެއީ ކުރިން ވަޒީރެއް ދޯ.؟" އެއީ މިމްރާޙްގެ ޑައިރީގައި ލިޔެފައި އޮތް ފައިސަލް ކަމަށް ޝަމްޙާއަށް ހީވިއެވެ.

"އާނ.. ކިޔާނީ ވެސް އެހެން.. ވަޒީރު ފައިސަލް.." ޝަމްޙާއަށް ހީ ކުރެވުނީ ރަނގަޅަށެވެ.

ރަށަށް އައިސްގެން އުޅެނީ މިމްރާޙްގެ ދޮން މަންމަ ޙަލީމާއާއި މިމްރާޙްގެ ލޯބިވެރިޔާ ނޫރާއެވެ. މިމްރާޙްގެ ދޮން މަންމަ ޙަލީމާއަކީ ލޯބިވެރިޔާ ނޫރާގެ ދޮން މައިދައިތައެވެ. ޝަމްޙާގެ ބޮލުގައި ރިއްސައިގަތެވެ. މި ކަންކަން މިމްރާޙަށް އެނގޭބާއެވެ. އޭނާއަށް އެންމެ އަނިޔާވެރި ދޮން މަންމަ ކައިރީގައި ނޫރާ ހުރި ކަން އެނގޭނަބާވައެވެ.

****

ޙަލީމާއާއި ނޫރާ ރަށަށް ފަބައިގެން ގޮސް މަޑުކުރީ ޙަލީމާގެ މަންމަ ދިރިއުޅޭ ގޭގައެވެ. އެ ގޭގައި އުޅެނީ މަންމައާއި ކޮއްކޮ ސަންފާއާއި އޭނާގެ ތިން ދަރިންނެވެ. ސަންފާގެ ފިރިމީހާ މަރުވެގެން ދިޔަ ފަހުން އަހަރުތަކެއް ވެއްޖެއެވެ. އޭގެ ފަހުން އޭނާ މީހަކާ ކައިވެންޏެއް ނުކުރެއެވެ.

ޙަލީމާ ގޭގައި މަޑުކޮށްލިއިރު ނޫރާ ދިޔައީ ރަށުގެ ދެކުނު ފަރާތު ގޮނޑުދޮށާ ދިމާއަށެވެ. ނޫރާ ގާތަށް އައިސް ޝަމްޙާ މަޑުކޮށްލިއެވެ.

"ނޫރާ ދޯ.؟" ޝަމްޙާ އެހިއެވެ.

"ކިހިނެއް އަހަރެންގެ ނަން އެނގުނީ.؟" ރަށެއްގައި އުޅެމުންދާ އާދައިގެ މީހަކަށް ނޫރާގެ ނަން އެނގުމުން އޭނާ ހައިރާންވިއެވެ. އަދި އެއީ ދުވަހަކު ވެސް ދުށް މީހެއް ނޫން ކަން ވެސް ޔަޤީނެވެ.

"އަހަރެމެންގެ ވާން އޮތް ފަސްޓް ލޭޑީ ނޭނގި ނުދާނު.. އަހަރެންނަކީ ފައިސަލްގެ ބޮޑު ސަޕޯޓަރެއް.. ހިނގާބަލަ އަހަރެމެންގެ ގެއަށް ކާން ދާން.. ކިތައް ދުވަހަށް ތި އައީ.." ޝަމްޙާއަށް ނޫރާ އެނގުނު ގޮތް އޭނާ ފޮރުވިއެވެ.

"ފައިސަލްގެ ސަޕޯޓަރުން ގިނަ ދޯ.. ހާދަ ސަޕޯޓެކޭ އެ ކުރަނީ.. އަނބިމީހާ ވެސް އެބަ އެނގޭ ދޯ އަތޮޅުތެރޭގަ ތިބި މީހުނަށް ވެސް.. އަދި އާނ.. އަހަރެން މިއައީ ހަފުތާއެއްހާ ދުވަހަކަށް.." ނޫރާ ބުންޏެވެ.

"ކޮބައި މަންމަ.؟ ޙަލީމާ ދޯ ކިޔަނީ.؟" ޝަމްޙާ އެހިއެވެ.

"ލައްބަ.. މަންމަ ވެސް ގޮވައިގެން ތަ ދާންވީ.؟" ނޫރާ އެހިއެވެ.

"އޯކޭ.. ނޫރާ އެކަނި ދާ ގޮތަށް ވިއަސް.." ޝަމްޙާ ބުންޏެވެ.

ނޫރާއަށް ޝަމްޙާގެ އެކުވެރި މިޒާޖު ވަރަށް ކަމުދިޔައެވެ. އަދި އެ ގެއަށް ކާން ދާން އެއްބަސްވެ ޝަމްޙާއާ އެކީ ގޮސްފިއެވެ. ދެއްކީ ތުލުސްދޫގެ ކަންކަމުގެ ވާހަކައެވެ. ރަށުގައި ހުރި އިޖްތިމާއީ މައްސަލަތަކުގެ ވާހަކައެވެ. ޝަމްޙާ ދައްކަނީ ފައިސަލްގެ ވެރިކަމުގައި އިސްލާހު ވެދާނެ ކަމުގެ އުއްމީދުގެ ވާހަކަތަކެވެ. ނޫރާ ވެސް އެ އުއްމީދު އާކޮށްދެއެވެ.

ތަކުރުބެއާއި އީމާއާ ވެސް ނޫރާ ބައްދަލުވިއެވެ. ނޫރާއަށް މުޅި މި އާއިލާ ކަމުދިޔައެވެ. ހިތްހެޔޮ މިޒާޖުގެ މި އާއިލާ ކުރިން އައި ފަހަރުތަކުގައި ދިމާނުވުމުން ދެރަ ވެސް ވިއެވެ. ދެން ތުލުސްދޫއަށް އަންނަ ކޮންމެ ފަހަރެއްގައި އެ ގެއަށް ޒިޔާރަތް ކުރާނެ ކަމުގެ ޔަޤީންކަން ނޫރާ ދިނެވެ.

"ނޫރާ.. އެބައިން އަދި ބައިސްކަލެއް.. އަހަރެންގެ ރައްޓެއްސެއްގެ ބައިސްކަލެއް އެއީ.. އޭނަ ވެއްޖެ މިއަދު މާލެ ގޮސް.. ހިނގާބަލަ ދުއްވާލަން ދާން.." ޝަމްޙާ ބުންޏެވެ.

"އާނ.. މިމްރާހް ނެތިގެން ފޫހިވެގެން ޝަމްޙާ އެ އުޅެނީ ދޯ.." ތަކުރުބެ ސަމާސާއަކަށް މިހެން ބުނުމުން އޭނާއާ ދިމާއަށް ޝަމްޙާއާއި އީމާއަށް ވެސް ބަލައިލެވުނެވެ.

"މިމްރާހްއޭ..؟" މިމްރާޙްގެ ނަން އިވުމުން އިޚްތިޔާރަކާ ނުލައި ނޫރާއަށް ބުނެވުނެވެ.

(ނުނިމޭ)