ދުނިޔޭގެ އިތުރުން ރާއްޖޭގެ ގިނަބަޔަކު ބޭނުންކުރާ މަޝްހޫރު މީސްމީޑީޔާ، ޓްވިޓާ އިން އެންމެނަށްވެސް ވޭރިފިކޭޝަން ދިނުމަށް މަސައްކަތް ކުރާކަމަށް އެކުންފުނިން ބުނެފިއެވެ.

ޓްވިޓާ އިން ދޭ ވޭރިފިކޭޝަނަކީ އެ ޓްވިޓާ އެކައުންޓު ބޭނުން ކުރާ ފަރާތަކީ އެމީހެއްކަމަށް ޔަގީން ކޮށްދިނުމުގެ ގޮތުން ދޭ ބެޖެކެއެވެ. ނޫކުލައިގެ ހެޔޮފާހަގައެއް ޓްވިޓާ ނަމުގެ ފަހަތުގައި ޖެހުމަށްފަހު އެމީހެއްގެ އެކައުންޓެއް ވެރިފައިވީއެވެ. އެހިސާބުން އެންމެނަށްވެސް އެ އެކައުންޓަކީ އެބޭނުން ކުރާ މީހާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެކައުންޓެއްކަން ހާމަވެއެވެ.

މީގެ ކުރިން ޓްވިޓާއިން އެ ނޫކުލައިގެ ހެޔޮ ފާހަގަ ޖަހާފައިވާ ބެޖް ދީ އުޅުނީ ވަކި ވަރަކަށް ގިނައިން އެމީހަކަށް ފޮލޯވާސް ލިބި މަޝްހޫރު ތަރިއެއް ނުވަތަ ސިޔާސީ މީހެއް ނަމައެވެ، ނަމަވެސް މި ފަހަކަށް އައިސް ރަޖިސްޓާޑް ނޫސްވެރިންނަށްވެސް ވަނީ އެ ބެޖް ދީފައެވެ. ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކަށްވެސް ޓްވިޓާއިން ވަނީ ވޭރިފިކޭޝަން ބެޖް ދީފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ތިން ރައީސުންވެސް ހިމެނިވަޑައިގަންނަވައެވެ.

"އަހަރެމެން ބޭނުންވަނީ ޓްވީޓާ އަކީ އެންމެ ގިނަ މީހުން އިތުބާރު ކުރާ މީސް މީޑިޔާގެ އާލާތަކަށް ހެދުން. އަދި އަހަރެމެނަށް އެނގޭ މިކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން" ޓްވިޓާގެ އިސް އޮފިޝަލަކު ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ އެންމެނަށްވެސް އެއީ އެމީހާކަން ޔަގީންކޮށްދޭ ނޫ ކުލައިގެ ހެޔޮފާހަގަ ޖަހާފައިނާ ބެޖް ދިނުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް އެ ހިދުމަތް އެންމެނަށް ދޫކުރެވޭނީ އަދި ކިހާ ދުވަހަކުން ކަމެއް ނޭނގޭ ކަމަށެވެ. އަދި ވޭރިފައި ކޮށްދޭނީ ވޭރިފައި ކުރުމަށް ޓްވިޓާ އަށް އެދުމުން އެމީހުން ބަލަންޖެހޭ ބެލުންތަށް ބެލުމަށްފަހު އެއީ ސައްހަ އެކައުންޓެއްތޯ ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ.

ޓްވިޓާއިން މީހުންގެ އިތުބާރު ދެމެގެއްޓުމަށްޓަކައި އެންމެނަށްވެސް ވޭރިފިކޭޝަން ދެވޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު މިހާރުވެސް ޓްވިޓާ އަކީ އެންމެ ގިނަ މީހުން އިތުބާރުކުރާ މީސް މީޑިޔާގެ އެއް ވަސީލަތެއެވެ.